ވިލުފުށީ ސްކޫލަށް 75 އަހަރު، އަލިމަސް ޖުބިލީ ޓައިމް ކެޕްސޫލް ވަޅުލައިފި

ތ. ވިލުފުށީ ސްކޫލަށް 75 އަހަރުފުރޭ އަލިމަސް ޖުބިލީ ޓައިމް ކެޕްސޫލް އިއްޔެ ވަޅުލައިފިއެވެ. މި ރަސްމިއްޔާތުގައި އެ ސްކޫލްގެ ގުރޭޑް 6ން 12އިގެ ދަރިވަރުން ބައިވެރިވިއެވެ.

ވިލުފުށީ ސްކޫލަށް 75 އަހަރު ފުރުނީ 27 އޮގަސްޓްގައެވެ.

ޚާއްޞަ އެސަމްބްލީއަކާއި ކޭކުފެޅުން ވެސް އިއްޔެ ވަނީ ބާއްވާފައެވެ.

ވިލުފުށީ ސްކޫލުން ބުނީ " އަލިމަސް ޖުބިލީ ޓައިމް ކެޕްސޫލް" އަށް މެސެޖް ނުވަތަ އެ ސްކުލާ ގުޅޭ އެހެނިހެން ތަކެތި ހުށަހެޅުމަށް ހުޅުވާލެވުނު ފުރުޞަތުގައި އިސްދަރިވަރުންނާއި މިހާރުގެ ދަރިވަރުންނާއި މުވައްޒަފުންނާއި ބެލެނިވެރިން އަދި އެކިގޮތްގޮތުން ހެޔޮއެދޭ ފަރާތްތަކާއި އެހާރާއި މިހާރުގެ ނާޒިރުންގެ މެސެޖްތައް ލިބިފައިވާ ކަމަށެވެ. މި ކެޕްސޫލަށް ދާދިވަރުކޮށް މެސެޖް ހުށަހެޅުމުގެ ފުރުޞަތު ވެސް ހުޅުވާލެވުނު ކަމަށް ވިލުފުށީ ސްކޫލުން ބުނެއެވެ.

މީގެ އިތުރުން ސްކޫލުގެ އެހާރާއި މިހާރުގެ ލިޔުންތަކާއި ފޮޓޯ އަދި ސްކޫލްގެ ތާރީޚީ މައުލުމާތު ހިމެނޭ އިހުގެ ލިޔުންތައް މި ކެލްސޫލްގައި ހިމަނާފައިވާނެ ކަމަށް ވިލުފުށީ ސްކޫލުން ބުނެއެވެ.

އޭގެ ތެރޭގައި ހިމެނެނީ ކުރީގެ އެކްޓިވިޓީ ޔުނީފޯމާއި ސްކޫލްގެ ދިދައާއި ސްކޫލްގެ ރަސްމީ ޔުނީފޯމްގެ ޤަވާއިދާއި ސްކޫލް އިމްޕްރޫވްމަންޓް ޕްލޭނާއި ސްކޫލްގައި ހިންގުނު ޅެން ހަދަން ދަސްކޮށްދޭ ކޯހުގެ މއްޗައް އެކުލަވާލައި ނެރެފައިވާ ފޮތް، ފުރަތަމަ އޭލެވެލް ބެޗްގެ ދަރިވަރުންގެ ގްރެޖުއޭޝަންގެ ލީފްލެޓް، ތަޢުލީމީދާއިރާގެ އެންމެ އިހުޒަމާނުގެ އުޞޫލުތަކުގެ ކޮޕީ އަދި ސްކޫލްގެ މާޒީގައި މި ވޭތުވެދިޔަ 75 އަހަރު ސާނަވީ އާއި މަތީ ސާނަވީ އިމްތިޙާނުތަކުން މަތީ އަރުތަވެރިންގެ ގޮތުގައި ހިމެނޭ ހުރިހާ ދަރިވަރުންގެ ނަތީޖާ އާއި އެ ދަރިވަރުން ހޮވުނު ވަނަތަކުގެ މައުލޫމާތެވެ.

ވިލުފުށީ ސްކޫލްގެ ޕްރިންސިޕަލް އާމިނަތު އަފްރާ އާދަމް ވިދާޅުވީ އިއްޔެ ވަޅުލި ކެޕްސޫލް ނަގާނީ މީގެ 25 އަހަރު ފަހުން، 2048 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު ކަމަށެވެ.

ވިލުފުށީ ސްކޫލުން ބުނީ އަހަރީ އަލިމަސް ޖުބިލީގެ ޚާއްޞަ ޖަލްސާ އެހެން ދުވަހަކަށް ފަސްކޮށްފައިވާ ކަމަށެވެ. ވިލުފުށީ ސްކޫލްގައި 300 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *