ވޮކޭޝަނަލް ލެބްތަކަކީ މަސައްކަތުގެ މާހައުލުގައި ފަސް ނުޖެހޭ މަސައްކަތްކުރަން ދަންނަ ކުދިބަޔަކަށް ހެދުމަށް އެޅޭ ބިންގަލެއް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 28 ސްކޫލެއްގައި ހުޅުވާ ވޮކޭޝަނަލް ލެބްތަކުގެ ތެރެއިން ފުރަތަމަ ލެބް ތާޖުއްދީން ސްކޫލުގައި ހުޅުއްވައި ދެއްވައި އެކަމަނާ މިއަދު ވިދާޅުވީ ހުނަރުވެރި ދިވެހި ދަރީންތަކެއް އުފެއްދުން ދިވެހިރާއްޖެއަށް ވަރަށް ބޭނުންތެރިކަމަށާއި މިއީ ހުނަރުވެރި ދިވެހިން އުފެއްދުމަށް ކުރަމުންދާ މަސައްކަތުގައި ގަތާލެވޭ އިތުރު ބޮޅެއް ކަމަށެވެ. އަދި މިއީ ސްކޫލް މާހައުލުން ނުކުންނަ ދަރިވަރުންނަކީ މަސައްކަތުގެ މާހައުލުގައި ފަސް ނުޖެހޭ މަސައްކަތްކުރަން ދަންނަ ކުދިބަޔަކަށް ހެދުމަށް އެޅޭ ބިންގަލެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިފަދަ ޕްރޮގްރާމް ތަކުގެ ސަބަބުން ބައެއް އިޖްތިމާޢީ މައްސަލަތައް ވެސް ހައްލުވެގެންދާނެ ކަމަށާއި ކަމެއް ނެތިގެން މަގުމައްޗަށް ނުކުންނަ ޅަފުރައިގެ ކުދިން މަދުވެގެންދާނެ ކަމަށެވެ. ބޮޑުވެގެން ކުރާނެ އަބުރުވެރި މަސައްކަތެއް ހިޔާރުކުރަން ދަރިވަރުންނަށް ލިބޭ އެހީއަކަށް ވެސް އެކަން ވެގެންދާނެ ކަމަށާއި ތިމާ ޝައުގުވެރިވާ ދާއިރާތައް ތަޖު ރިބާކޮށް ތިމާގެ ހުނަރުތައް ތަރައްޤީކުރަން ދަރިވަރުންނަށް ފުރުޞަތު ފަހި ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

" ޤައުމު ބިނާކުރަން ބޭނުންވަނީ ފޮތު ޢިލްމަށްވުރެ އަމިއްލައަށް ކަންކަން ކުރަން ދަންނަ ހުނަރުވެރިން. ޤައުމު ބިނާކުރަން ބޭނުންވަނީ ރޮބޮ ޓްތަކަކަށްވުރެ އަމިއްލަ ސިކުނޑި ން އީޖާދީ ވިސްނުން ވިސްނާ ފަންނުވެރިން" މިނިސްޓަރު ވިދާޅުވިއެވެ.
" އަޅުގަ ނޑު މި ދަންނަވަނީ އެއްވެސް ގޮތެއްގައި ކިޔެވުމަށް ދޭ ސަމާލުކަން ކުޑަކުރަން ޖެހޭ ވާހަކައެއް ނޫން. ކޮންމެ ދަރިވަރަކު ވެސް މަދަރުސާތަކުގައި ކިޔަވައިދޭ އިލްޒާމީ ތަޢުލީމު ފުރިހަމަ ކުރަން ޖެހޭނެ. ނަމަވެސް ކިޔެވުމުގެ އިތުރަށް އެކުއްޖަކު ޝައުގުވެރިވާ އެކުއްޖަކަށް ރަނގަޅަށް ކުރެވޭ ކަމެއް. ހުނަރެއް ދަސްކުރަންވާނެ. ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް މަސައްކަތް ކުރަންވާނެ. ޚާއްޞަކޮށް މަދަރުސާ ދައުރުގައި ހީވާގިކޮށް ހަރަކާތްތެރިވެ އުޅުމުގެ އާދަކާދަ ލިބިގަންނަން ވާނެ"
މިނިސްޓަރު ވިދާޅުވީ، ކޮންމެ ގަހެއްގައި ވެސް ވަކި މަލެއް ފަރިވެ ފޮޅޭ ފަދައިން ކޮންމެ ކުއްޖެއްގެ ކިބައިގައި ވެސް އެކުއްޖަކަށް ޚާއްޞަ ގާބިލްކަމަކާއި ހުނަރެއް ވާނެ ކަމަށާއި ކިތަންމެ ކުދިންނެއް ފުރާވަރަށް އަރައި ހަރުވެ މުސްކުޅިވެ މި ދުނިޔެ ދޫކޮށްދަނީ މާތް الله ދެއްވާފައިވާ ޚާއްޞަ ޤާބިލްކަން ފާހަގަ ނުކުރެވި ތަރައްޤީ ނުކުރެވި ކަމަށެވެ. އެހެންވެ ކޮންމެ އިންސާނަކަށް ދެއްވާފައިވާ ޤުދްރަތީ ހަދިޔާއަކީ، ޚާއްޞަ ހުނަރަކީ ކޮބައިކަން ހޯދައި އެ ތަރައްޤީކުރުން ބޭނުންތެރި ކަމަށެވެ.

"މިކަން ކުރެވޭނީ ތަފާތު އެތައް ކަމެއް ކޮންމެ ކުއްޖަކު ތަޖުރިބާކޮށްގެން. އޭނާއަށް އެންމެ މޮޅަށް ކުރެވޭ ކަންކަން ފާހަގަކޮށްގެން. ސްކޫލްތަކުގެ ދަރިވަރުންނަށް ފޮތުން އުނގަންނައިދެވޭ ތަޢުލީމުގެ އިތުރުން މަސައްކަތްތެރިކަމުގެ ހުނަރުތައް ދަސްކޮށްދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ ކަމެއް. ރާއްޖޭގެ ތަޢުލީމީ ސިޔާސަތާ އެއްގޮތަށް ވަށާޖެހޭ ތަޢުލީމެއް ކުދިންނަށް ދީގެން އެކުދީން ދިރިއުޅުމަށް ތައްޔާރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ވޮކޭޝަނަލް އެޑިޔުކޭޝަންގެ ޖެނެރަލް ލެބަކީ ދަރިވަރުން ނަށް މަސައްކަތްތެރިކަމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ތަނަވަސްވެގެންދާ ވަރަށް ބޮޑު ފުރުޞަތެއް"
ވޮކޭޝަނަލް ލެބް ތަކަކީ ސްކޫލް ނިންމާ ދަރިވަރުންނަށް އެ ކުދިން ޝައުގުވެރިވާ ދާއިރާތައް ބަލާ ހޯދައި ހުނަރު ދަސްކުރުމަށް ހިތް ޖައްސަން އެޅޭ ފިޔަވަޅެއްކަން ބަޔާން ކުރައްވައި މިނިސްޓަރު ވިދާޅުވީ، މިއީ ޤައުމު ބިނާކުރުމުގައި ހުނަރުވެރިންނާއި ފަންނުވެރިންގެ މަސައްކަތުގެ މުހިއްމުކަން ދަރިވަރުންނަށް ހާމަކޮށްދޭން ކުރެވޭ މަސައްކަތެއް ކަމަށެވެ.
ޢާންމު ދިރިއުޅުމުގައި ކޮންމެހެން ދަސްކުރަންޖެހޭ މުހިންމު އެތައް ހުނަރަކާއި އާޓް އެންޑް ކްރާފްޓްގެ މަސައްކަތްތައް އެކުދިންނަށް ދަސްކޮށްދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ދަރިވަރުންގެ ފަންނީ ހުނަރުތަކުގެ އިތުރުން އެ ކުދިންނަށް އުފެއްދުންތެރި ވިސްނުމާއި ދިރިއުޅުމުގައި ދިމާވާ ކަންކަން ހައްލުކުރުމުގެ ހުނަރުތައް ދަސްވުމާއެކު މުސްތަޤުބަލުގައި ހުނަރުވެރި ޤާބިލު ތަޢުލީމީ ޖީލެއް ބައްޓަންކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ، ވޮކޭޝަނަލް އެޑިޔުކޭޝަން ޖެނެރަލް ލެބްގެ އިތުރުން އަދި ވަކި ވަކި ހުނަރުތަކަށް ޚާއްޞަ ކޮށްގެން ހުޅުވާ ލެބްތައްވެސް ކުރިއަށްއޮތް ތަނުގައި މި ސްކޫލްތަކުގައި ހުޅުވިގެން ދާނެ ކަމަށާއި މީގެ ތެރޭގައި އެއަރ ކޮންޑިޝަން މަރާމާތުކުރުމުގެ މަސައްކަތް ދަސްކޮށްދޭ ލެބްތަކާއި އިލެކްޓްރޯނިކް މަސައްކަތާއި ވަޑާމުގެ މަސައްކަތަށް ޚާއްޞަކޮށްފައިވާ ލެބްތައް ހިމެނޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ލެބްތަކުގެ ފޮނި މީރުކަން ދަރިވަރުންނަށް އެންމެ ފުރިހަމަ ގޮތުގައި ލިބިގެންދާނީ ކިޔަވައިދެއްވަން ތިއްބަވާ މުދައްރިސުންގެ ޝައުގުވެރިކަމާއި މަސައްކަތުންނެވެ. ދަރިވަރުންގެ ފިލާވަޅުތަކުގެ ތެރެއަށް ހުނަރުވެރިކަން ދަސްކޮށްދިނުމުގެ ބައިތައް ހިމަނައިގެން މި ލެބްތަކުގައި ލިބެންހުރި ވަޞީލަތްތައް ބޭނުންކޮށްގެން ކިޔަވައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުމުގައި މުދައްރިސުންނަށް ލިބިލައްވާފައިވާ ތަމްރީނުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފައި ހީވާގިކަމާއެކު ކުރިއަށްގެންދެވުމަށް މުދައްރިސުންގެ އަރިހުން އެޑިޔުކޭޝަން މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.
advertisment
ހިޔާލު