ޗައިނާ ބަސް ކިޔެވުމުގެ ފުރުޞަތު ފަހިކޮށް، ހިލޭ އޭލެވެލްއަށް ކިޔެވުމުގެ ފުރުޞަތު ވިލާ ހައި ސްކޫލުން ހުޅުވާލައިފި

ޗައިނާ ބަސް ކިޔެވުމުގެ ފުރުޞަތު ފަހިކޮށް، ހިލޭ އޭލެވެލްއަށް ކިޔެވުމުގެ ފުރުޞަތު ވިލާ ހައި ސްކޫލުން ހުޅުވާލައިފިއެވެ.

އެ ސްކޫލުން ބުނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ މިންގަޑަށް އޯލެވެލް އިމްތިޙާނުން ފާސްވެފައިވާ ހުރިހާ ދަރިވަރުންނަށް އެ ސްކޫލުގައި ހިލޭ ކިޔެވޭނެ ކަމަށެވެ. އެޑިޔުކޭޝަނުން ކަނޑައަޅާފައިވާ މިންގަޑުގައިވާ ގޮތުން އެސްއެސްސީ އިމްތިޙާނުގެ ދިވެހި އިސްލާމް ހިމެނޭ ގޮތަށް ޖުމްލަ ފަސް މާއްދާއިން ސީ އަށްވުރެ މަތިން ފާސްވާންޖެހެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ މާލީ އެހީގެ ދަށުން ސާނަވީ މަރުޙަލާގައި ހިލޭ ކިޔަވާ ދަރިވަރުން ދިވެހި އިސްލާމުގެ އިތުރުން އެޑެކްސެލް ނުވަތަ ކޭމްންރިޖްގެ ތިން މާއްދާ ކިޔަވަން ޖެހެއެވެ.

ވިލާ އިންޓަނޭޝަނަލް ހައި  ސްކޫލުން ބުނި ގޮތުގައި މިއަދުން ފެށިގެން މި މިމަހުގެ 29 ވަނަ ދުވަހުގެ 14:00އާ ހަމައަށް އެ ސްކޫލަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް ފުރުޞަތު އޮތީ ހުޅުވާލާފައެވެ. ޖާގަ ލިބޭ ދަރިވަރުންގެ ލިސްޓް މި މަހު 31 ވަނަ ދުވަހު އެ ސްކޫލްގެ ވެބްސައިޓްގައި އާންމު ކުރާނެ ކަމަށް ވެސް އެ ސްކޫލުން ބުނެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ޕްރިންސިޕަލް ސައީދު އަހުމަދު ވިދާޅުވީ، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލަކީ ހިލޭ ކިޔެވުމުގެ ފުރުސަތު އޮތް ސްކޫލެއް ކަމަށާއި އެކަން ވެސް ސާފު ވެފައި އޮތުން މުހިއްމު ކަމަށެވެ. އަދި ވިދާޅުވީ އެ ސްކޫލުގައި ކިޔަވަމުންދާ 90 އިންސައްތަ ދަރިވަރުންނަކީ އެޑިޔުކޭޝަނުން ކަނޑައަޅާފައިވާ މިންގަނޑަށް ފެތިގެން ހިލޭ އޭލެވެލްއަށް ކިޔަވަމުން އަންނަ ދަރިވަރުން ކަމަށެވެ.

ސައީދު ވިދާޅުވީ އެ ސްކޫލުގެ ދޮރު ހުޅުވިފައި ހުރީ ހަމައެކަނި ތަޢުލީމީ ގޮތުން މޮޅު ދަރިވަރުންނަށް ނޫން ކަމަށާއި އެޑިޔުކޭޝަނުން ކަނޑައަޅާފައިވާ މިންގަނޑަށްވުރެ ދަށް ކުދިންނަށް ވެސް ފުރުޞަތު ދެމުން އަންނަ ކަމަށާއި އެކަމަކު އެއީ އެ ސްކޫލްގެ ކިޔަވާ އާބާދީގެ އެންމެ ދިހަ އިންސައްތަ ކަމަށެވެ.

" އޯލެވެލްގައި އެންމެ ރަނގަޅު ނަތީޖާ ނުނެރެވޭ ކުދިންނަށް ވެސް ފުރުޞަތު ދެން. ދަރިވަރުން ބާކީ ނުކޮށް ކުރިއަށް ދެވޭނެ ފުރުޞަތު އޮތީ ހުޅުވާލެވިފައި. އޯލެވެލްގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ކުދިންނެއް ނޫން އޭލެވެލްގައި އެންމެ ރަނގަޅު ނަތީޖާ ހޯދަނީ ވެސް" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އެ ސްކޫލަކީ ދަރިވަރުންނަށް އެންމެ ފަހި މާހައުލެއް ފަހިކޮށްދީގެން ކިޔަވައިދެމުން ގެންދާ ސްކޫލެއް ކަމަށެވެ. ދަރިވަރުން ކިޔަވަމުންދަނީ އޭސީ ކުލާސްތަކުގައި ކަމަށާއި ވައިފައިގެ އިތުރުން އައިއެސްއޯ ސެޓިފައިޑް ލައިބްރަރީއެއްގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ބޭނުން ކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ފަހިކޮށްދީފައިވާ ކަމަށެވެ.

" ކުދިންނަށް ފަހިވާނެ ފެހި މާހައުލެއް އަޅުގަނޑުމެން ވާނީ ހޯދާދީފައި. ޒަމާނީ އެންމެ ރަނގަޅު ވަޞީލަތްތަކާއެކު ބޭނުން ކުރާނެ ލެބޯޓަރީގެ ޚިދުމަތް އެބަހުރި. މަތީ ތަޢުލީމަށް ދަރިވަރުން ލޯ ހުޅުވުމަށް އެތައް ފުރުޞަތު ތަކެއް ވިލާ ކޮލެޖްގެ ތެރެއިން ފޯރުކޮށްދެވޭ. ޢަމަލީ ތަޖުރިބާ ރާއްޖެއާއި ރާއްޖެއިން ބޭރުން ހޯދައިދެވޭ" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އެ ސްކޫލުން އޭލެވެލް ނިންމާ 70 އިންސައްތަ ދަރިވަރުންނަށް ބޭރުގެ ޔުނިވަސިޓީތަކުން ޖާގަ ލިބޭ މިންވަރަށް ފާސްވާ ކަމަށެވެ.

" އަޅުގަނޑުމެން އުފައްދަނީ ވިސްނަން ދަންނަ ކިޔަވަން ދަންނަ ދަރިވަރުން. މި ސްކޫލްގެ ގުރެޖުއޭޓުން ތިބޭނީ ޔުނިވަރސިޓީ މަރުޙަލާގެ ތަޢުލީމަށް ފަރިތަވެފައި" ސައީދު ވިދާޅުވިއެވެ.

ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލުން ވަނީ މި އަހަރު އަލަށް ޗައިނާ ބަސް ކިޔަވައިދޭން ނިންމާފައެވެ. އެ ސްކޫލްގައި ކިޔަވާ ކޮންމެ ދަރިވަރަކަށް ވެސް އިޚްތިޔާރީ މާއްދާއެއްގެ ގޮތުގައި ޗައިނާ ބަސް ކިޔަވަން ބޭނުންނަމަ ހިލޭ ޗައިނާ ބަސް ކިޔަވައި ދޭނެ ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

އޭލެވެލްގައި އެންމެ ގިނަ މާއްދާ ކިޔަވައި ދެނީ ވެސް ވލާ އިންޓަރނޭޝަނަލް ހައި ސްކޫލްގައެވެ. އެ މިދިޔަ އަހަރު އިތުރު ކުރި މާއްދާ ތަކާއެކު ދެ ސްޓްރީމްގައި 11 މާއްދާ ކިޔަވައިދެ އެވެ. އެއީ

އިންފޮމޭޝަން ޓެކްނޮލޮޖީއާއި ކޮމްޕިއުޓަރ ސައިންސާއި، ޑިޖިޓަލް މިޑިއާ އެންޑް ޑިޒައިންއާއި އާޓް އެންޑް ޑިޒައިންއާއި ސައިލޮޖީ އާއި ލޯ އެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *