ފާއިތުވި 2021-2022 ވަނައަހަރު އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އެންމެ މޮޅު ދަރިވަރުންނަށް އިޔާން ޢަލީ މޫސާއާއި ފާޠިމަތު ޝާހާ ޙުސައިން ހޮވައިފިއެވެ.
އިޔާން އެއްވަނައަށް ދިޔައީ ސާނަވީންނެވެ. ޝާހާ އެއްވަނައަށް ދިޔައީ މަތީ ސާނަވީންނެވެ.
ރޭ ސޯޝަލް ސެންޓަރ ގައި ބޭއްވި އަޙްމަދިއްޔާގެ މިއަހަރުގެ އިނާމު ދިނުމުގެ ހަފްލާގައި މި ދެ ދަރިވަރުންނަށް ވެސް އިނާމު ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހްމާނު މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަނެވެ.
މިއަހަރު އަޙްމަދިއްޔާގެ 11 އޭގައި ކިޔަވަމުންދާ އިޔާން އަކީ 2021-2022 ވަނަ އަހަރުގެ ސްކޫލް ކެޕްޓަނެވެ. އޭނާވަނީ މިދިޔަ ވަނީ އޯލެވެލް ގަދަ ދިހައެއްގެ 3 ވަނަ ހޯދާފައެވެ.

އެންމެ މޮޅު ދަރިވަރަށް ހޮވުނު ޝާހާއަކީ ކިޔެވުމުގެ އިތުރަށް އިތުރު ހަރަކާތްތަކުގައިވެސް އަހްމަދިއްޔާ ތަމްސީލުކޮށް ކާމިޔާބީ ހޯދާފައިވާ ދަރިވަރެކެވެ. އޭގެ ތެރެއިން ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެނީ، ވާހަކަދެއްކުމުގެ ގައުމީ މުބާރާތާއި ޤުރުއާން މުބާރާތެވެ. އަދި ސްކޫލްގެ އަދަބީ ޖަމްޢިއޔާ ދަރިވަރުންގެ ހިޔާއިން ބޭއްވި ހިޔާ ޢީދުގެ އަދަބީ ތަރިއަކަށްވެސް ޝާހާވަނީ ހޮވިފައެވެ. ޝާހާވަނީ މީގެ ކުރިން ސާނަވީ ބައިންވެސް ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރުގެ މަގާމްވެސް ޙާޞިލްކޮށްފައެވެ.

އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު ވަނީ ސާނަވީ ބައިން ހުރިހާ ގޮތަކުން އެންމެ ރަނގަޅު 2 ވަނަ އާއި 3 ވަނަވެސް ހޮވާފައެވެ.
ސާނަވީން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދެވަނަ ދަރިވަރަކަށް ހޮވުނީ، 10އީ ގެ ޢަބްދުﷲ ހާޒިމް ޝާހިދެވެ. ހާޒިމް ވަނީ ގަދަ 10 ގެ 1 ވަނަ ހޯދާފައެވެ. އަދި ޓްރެވަލް އެންޑް ޓޫރިޒަމް އިން މުޅިދުނިޔޭގެ 6 ވަނަ ހޯދާފައެވެ.
ހުރިހާ ގޮތަކުން އެންމެ ރަނގަޅު ތިންވަނަ ދަރިވަރަކަށް ހޮވުނީ، 10ބީގެ އާމިނަތު އައިލީން ޢާމިރެވެ. އައިލީން އަށް ރާއްޖޭގެ ގަދަ 10 ން ލިބުނީ 2 ވަނަ އެވެ.
އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން އޯލެވެލް ގަދަ 10ގައި މިދިޔަ އަހަރު 54 ދަރިވަރުން ހިމެނުނެވެ. ގަދަ ދިހައެއްގެ 1 ވަނައިގައި ހިމެނުނީ 2 ދަރިވަރުންނެވެ. އެއީ ޢަބްދުﷲ ހާޒިމް ޝާހިދު 10އީ، އަދި ޙައްވާ ރިފާތު ޝަކޫރު 10 އޭ އެވެ. އޯލެވެލް ގަދަ ދިހައެއްގެ 2 ވަނައިގައި ހިމެނުނީ އާމިނަތު އައިލީން ޢާމިރެވެ. އޯލެވެލް ގަދަ ދިހައެއްގެ 3 ވަނައިގައި 4 ދަރިވަރުން ހިމެނުނެވެ. އެއީ އިޔާން ޢަލީ މޫސާ 10ބީ، ޢަބްދުއްސަލާމް 10ޑީ، އަމަތުﷲ ޝަރީފް އަޙްމަދު 10ސީ، ސާރާ އަޙްމަދު ސަޢީދު 10 ބީ އެވެ.
މަތީ ސާނަވީން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދެވަނަ ދަރިވަރަކަށް ހޮވުނީ، 12 އެޗް ގެ އުލާ ޢަލީ އެވެ. އުލާ ވަނީ ގަދަ 10 ގެ 4 ވަނަ ހޯދާފައެވެ.
ހުރިހާ ގޮތަކުން އެންމެ ރަނގަޅު ތިންވަނަ ދަރިވަރަކަށް ހޮވުނީ، 12 ޖޭ ގެ ޢައިޝަތު ޒުހާ ޝާހް އެވެ. ޒުހާ އަކީ މަތީ ސާނަވީގެ ސްކޫލް ކެޕްޓަންކަން އަދާކޮށްފައިވާ ދަރިވަރެކެވެ. ޒުހާ އަށް ރާއްޖޭގެ ގަދަ 10 ން ލިބުނީ 5 ވަނަ އެވެ.
އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން އޭލެވެލް ގަދަ 10ގައި މިދިޔަ އަހަރު 87 ދަރިވަރުން ހިމެނުނެވެ. ގަދަ ދިހައެއްގެ 1 ވަނައިގައި ހިމެނުނީ 3 ދަރިވަރުންނެވެ. އަދި 3 ދަރިވަރުންވަނީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ވެސް ހާސިލް ކޮށްފައެވެ. އެއީ، 12 ސީގެ ސިނާ އަޝްރަފާއި 12 އެޗްގެ މަލްސާ މުޖުތަބާ އާއި، 12 ސީގެ މަރިޔަމް އަޙްމަދެވެ. ރައީސްގެ ސްކޮލަޝިޕް ޙާޞިލްކުރި ދަރިވަރުންގެ ތެރެއިން 12 ސީގެ ޝިނާ އަޝްރަފްވަނީ 6 މާއްދާއިން އޭ ސްޓާރ ހޯދާފައެވެ. 12 އެޗް ގެ މަލްސާ މުޖުތަބާ އާއި 12 ސީގެ މަރިޔަމް އަޙްމަދު ވަނީ 5 މާއްދާއިން އޭ ހޯދާފައެވެ. މީގެ އިތުރުން ޝިނާ އަޝްރަފާއި މަރިޔަމް އަޙްމަދު ވަނީ، ފިޒިކްސް އިން މުޅި ދުނިޔެއިން 1 ވަނަ ހޯދާފައެވެ.
advertisment
ހިޔާލު