ނ. އަތޮޅު ސްކޫލްތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ މަޤްޞަދުގައި އިދާރީ ހުރިހާ މުވައްޒަފުންގެ ފަންނީ ޤާބީލުކަން އިތުރު ކުރުމަށް ބޭއްވި ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށް އެ ސްކޫލްތަކުގެ ޕްރިންސިޕަލުން ފާހަގަކުރައްވައިފިއެވެ.
މިއީ ސްކޫލްތަކުގެ އިދާރީ މުވައްޒަފުންނަށް އަމާޒުކޮށް ހިންގި މިފަދަ ފުރަތަމަ ބައްދަލުވުމެއެވެ. ސެޕްޓެމްބަރު މަހުގެ އެކަކުން ދޭކަށް، ކުޑަފަރީ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ބައިވެރިވީ ނ. އަތޮޅުގައި ހިމެނޭ 13 ރަށު ސްކޫލް ތަކުގެ ބަޖެޓް ފައިނޭންސާއި އެޗްއާރު މެނޭޖްމަންޓް މުވައްޒަފުންނެވެ. މީގެ އިތުރުން ހުރިހާ ސްކޫލެއްގެ ޕްރިންސިލުން ވެސް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކުޑަފަރީ ސްކޫލްގެ ޕްރިންސިޕަލް އަހުމަދު ހުސައިން ދަރިވަރު ނޫހަށް ވިދާޅުވީ، މި ބައްދަލުވުމުގެ އެންމެ މުހިންމު ބޭނުމަކީ އަތޮޅުގެ ހުރިހާ ރަށެއްގެ ސްކޫލްތަކުގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުން އެތަނަކުން އެއްވެ އިދާރީ ކަންތައްތަކުގައި ސްކޫލްތަކުގެ މެދުގައި ރަނގަޅު ހަރުދަނާ ގުޅުމެއް ޤާއިމް ކުރުމެވެ.

ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އިދާރީ ގޮތުން ގެނެވޭ ބަދަލުތަކަށް އަހުލުވެރި ކުރުވުމާއި އެޑިޔުކޭޝަން މިނިސްޓްއާއި ސްކޫލްތަކުގެ މެދުގައި އިދާރީ ގޮތުން އޮންނަންޖެހޭ ގުޅުމާއި ދިމާވާ މައްސަލަތަކަށް ހައްލު ކުރާނެ ގޮތްތައް ވެސް މި ބައްދަލުވުމުގެ ތެރެއިން އިދާރީ މުވައްޒަފުންނަށް އޮޅުން ފިލާފައިވާނެ އޭނާ ވިދާޅުވިއެވެ.
" އިދާރީ މުވައްޒަފުންގެ ކުރިއެރުމަށާއި އެމީހުން ރިފްރެޝް ކުރުމަށް މިފަދަ ބައްދަލުވުންތައް ވަރަށް މުހިންމު. އެކަން އެ މުވައްޒަފުން ވެސް ފާހަގަކުރޭ" އަޙްމަދު ވިދާޅުވިއެވެ.
" އިދާރީ ކަންތައްތަކުގައި ސްކޫލްތަކުގެ މެދުގައި ރަނގަޅު ގުޅުމެއް އުފައްދައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އަޅުގަނޑުމެން ވާނީ އެއްބަސްވެފައި"

މި ބައްދަލުވުމުގައި އިދާރީ މުވައްޒަފުންނަށް މައުލޫމާތު ދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ އިސް ދެ ބޭފުޅުންނެވެ.
ލަންދޫ ސްކޫލްގެ ޕްރިންސިޕަލް ޔޫސުފު އަބްދުއް ރަހީމް ވިދާޅުވީ އިދާރީ މުވައްޒަފުންނަށް ބޭއްވި ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށާއި އެފަދަ އިތުރު ބައްދަލުވުންތައް ކުރިއަށް ގެންދަން އެ މުވައްޒަފުންގެ އެދޭ ކަމަށެވެ.
އޭނާ ވިދާޅުވީ، މި ބައްދަލުވުމުގެ ސަބަބުން އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލްތަކާ ދެމެދު ކުރެވޭ އިދާރީ މަސައްކަތްތައް މިހާރަށްވުރެ ފަސޭހައިން ކުރެވޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އެކަމުގެ ފަންނީ މައުލޫމާތު މުވައްޒަފުންނަށް ލިބިގެން ދިއުމުން ސްކޫލްތަކުގެ ހިންގުމަށް ވެސް ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.
advertisment
ހިޔާލު