ފުވައްމުލައް މުޙައްމަދު ޖަމާލުއްދީން ސްކޫލްގައި އަލަށް ޢިމާރާތް ކުރި 16 ކްލާސްރޫމާއި ކޮމްޕިއުޓަރ ލެބް ހިމެނޭ އިމާރާތް މިއަދު ހުޅުއްވައިފިއެވެ.
އެ ސްކޫލުގައި މިއަދު ބޭއްވީ ރަސްމިއްޔާތުގައި މި އިމާރާތް ހުޅުއްވައި ދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީއެވެ.
މި ޢިމާރާތުގެ ސަބަބުން އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުވެ، އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލަކަށް އެ ސްކޫލް ބަދަލުވެގެންދާނެއެވެ.
އެމްޖޭއެސްގެ އާ އިމާރާތުގެ މަސައްކަތް ކުރީ 12 މިލިއަން ރުފިޔާއަށް އިނޯކާ ޕްރައިވެޓް ލިމިޓެޑުންނެވެ.

މުޙައްމަދު ޖަމާލުއްދީން ސްކޫލްގެ ޕްރިންސިޕަލް އާރިފާ އަބްދުލް މަޖީދު ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، އާ އިމާރާތް ބޭނުންނ ކުރަން ފަށައި، އަންނަ ހޯމަ ދުވަހުން ފެށިގެން އެ ސްކޫލުގައި ކިޔަވައިދޭނީ އެއް ދަންފަޅިއަށް ކަމަށާއި އެކަމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ނިމިފައިވާ ކަމަށެވެ.
" ހޯމަ ދުވަހުން ފެށިގެން އެއް ދަންފަޅިއަށް ކިޔަވައިދޭން ފަށާނެ. އަޅުގަނޑުމެން މިހާރު މި ތިބީ އެކަމަށް ތައްޔާރުވެގެން " އާރިފާ ވިދާޅުވިއެވެ.
" މި އަހަރު ކުދިން ވެއްދުމުގައި ވެސް އަޅުގަނޑުމެން ބެލީ 16 ކުލާސްރޫމާއެކު އެއް ދަންފަޅިއަށް ދައްޗެއް ނެތި ކިޔަވައިދެވޭވަރު ބަލައިގެން ކުދިން ވައްދަން" އާރިފާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ 800 އަށްވުރެ ގިނަ ދަރިވަރުން މިހާރު ކިޔަވަމުންދާ އެ ސްކޫލުގައި ކޮމްޕިއުޓަރ ސައިންސް ކިޔަވައިދެމުން އައީ ވަރަށް ދަތީގައި ކަމަށާއި، އެ ހާލަތުގައި ވެސް ހުރިހާ ދަރިވަރުން އެ މާއްދާއިން ފާސްވިކަމަށެވެ.
" ގުދަނެއް ކަހަލަ ތަނަކަށް ދެތިން ކޮމްޕިއުޓަރު ވައްދައިގެން ވަރަށް ދަތީގައި ލެބްގެ ޚިދުމަތް ދަރިވަރުންނަށް ދެމުންއައީ. އަލަށް ހުޅުވި ލެބާއެކު މާ ރަނގަޅު ނަތީޖާއެއް އަޅުގަނޑުމެންނަށް ހޯދޭނެ" އާރިފާ ވިދާޅުވިއެވެ.
އާރިފާ ވިދާޅުވީ ކޮމްޕިއުޓަރ ލެބަށް ބޭނުންވާ 25 ކޮމްޕިއުޓަރާއި ފަރުނީޗަރު އަންނަ ހަފްތާގެ ތެރޭގައި އެ ސްކޫލަށް ލިބޭނެ ކަމަށެވެ.
advertisment
ހިޔާލު