މުލަކު ސްކޫލާއި މާވަށު ސްކޫލްގެ އިތުރުން ގދ. އަތޮޅު މަދަރުސާގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފަށައިފި

މަތީ ސާނަވީގެ ކިޔެވުން މިއަދު ފެށިއިރު، މ. މުލަކު ސްކޫލާއި ލ. މަވަށު ސްކޫލްގެ އިތުރުން ގދ. އަތޮޅު މަދަރުސާގައި ގުރޭޑް 11އަށް ކިޔަވައިދޭން ފަށައިފިއެވެ.

މާވަށު ސްކޫލުގައި މަތީ ސާނަވީއަށް ކިޔަވައިދިނުން ފައްޓަވައި ދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއެވެ. މުލަކު ސްކޫލްގައި މަތީ ސާނަވީއަށް ކިޔަވައިދިނުން ފައްޓަވައި ދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ އަޙްމަދު އަލީއެވެ.

މުލަކު ސްކޫލުގައި އޭލެވެލް ފެށީ 27 ދަރިވަރުންނާއެކުގައެވެ. އެ ސްކޫލްގައި ސައިންސާއި ބިޒްނަސްގެ އިތުރުން ބީޓެކް ސްޓްރީމަށް މަތީ ސާނަވީގައި ކިޔަވައިދޭނެއެވެ.

މާވަށު ސްކޫލުގައި މަތީ ސާނަވީއަށް ކިޔަވައިދޭން މި ފެށީ ދިހަ އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. މިއަދު ގުރޭޑް އެގާރައަށް ކިޔަވައިދޭނީ 15 ދަރިވަރުންނާއެކު ކޮންބައިންޑް ސްޓްރީމަކަށެވެ.

މާވަށު ސްކޫލްގެ ޕްރިންސިޕަލް ޒުލައިހާ ރަފީޤު ވިދާޅުވީ، ދިހަ އަހަރުގެ މެދުކެނޑުމަކަށްފަހު އެ ސްކޫލުގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފެށުމަކީ އެއީ ލިބުނު ކުރިއެރުމެއް ކަމަށާއި، އޯލެވެލްގެ ނަތީޖާވެސް މިހާރު ރަނގަޅު ވަމުން އަންނަ ކަމަށެވެ. މި އަހަރު ބޭއްވި އޯލެވެލް އިމްތިޙާނުގައި އެ ސްކޫލްގެ ތިން ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާވަށު ސްކޫލްގައި 368 ދަރިވަރުން މިހާރު ކިޔަވަމުން ގެންދެއެވެ.

ގދ. އަތޮޅު މަދަރުސާގައި ވެސް މަތީ ސާނަވީއަށް ކިޔަވައިދޭން ފެށުމާއެކު އެއީ އެ ސްކޫލާއި ގައްދޫއަށް ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށް އެ މަދަރުސާއިން ފާހަގަކުރެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *