ދިވެހިރާއްޖޭގައި ހިންގާ ސްކޫލްތަކާއި ސްކޫލްތައް ފިޔަވައ،ި ކިޔަވައިދޭ އެނޫން ތަންތަނާއި 18 އަހަރުން ދަށުގެ ކުދިންނަށް ތަޢުލީމާއި ތަމްރީނާއި ހުނަރު ފޯރުކޮށްދިނުމަށް މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގ،ާ ޕްރޮގްރާމްތަކުގައި މަސައްކަތްކުރާ މުދައްރިސުން ހިފަހައްޓަންޖެހޭ ފަންނީ އަޚުލާޤާއި އިޖުތިމާޢީ ސުލޫކު ބަޔާންކުރުމަށް އެކުލަވާލި ޓީޗަރުންގެ ސުލޫކީ މިންގަނޑު މިއަދު އާންމުކޮށްފިއެވެ.
ގެޒެޓްކޮށްފައިވާ މި މިންގަނޑުގައި ބުނެފައި ވަނީ މުދައްރިސުންގެ ސުލޫކީ މިންގަނޑު ބިނާވެފައިވަނީ މައިގަނޑު ހަތް އަސާސެއްގެ މައްޗަށެވެ. އެއީ
- ދަރިވަރުންގެ ކަރާމާތާއި ރައްކާތެރިކަން
- ތައުލީމީ ދާއިރާގެ އިތުބާރު
- ދަރިވަރުންގެ ފަރުދީ ތަފާތުތައް
- ފަންނީ އަދި ރަސްމީ ގުޅުން
- ފަންނީ އަޚްލާޤު
- ތެދުވެރިކަމާއި އިހުލާސްތެރިކަން
- ޒަމާނާ އެކަށޭނެ ޢިލްމާއި ފަންނުވެރިކަން
މި އުސޫލުގެ މައިގަނޑު މަގުސަދެއް ކަމަށް ބުނެފައި ވަނީ:
މުދައްރިސުންގެ ފަންނީ އަޚުލާޤާއި އިޖުތިމާޢީ ސުލޫކު ހަރުދަނާކުރުމާއެކު ޒަމާނުއްސުރެ ދިވެހި މުޖުތަމަޢުގައި ތަޢުލީމީ ދާއިރާއަށް އޮންނަ ޤަދަރާއި އިޙްތިރާމު އިތުރުކޮށް ދެމެހެއްޓުމާއި މުދައްރިސުންގެ ކިބައިގައި ހުންނަންޖެހޭ ފަންނީ އަޚުލާޤާއި އާދަތައް ހަރުދަނާކޮށް ކޮންމެ މުދައްރިސަކީ ވެސް ޒިންމާ އަދާކުރުމުގައި ތެދުވެރި އިޚުލާޞްތެރި، ޒިންމާދާރު އަދި ކަމަށް ކަމޭހިތާ މީހަކަށް ހެދުމެވެ. އަދި މަހަމަކަމާއި އިންސާފުވެރިކަމާއެކު ފެންވަރު ރަނގަޅު ތަޢުލީމާ އި އިސްލާމީ ތަރުބިއްޔަތު ދެވޭނެފަދަ، އުނގެނުމަށް ފަހި މާޙައުލެއް ދިވެހިރާއްޖޭގައި ހިންގާ ސްކޫލްތަކާއި ސްކޫލްތައް ފިޔަވައި ކިޔަވައިދޭ އެނޫން ތަންތަނުގައި ގާއިމުކުރުމެވެ.
އުނގަންނައިދިނުމުގެ މާޙައުލަކީ ބިރުދެއްކުންތަކާއ، ތަފާތު ކުރުންތަކާއި އެކި ބާވަތުގެ އަނިޔާވެރިކަމާއި ހަނގާކުރުމާއި ގޯނާކުރުންފަދަ ނޭދެވޭ އަސަރުކުރުވަނިވި އެންމެހައި ކަންތައްތަކުން ދަރިވަރުންނާއި މުވައްޒަފުންނަށް ރައްކައުތެރި މާޙައުލަކަށް ހެދުން ވެސް މި އުޞޫލުގެ މަޤްޞަދެއް ކަމަށް ބުނެފައިވެއެވެ.
ދަރިވަރުންނަށް ރައްކައުތެރިކަމާއި ހިމާޔަތް ލިބިދޭ މާޙައުލެއް ސްކޫލުގައި ގާއިމުކުރުމަށް މަސައްކަތްކުރުމާއި ހަނގާކުރުމާއި އެކި ބާވަތުގެ ގޯނާކުރުމާއި އަނިޔާވެރިކަމުން ރައްކައުތެރިވެފައިވާ އަމާން މާޙައުލެއް ދަރިވަރުންނަށް ގާއިމުކޮށްދޭން ވާނެ ކަމަށް ސުލޫކީ މިންގަނޑުގައި ބުނެފައިވެއެވެ. އެއްވެސް ދަރިވަރަކަށް ރަޙުމުކުޑަ ލާއިންސާނީ އަދަބެއް ނުވަތަ ކުއްޖާ ލަދުގަންނާނެފަދަ އަދަބެއް ދީ، ދަރިވަރަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކުރުމާއި އެފަދަ އަމަލެއް އެހެން ދަރިވަރުންނާއި މުވައްޒަފުންގެ ފަރާތުން ލިބުނަ ނުދީ ހުއްޓުވުމަށް މަސައްކަތްކުރުމަށް ވެސް މި އުޞޫލުން މުދައްރިސުންނަށް ބާރުއަޅައެވެ.
ތަޢުލީމީ ދާއިރާގެ އިތުބާރު ދެމެހެއްޓުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކާއި ދޫކޮށްލަންޖެހޭ ކަންތައްތައް ވެސް މި އުޞޫލުގައި ބަޔާން ކޮށްފައިވެއެވެ.
ކުރާ މަސައްކަތުގައި ތިމާއަކީ ތެދުވެރި ކަމާއި އިޚުލާޞްތެރިކަމާއި ނަޒާހަތްތެރި ޒިންމާދާރު އަދި އިންސާފުވެރި މީހަކަށް ވާންވާނެ ކަމަށް ބުނެފައިވެއެވެ. ދަރިވަރުންނަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ފޯރުކޮށްދެވޭފަދަ ފަންނީ މީހަކަށާއި ޤާބިލު މީހަކަށް މުދައްރިސް ވާންޖެހޭއިރު، ކިޔަވައިދިނުމުގައި ކުރާ ކޮންމެ ކަމެއް ކުރަންވާނީ ތަޢުލީމީ ދާއިރާއަށް އޮންނަ އިތުބާރާއި ޔަޤީންކަން ދެމެހެއްޓޭނެ ގޮތަށެވެ.
އިސްލާމީ ޝަރީޢަތާއި އިސްލާމީ ޢަޤީދާއާ އެއްގޮތަށް އިންސާނީ ޙައްޤުތަކަށް އިޙްތިރާމުކުރުމާއި އާންމުކޮށް އެންމެންގެ މެދުގައި ސުލްޙަމަސަލަސްކަމާއި ރަޙުމަތްތެރިކަން ބާއްވައިގެން އުޅޭ މީހަކަށް ވާންވާނެއެވެ. ތިމާއާ ހަވާލުކުރެވިފައިވާ ޒިންމާތައް އެކަމަށް ކަނޑައެޅިފައިވާ ވަގުތަށް ފަރުވާތެރިކަމާއެކު ނިންމުމާއި މަސައްކަތުގެ މާޙައުލުގައި ހިފަހައްޓަންޖެހޭ ސިއްރުތައް ހިފެހެއްޓުމާއެކު އެފަދަ އެއްވެސް މަޢުލޫމާތެއް ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ. އަދި ތިމާ އުޅޭ މުޖުތަމަޢުގެ މަޞްލަޙަތާއި އަމަންއަމާންކަން ގެއްލޭފަދަ ފިކުރުތަކާއި ޢަމަލުތަކުން އެއްކިބާ ވާންވާނެ ކަމަށް ވެސް އެ އުޞޫލުގައި ބުނެފައިވެއެވެ.
" ދައުލަތާއ، ސަރުކާރާއި މަސައްކަތްކުރާ އޮފީސް ނުވަތަ އިދާރާ ބަދުނާމުވާފަދަ އެއްވެސް ޢަމަލެއް ކޮށްގެން ނުވާނެއެވެ. މިނިސްޓްރީން ކަންކަން ރާވައިފައިވާ ގޮތްތައް ދެނެގަނެ އެ ކަންކަމާބެހޭ މަޢުލޫމާތު، ތަޢުލީމީ ދާއިރާގެ ހިއްސާދާރުންނަށް އޮޅުންފިލުވައިދީ، ތަޢުލީމީ ދާއިރާގެ ތަޞައްވަރު ރަނގަޅުކުރުމަށާއި އުނގަންނައިދިނުން ކުރިއަށްދާ ގޮތާމެދު މުޖުތަމަޢު ދެކޭގޮތް ރަނގަޅުކުރަން މަސައްކަތްކުރަން ވާނެއެވެ" ސާދަ މާއްދާގެ މައްޗައް އެކުލަވާލާފައިވާ ޤަވާއިދުގައި ބުނެފައިވެއެވެ.
advertisment
ހިޔާލު