ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެންމެ މޮޅު ދަރިވަރުންނަށް ނައުފަލްއާއި ފާހިމް

ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 2021-2022 ވަނަ ދިރާސީ އަހަރުގެ އެންމެ މޮޅު ދަރިވަރުންނަށް މުހައްމަދު ނައުފަލް ޝިޔާމާއި މުޙައްމަދު ފާހިމް އިބްރާހިމް ހޮވައިފިއެވެ.

މިކަން އިޢުލާނު ކުރީ އެ ސްކޫލްގެ 2021-2022 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައެވެ. މި ގޮތުން މަތީ ސާނަވީ މަރުޙަލާގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކީ ނައުފަލްއެވެ. ފާހިމް ހޮވުނީ ސާނަވީ މަރުޙަލާގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަށެވެ.

ސާނަވީން އެއްވަނައަށް ދިޔަ މުޙައްމަދު ފާހިމް އިބްރާހިމްއަށް ޝަރަފުވެރި މެހުމާން މިނިސްޓްރީ އޮފް ފިނޭންސްގެ ބަޖެޓް ޗީފް އެގްޒެކްޓިވް އަލްފާޟިލް ސަރުވަޝް އާދަމް އިނާމް ހަވާލުކޮށްދެއްވަނީ: ސްކޫލްގެ ކެޕްޓަންކަމުގެ އިތުރުން، ބެސްޓް އޯލްރައުންޑް ސްކައުޓް އަދި އެކަޑެމިކް ޕާރފޯމަންސް އެންމެ ރަނގަޅު ސްކައުޓްގެ މަގާމް ވެސް އޭނާ ވަނީ ހޯދާފައި- ފޮޓޯ: ގދ. އޭއީސީ

މި ދެ ދަރިވަރުންނަކީ ވެސް ކިޔެވުމަށް ގަދައަޅައި މަސައްކަތްކުރި އަޚްލާޤު ރަނގަޅު ދެ ދަރިވަރުންނެވެ. އަދި ސްކޫލްގެ އިސް މަޤާމް ތަކެއް އަދާކޮށްފައިވާ ދެ ދަރިވަރުންނެވެ. އެ ގޮތުން ނައުފަލަކީ 2020 ވަނަ އަހަރުގެ ސްކޫލްގެ ކެޕްޓަންކަން އަދާކުރި ދަރިވަރެވެ. އަދި މަތީ ސާނަވީ މަރުހަލާގެ ކިޔެވުން ނިންމުމަށްފަހު ހަދާ އެޑެކްސްސެލް އޭލެވެލް އިމްތިހާނުން ނައުފަލް ވަނީ ޤައުމީ ގަދަ ދިހައިގެ ނުވަ ވަނައިން ޖާގަ ހޯދާފައެވެ.

ސާނަވީން އެންމެ މޮޅު ތިން ދަރިވަރުންނާއެކު ޕްރިންސިޕަލް އަދި ޝަރަފުވެރި މެހުމާން ސަރުވަޝް – ފޮޓޯ: ގދ. އޭއީސީ

ފާހިމަކީ 2022 ވަނަ އަހަރު ސްކޫލްގެ ކެޕްޓަންކަން އަދާކުރި ދަރިވަރެވެ. އެ އަހަރުގެ ބެސްޓް އޯލްރައުންޑް ސްކައުޓް އަދި އެކަޑެމިކް ޕާރފޯމަންސް އެންމެ ރަނގަޅު ސްކައުޓަކަށް ވެސް ހޮވުނީ ފާހިމެވެ. މީގެ އިތުރުން ގދ. އަތޮޅުގެ ތަޢުލީމީ މަރުކަޒުގެ ޙަޔާތުގައި މުޅިން އަލަށް ބްރިލިއަންސް އެވޯޑް ހޯދި ދަރިވަރަކީ ވެސް ފާހިމެވެ. ފާހިމްވަނީ އޯލެވެލް އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން ހިސާބު އަދި ފިޒިކްސް މި ދެ މާއްދާއިން ދިވެހިރާއްޖެއިން އެއްވަނަ ހޯދާފައެވެ. ހަމަ އެހެންމެ އިކޮނަމިކްސް މާއްދާއިން މުޅި ދުނިޔޭން 10 ވަނަ ވަނީ ހޯދާފައެވެ.

މި ޖަލްސާގައި ސާނަވީ އަދި މަތީ ސާނަވީ އިން ހުރިހާ ގޮތުން އެންމެ މޮޅު ދަރިވަރުންނަށް އިނާމް ޙަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހެމާނު މިނިސްޓްރީ އޮފް ފިނޭންސްގެ ބަޖެޓް ޗީފް އެގްޒެކްޓިވް އަލްފާޟިލް ސަރުވަޝް އާދަމެވެ. ސާނަވީ ބެސްޓް އޯލްރައުންޑަރ އަށް ތިނަދޫ ސިޓީ ކައުންސިލުން 10،000 ރުފިޔާ އަދި ގދ. އަތޮޅު ކައުންސިލުން 10،000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހުށަހަޅާފައެވެ. ހަމަ އެހެންމެ މަތީ ސާނަވީ މަރުހަލާގެ އެންމެ މޮޅު ދަރިވަރަށް ތިނަދޫ ސިޓީ ކައުންސިލުން 10،000 ރުފިޔާގެ ފައިސާގެ އިނާމް ދީފައިވާއިރު ގދ. އަތޮޅު ކައުންސިލުން ވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައެވެ.

ޝަރަފްވެރި މެހެމާނުގެ ވާހަކަފުޅުގައި ދިވެހިރާއްޖެ ދަތުރު ކުރަމުން މިދަނީ މުސްކުޅި އާބާދީއަކާ ދިމާއަށް ކަމާއި އެހެންކަމުން ކުރިއަށް އޮތް 40 ހަކަށް އަހަރު ތެރޭގައި ޒުވާނުންގެ މަސައްކަތުން ޤައުމަކީ މުއްސަނދި ޤައުމަކަށް ހެދުމަކީ އަންނަން އޮތް ޖީލަށް ޤައުމު ރައްކާތެރިކަމާއެކު ޙަވާލުކުރުމަށް މިޖީލުގެ ޒުވާނުން ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއްކަމަށް ފާހަގަ ކުރެއްވިއެވެ. ހަމަ އެހެންމެ ކުރިއަށް އޮތީ އާޓިފިޝަލް އިންޓެލިޖެންސްގެ ޒަމާންކަމާއި އެހެންކަމުން ދަރިވަރުންގެ އުނގެނުން ވެސް އެ ދިމާއަށް ފޯކަސް ކުރުމުގެ މުހިއްމުކަން ސަރުވަޝް ފާހަގަކުރެއްވިއެވެ. މި ޖަލްސާގައި ތިނަދޫ ސިޓީގެ މުއައްސަސާތަކުގެ އިސްވެރިންނާއި ސްކޫލްތަކުގެ ވެރިން ބައިވެރިވެލެއްވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *