ޤުރުއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި ފާސްވެ ރައީސްގެ ޚާއްޞަ މެޑަލް ހަ ދަރިވަރަކަށް

ޤުރުއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި ފާސްވެ ރައީސުލްޖުމްޙޫރިއްޔާ ދެއްވާ ޚާއްޞަ މެޑަލް ލިބިވަޑައިގެންނެވި ދިހަ ފަރާތުގެ ތެރޭގައި ހަ ދަރިވަރަކު ހިމެނެއެވެ. އެއްވަނަ ދަރަޖައިގައި ފާސްވެގެން ރައީސުލްޖުމުޙޫރިއްޔާ ދެއްވާ ޚާއްޞަ މެޑަލް ލިބިވަޑައިގެންނެވީ ހަ ދަރިވަރުންނަކީ:

އަލްޙާފިޡް ޝަޢަފް ޙާމިދު އިބްރާހީމް، މަލާޒް ޅ. ނައިފަރު

ކީރިތި ޤުރްއާން ހިތުދަސްކުރުމަށް ޝައުޤުވެރިވެ، ހިތުދަސްކުރަން ފެށީ، އުމުރުން އެންމެ ތިން އަހަރުގައެވެ. އޭރު ކިޔަވަމުން ގެންދިޔައީ، ޝަޢަފްގެ ލޮބުވެތި މަންމަގެ އަޑުދަށުންނެވެ. އަދި އޯޑިއޯގެ ޒަރީއާއިން ޤުރްއާން އަޑުއަހަމުންނެވެ. ތިން އަހަރު ފުރުނުއިރު، ޢައްމާ ފޮތް އެކީގައި ހިތުދަސްކޮށް، އުމުރުން 9 އަހަރުގައި، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ޙިފްޡު ކުލާހުގައި ބައިވެރިވިއިރު، 7 ފޮތް ހިތުދަސްކުރެވިފައި ވެއެވެ. ކީރިތި ޤުރްއާން އެކީގައި ހިތުދަސްކޮށް ނިމުނީ 2021 ވަނަ އަހަރުއެވެ. އަދި 2022 ވަނަ އަހަރު، މަރުކަޒުގެ މުރާޖަޢާ ކުލާހަށް ބަދަލުވެ، ދެފަހަރު މުރާޖަޢާކޮށް، 2023 ޖަނަވަރީ މަހު، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ޙިފްޡު ކޮމިޓީއަށް ކިޔައިދިނެވެ. ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރީ، އުމުރުން އެންމެ 12 އަހަރުގައި، 2023 ފެބުރުވަރީ މަހުގެ 2 ވަނަ ދުވަހުއެވެ .

އަލްޙާފިޡް އަބާން އިބްރާހީމް، ހ. ލަކީލޮޖްހުޅަނގުބައި

ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ ޝައުޤުވެރިކަން އުފެދުނީ، އުމުރުން ތިން އަހަރުން ފެށިގެން، ޤުރްއާން އަޑުއަހަމުން ގެންދިޔުމުގެ ސަބަބުންނެވެ. ޢަރަބިއްޔާ ސްކޫލްގެ ގްރޭޑް 1 ގައި ތަޢުލީމު ހާސިލުކުރަން ފެށި ހިސާބުން ފެށިގެން ކޮންމެ އަހަރަކުވެސް، ޤުރްއާނުގެ މުޤައްރަރުގައި ހިމެނޭ ބައިތައް ހިތުދަސްކުރަމުން ގެންދިޔައެވެ. ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ޙިފްޡު ކުލާހުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުމާއެކު، ޤުރްއާން ހިތުދަސްކުރަމުން ގެންދިޔައީ، އެ ކުލާހުގައެވެ. މުޅި ޤުރްއާން އެކީގައި ހިތުދަސްކޮށް ނިމުނީ، 2021 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 6 ވަނަ ދުވަހުއެވެ. އަދި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ޙިފްޡު ކޮމިޓީއަށް ކިޔައިދީ ނިންމައި، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރީ، އަބާންގެ އުމުރުން 14 އަހަރުގައި 2023 ފެބުރުވަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

އަލްޙާފިޡް އަޙްމަދު ރާއިޢް ބަޝީރު، ފުނާޑު. ރަޔަން ޏ. ފުވައްމުލައް

ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން ހިންގަމުން ގެންދާ ޤުރްއާން ހިތުދަސްކޮށްދޭ ކުލާހުގެ މުދައްރިސެއްގެ ގޮތުގައި، ޚިދުމަތް ކުރައްވަމުން ގެންދަވާ ރާއިޢުގެ ބޮޑުބޭބެ ޢަލީ ވަސީމްގެ އެދިވަޑައިގަތުމަކަށް، އެ ކުލާހުގައި ބައިވެރިވެ، ޤުރްއާން ހިތުދަސްކުރަން ފެށީ، 4 ސެޕްޓެންބަރު 2018 ގައެވެ. އޭރު ރާއިޢު ގެންދިޔައީ، ޙާފިޡް އަޙްމަދު ސްކޫލްގެ ގްރޭޑް 5 ގައި ތަޢުލީމު ހާސިލުކުރަމުންނެވެ. ކީރިތި ޤުރްއާން އެކީގައި ހިތުދަސްކޮށް ނިމުނީ، 2022 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އެއަށްފަހު، މުޅި ޤުރްއާން އެކީގައި ޙިފްޡު ކުލާހުގައި ދެފަހަރު މުރާޖަޢާ ކުރުމަށްފަހު، ޙިފްޡު އިމްތިޙާނު ފެށީ، 11 ފެބުރުވަރީ 2023 ގައެވެ. ކީރިތި ޤުރްއާން ހިތުދަސްކޮށް ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރީ، އުމުރުން 14 އަހަރުގައި 1 މާރިޗު 2023 ގައެވެ. ކީރިތި ޤުރްއާން ހިތުދަސް ކުއްޖަކަށް ރާއިޢުވުމަކީ ކާފަގެ ވަޞިއްޔަތެކެވެ.

