ފާއިތުވި އަހަރު ހއ. އޭއީސީގެ އެންމެ މޮޅު ދަރިވަރުންނަށް ލީންއާއި މައުސާ

ފާއިތުވި 2021-2022 ވަނަ އަހަރު ހއ. އަތޮޅު ތަޢުލީމީ މަރުކަޒުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމަށް މަރިޔަމް ލީން އިބްރާހިމް ހަފީޒުއާއި މައުސާ އާދަމް ހޮވައިފިއެވެ.

ލީންއަށް އެއްމެ މޮޅު ދަރިވަރަރުގެ މަޤާމް ލިބުނީ ސާނަވީ ބައިންނެވެ. މައުސާއަށް އެއްވަނަ ލިބުނީ މަތީ ސާނަވީންނެވެ. މި ދަރިވަރުންނަށް އިނާމް ދެއްވީ ޝަރަފުވެރިމެހުމާނެއްގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުޖާހިދެވެ.

އަޙްމަދިއްޔާ ސްކޫލްގެ ގުރޭޑް 11 ގައި މިހާރު ކިޔަވަމުންދާ ލީން ވަނީ ފަސް މާއްދާއިން އޭ ސްޓަރ، ދެ މާއްދާއިން އޭ އަދި އެއް މާއްދާއިން ސީއެއް ހޯދައިގެން ސާނަވީގެ ޤައުމީ ގަދަ ދިހައެއްގެ ހަ ވަނަ ހޯދާފައެވެ. ލީން ބޭނުން ވަނީ ނަރުހެއްގެ ގޮތުގައި ކުރިއަށް ދާށެވެ.

މައުސާ ވަނީ ހަތަރު މާއްދާއިން އޭ އަދި އެއް މާއްދާއިން ބީއެއް ހޯދައިގެން މަތީ ސާނަވީގެ ޤައުމީ ގަދަ ދިހައެއްގެ ހަތްވަނައިގައި ހިމެނިފައެވެ. އާރުއީސީގައި މިހާރު މަސައްކަތް ކުރަމުންދާ މައުސާ އެމްއައި ކޮލެޖުން އެކައުންޓިންގ އެންޑް ބިޒްނަސް ދާއިރާއިން ކިޔަވަމުންނެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރު މުޖާހިދު ވިދާޅުވީ މީހެއްގެ އަޚްލާގު އެނގެނީ ނަގާ ސަނަދަކުން ނޫން ކަމަށާއި ސްކޫލް ނިންމާފައި ދާއިރުގައި ވެސް ކުދިން ހޯދާ ތައުލީމާ އެއްވަރަށް އަޚުލާޤާއި އަޅުގަނޑުމެން މުޖްތަމައު ޤަބޫލުކުރާ އުޞޫލުތައް ކޮންމެ ކުއްޖެއްގެ ކިބައިގައި ވެސް ހުންނަންޖެހޭނެ ކަމަށެވެ.

މުޖާހިދު ވިދާޅުވީ ކިޔަވާ ކުއްޖަކަށް ވެސް އަދި ވަޒީފާގައި ދެމިހުންނައިރު ވެސް ގަޑިއަކީ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. އެގޮތުން ވަގުތައް ކަމޭހިތުމާއި އިޚްލާސްތެރިކަން އަށަގަންނުވަންޖެހޭ ކަމަށް ފާހަގަކުރެއްވިއެވެ.

" ވަޒީފާތައް އަންނަނީ ބަދަލުވަމުން. އެހެން ނަމެވެސް ކިތައްމެ އަހަރެއް ވިޔަސް ވަގުތެއް ބަދަލެއް ނުވާނެ. ކޮންމެ މީހަކަށް ވެސް ލިބެނީ ސައުވީސް ގަޑިއިރު. ވަޒީފާގެ ބާޒާރަށް ނުކުންނައިރު ގަޑިއަށް ފަރުވާތެރިވުމަކީ ވަރަށް މުހިންމު ކަމެއް. ގަޑިޖެހުމަކީ މިއީ ވަރަށް ހުތުރު ކަމެއް. މިއަދުން ފެށިގެން ވެސް ތިޔަކުދިން އަޒުމް ކަނޑައަޅަންވީ ގަޑިނުޖެހި ކުރާ ކަމެއް ކުރަން" މުޖާހިދު ވިދާޅުވިއެވެ.

" މީހުން ގަޑިޖެހެނީކީ އެލާމްކްލޮކުން އެލާމްވާލެއް މަޑުކަމަކުން ނޫން. ނުގޮވާތީކީއެއް ވެސް ނޫން. އެއީ އެމީހާގެ ސިކުނޑި އެކަމަށް ތައްޔާރު ނުކުރެވޭތީ. އެމީހާގެ ހިތުގެ އެލާމް އެކަމަށް ސެޓް ނުކުރެވޭތީAll Posts"

ވަގުތައް ކަމޭހިތުމާއި ގަނޑިނުޖެހުމުގެ އާދަ މިއަދު ނޫނީ މާދަމާ ވެސް ކުދިންގެ ކިބައިގައި އަށަގަންނުވަން ޖެހޭ ކަމަށް ދަރިވަރުންނާއި މުދައްރިސުންނަށް އޭނާ ހަނދާން ކޮށްދެއްވިއެވެ.

ދެން މުޖާހިދު ފާހަގަކުރެއްވީ ކާމިޔާބު މީހަކަށް ވުމަށް އެޓިޓިއުޑްގެ މުހިންމު ކަމުގެ މައްޗަށެވެ.

އެ މީހެއްގެ ކާމިޔާބު ގުޅެނީ އެމީހެއްގެ އެޓިޓިއުޑަށްކަން ބަޔާން ކުރައްވައި، މުޖާހިދު ވިދާޅުވީ، މިކަމަށް ބާރުދޭ ވަރަށް ގިނަ ދިރާސާތައް ކުރެވިފައި އެބަހުރި ކަމަށާއި އޭގެ ތެރޭގައި ހާވަޑް ޔުނިވަރސިޓީގައި ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި 80 އިންސައް މީހުން ވަޒީފާގެ މާހައުލުގައި ކުރިއަރައިގެން ދަނީ މީހާގެ ޕޮޒިޓިވް އެޓިޓިއުޑްގެ ސަބަބުން ކަމަށެވެ.

" ނެގެޓިވް އެޓިޓިއުޑްގެ ސަބަބުން މީހުން ހަލާކުވަނީ، ކަންކަމާ މެދު އަބަދު ނެގެޓިވް ވިސްނުމުގެ ސަބަބުން މިހާ ބަލިވަނީ. އެފަދަ މީހުންނަށް ދިމާވާނީ ވެސް ނެގެޓިވް ކަންތައްތައް"

ޓީޗަރުންނަށް މުޖާހިދު ގޮވާލެއްވީ ކުދިންނަށް ހިތްވަރު ދިނުމާއެކު ކުދިންނަށް މޯޑިވޭޓް ކޮށްދިނުމަށެވެ.

" ކުދިން މޯޓިވޭޓް ކުރީމާ ކުދިން ކިޔަވާހިތްވާނެ. ހަމަ ގޮސް ކުލާހަށް ވަދެފައި ފިލާވަޅެއް ކިޔަވާ ދިނަކަސް ކުދިން ނުކިޔަވާނެ. އަޅުގަނޑުމެން ވެސް ނުކިޔާނެ. އަޅުގަނޑުމެން ފުރަތަމަ ކުރަންޖެހޭ ކަމަކީ ހަގީގަތުގައި ވެސް ކުދިން މޯޓިވޭޓް ކުރުން. އަޅުގަނޑުމެންނަށް ފާހަގަވާނެ އެއް ކުލާސްރޫމެއްގައި އެއް ކުދިންތަކެއް ތިބެގެން ވަކި މާއްދާއެއް ވަކި ޓީޗަރަކު ކިޔަވައިދޭ ގަޑީގައި ހުރިހާ ކުދިން ޝަޢުޤުވެރިކަމާއެކު ކިޔަވާ، ސުވާލުކޮށް ހިނިތުންވެ ވަރަށް ބޮޑަށް ކިޔެވުމުގައިއުޅޭތަން ފެންނަތަން. ހަމަ އެ ކުލާސްރޫމަށް ހަމަ އެގޮނޑިތަކުގައި ތިބެގެން އެހެން ޓީޗަރަކު ކިޔަވައިދޭއިރު މުޅިން ތަފާތު. ކިހިނެއްތޯ މިވަނީ." މުޖާހިދު ވިދާޅުވިއެވެ.

" ހަޤީޤަތުގައި މޯޓިވޭޝަން ނެތީ. ޝަޢުޤުވެރިކަން ގެއްލެނީ. ޝަޢުޤު އުފެއްދުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނެ. އޭރުން ކޮންމެ ދުވަހަކު ކުލާހަށް ވަދެ " ސްޓޮޕް ޓޯކިންގ" ކިޔާކަށް ނުޖެހޭނެ. ދިރާސީ އަހަރު ފެށޭ ދުވަސްވަރު ކުރަންޖެހޭ ކަމަކީ ކުދިން ޝަޢުޤުވެރި ކުރުވުމަށްޓަކައި ކަންތައްތަކެއް ކުރުން. ޕޮޒިޓިވް ތިންކިންގ ކުދިންގެ ކިބައިގައި އަށަގެންނެވުމަށްޓަކައި މަސައްކަތް ކުރުން"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *