ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ ތެވެލި ބައިނަލްއަޤްވާމީ ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުޞަތު މިއަދު ހަމަވާނެއެވެ. މި ކޮންފަރެންސްގައި ބައިވެރިވާ ފަރާތްތަކުން ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. އެ ފީ ދެއްކުމުގެ މުއްދަތު މިއަދަށް ހަމަވާނެއެވެ.
މި މަހު 21ން 22 އަށް ބާއްވާ ތެވެލި ކޮންފަރެންސްގައި ބައިވެރިވާ ބޭރުގެ ފަރާތްތަކުގެ އަތުން ނަގަނީ 150 ޑޮލަރެވެ. ދިވެހިންގެ އަތުން 500 ރުފިޔާ ނަގާއިރު ކިޔަވާކުދިންގެ އަތުން ނަގަނީ 200 ރުފިޔާއެވެ.
ތެވެލި ކޮންފަރެންސްގެ މި އަހަރުގެ ޝިއާރަކީ ރިސާޗް ފޯ އިންފޮމޭޑް ޕޮލިސީ ޑިސިޝަންސްއެވެ.
އެމްއެންޔޫއިން ބުނީ، ތެވެލި ކޮންފަރެންސްގެ ޕްރީ އަދި ޕޯސްޓް ކޮންފަރެންސް ވޯކްޝޮޕް ސެޝަންތައް އޮންނާނީ 20 އޮގަސްޓް 23 އޮގަސްޓް 2023 އަށް އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގައެވެ.
20 ވަނަ ދުވަހުގެ މެންދުރު 13:00ން 16:00އަށް ބާއްވާ ސެޝަން ޚާއްޞަ ކުރަނީ "ނައިޓްރޮޖަންއަށް ފަރުވާތެރިވަނީ ކީއްވެ؟" މައުޟޫއަށެވެ. މި ސެޝަން ނަންގަވައި ދެއްވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އެޑިންބަރާގެ ޕްރޮފެސަރ މާކް ސަޓަންއެވެ.
ދުނިޔެއަށް ނުރައްކާވާ ކާރިސާތަކުގައި ދެމެހެއްޓެނިވި ގޮތުގައި ސިޓީތައް ތަރައްޤީކުރުމާ ގުޅޭ ގޮތުން 23 ވަނަ ދުވަހު ހެނދުނު 9:00ން 12:00އަށް ބާއްވާ ސެޝަން ނަންގަވާ ދެއްވަނީ ކްރޮއޭޝިއާގައި ހުންނަ ޔުނިވާސިޓީ އޮފް ޒަގްރެބް ޕްރޮފެސަރު ޜައިކޯ ބަޗިޗްއެވެ.
މީގެ އިތުރުން އިމްޕީރިކަލް ލެންގުއޭޖް ޑިސްކްރިޕްޝަންގެ ފައިދާއާއި ގޮތްތަކާ ބެހޭ ގޮތުން ބާއްވާ ސެޝަން ނަންގަވައި ދެއްވާނީ ޖަސްޓަސް ލައިބިގް ޔުނިވާސިޓީ ގިސެން ޔުނިވަރސިޓީގެ ޓޮބިއަސް ބާނައިޝްއެވެ.
މަސައްކަތުގެ އުފަލުގައި އުޅުމުގެ މަގު: އެޓިޓިއުޑް، ފިޓްނަސް އަދި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން ސެޝަން ނަންގަވާ ދެއްވަނީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި ޗައިލްޑް ނިއުޓްރިޝަނިސްޓް ޑރ.ރުކްސާނާ އަޙްމަދެވެ.
އެލްނީނޯ: ކުރީގެ އެންސޯއިން ރާއްޖެއަށް ކުރާނެ ނޭދެވޭ އަސަރުތަކާ ބެހޭ ގޮތުން ބާއްވާ ސެޝަން ނަންގަވާދެއްވަނީ އެމެރިކާގެ ރައިސް ޔުނިވަރސިޓީގެ ޕްރޮފެސަރ އަންދްރޭ ޑްރޮކްސްލަރއެވެ.
އެމްއެންޔޫއިން ބުނީ މި ސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.
ތެވެލި ކޮންފަރެންސަކީ ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު ކޮންފަރެންސެވެ.
advertisment
ހިޔާލު