އަލްޙާފިޡް އިސްމާޢީލް އިޒުޢާން އިބްރާހީމް، ހުޅުމާލެ. ފްލެޓް 02-ޖީ-141

ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ ޝައުޤުވެރިކަން އުފެދުނީ، އިޒުޢާންގެ ބޭބެ ޤުރްއާން ހިތުދަސްކުރަން ފެށި ހިސާބުން، އުމުރުން އެންމެ 8 އަހަރުގައެވެ. ޤުރްއާން ހިތުދަސްކުރަން ފުރަތަމަ ފެށީ މަންމައާއެކުގައި ގޭގައެވެ. ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ޙިފްޡު ކުލާހުގައި ބައިވެރިވެ، ކިޔަވަން ފެށީ 2019 ވަނަ އަހަރުއެވެ. އަދި ސްކޫލްގައި ހޭދަވާ ވަގުތު ފިޔަވައި، ގޭގައި އުޅޭ ގިނަ ވަގުތުތަކުގައި ޤުރްއާން މުރާޖަޢާ ކުރަމުން ގެންދިޔައެވެ. ނަމަވެސް، އިތުރު އެހީތެރިކަމަށް ބޭނުންވާތީ، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ބައެއް މުދައްރިސުންގެ އެހީތެރިކަން މިކަމުގައި ވަރަށް ބޮޑަށް ލިބިގެންދިޔައެވެ. އެ މަރުކަޒުގެ މުރާޖަޢާ ކުލާހުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ. ކީރިތި ޤުރްއާން ހިތުދަސްކޮށް، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރީ، އިޒުޢާންގެ އުމުރުން އެންމެ 13 އަހަރުގައި 20 މޭ 2023 ގައެވެ.

އަލްޙާފިޡް މިބުސާމް ސަލްމާން، ހެވަންލީޑް ގދ. ތިނަދޫ

ކީރިތި ޤުރްއާން ހިތުދަސްކުރަން ފެށީ، ބައްޕަ ދެއްވި ހިތްވަރާއި އިރުޝާދުގެ ދަށުން، އުމުރުން އެންމެ 6 އަހަރުގައި، މަންމައާއި ދައްތަގެ އެހީތެރިކަމާ އެކުގައެވެ. ކީރިތި ޤުރްއާން ހިތުދަސްކުރުމަށް ވަކި ވަގުތެއް ކަނޑައަޅައިފައި ނެތްކަމަށްވިޔަސް، ހިތުދަސްކުރަމުން ގެންދިޔައީ، ދަސްކުރާހިތްވާ ގަޑީގައި، އެ ދުވަހަކު ދަސްކުރެވޭނެ އެންމެގިނަ މިންވަރެއް ދަސްކުރަމުންނެވެ. ކީރިތި ޤުރްއާން އެކީގައި ހިތުދަސްކޮށް ނިމުނީ، 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ. ޤުރްއާން މުރާޖަޢާކޮށް ނިމުނީ 2 އަހަރާ 8 މަސްދުވަހުންނެވެ. ޤުރްއާން ހިތުދަސްކުރުމުގެ ފުރުޞަތު، ބައްޕަގެ އެހީތެރިކަމާއެކުގައި ތަނަވަސްކޮށްދެއްވައި، ޢާއިލާގެ ފަރާތުން އެކަމަށް ލިބުނު ބޮޑު އެހީތެރިކަން މިބުސާމް ފާހަގަކުރެއެވެ. އުމުރުން އެންމެ 14 އަހަރުގައި ކީރިތި ޤުރްއާން ހިތުދަސްކޮށް، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރީ، 23 މޭ 2023 ގައެވެ.

އަލްޙާފިޡާ ޢާއިޝަތު އާން ރަޝީދު, މ. ޝޭޑީރީޖަން

ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމުގެ ޝައުޤުވެރިކަން ވަރަށް ޅަފަތުއްސުރެ އުފެދިފައި ވެއެވެ. އޭރު ޤުރްއާން ކިޔަވައި ވިދާޅުވަމުން ގެންދެވީ، އައްޑުއަތޮޅު ހިތަދޫގައި ހިންގާ އައި.އާރު. ޤުރްއާން ކުލާހުގައެވެ. ކީރިތި ޤުރްއާން ހިތުދަސްކުރެއްވީ، ދުވާލަކު ޞަފްޙާއެއް ދަސްކުރައްވަމުންނެވެ. ސްކޫލަށް ވަޑައިގެން ކިޔެވުން ނިންމެވުމަށްފަހު، ލިބިވަޑައިގަންނަވާ ގިނަ ހުސްވަގުތުތައް ހޭދަކުރެއްވީ، ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމުގައެވެ. 2022 ވަނަ އަހަރު މާލެއަށް ބަދަލުވެވަޑައިގެން، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ޙިފްޡު ކުލާހުގައި ބައިވެރިވެވަޑައިގަތެވެ. އިމްތިޙާނު ނިންމަވައި، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރެއްވީ 1 މޭ 2023 ގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *