ސްކޮލަރސް ކަޕްގައި ރަން ވަނަތައް ހޯދި ވީއައިއެޗްއެެސްގެ ދަރިވަރުންނަށް އެޑިޔުކޭޝަން މިނިސްޓަރުގެ ތަޢުރީފު

ވަރލްޑް ސްކޮލަރސް ކަޕްގެ ދޯހާ ގްލޯބަލް ރައުންޑް 2023ގައި ބައިވެރިވެ، ރަން ވަނަތައް ހޯދި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ދަރިވަރުންނާ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އެ ކުދިންގެ ތަޖުރިބާ އަޑު އައްސަވައި، އެ ދަރިވަރުން ކުރި މަސައްކަތަށް މިނިސްޓަރު ތަޢުރީފު ކުރެއްވިއެވެ.

ޤަތަރުގެ ނޭޝަނަލް ކޮންވެންޝަން ސެންޓަރުގައި މިދިޔަ މަހުގެ 22 އިން 27 އަށް ކުރިއަށް ގެންދިޔަ މުބާރާތުގައި ދުނިޔޭގެ އެކި ޤައުމުތަކުން 1800 ދަރިވަރުން ބައިވެރިވިއެވެ. ޑަބްލިއުއެސްސީ ގްލޯބަލް ރައުންޑްގައި ކުރިއަށް ގެންދިޔަ އެކިއެކި ދިރާސީ މުބާރާތަކުން މުބާރާތުން 74 މެޑަލް ވިލާ ހައި ސްކޫލުން ވަނީ ހޯދާފައެވެ. އެއީ 26 ރަން މެޑަލާއި 48 ރިހިމެޑަލެވެ. އަދި މުބާރާތުގެ އިންޑިވިޖުއަލް އޯވަރޯލް 13 ވަނަ އެ ސްކޫލްގެ ނާއިފު މުޙައްމަދު ވަނީ ހޯދާފައެވެ.

"މި އަހަރުގެ ސްކޮލަރސް ކަޕްގެ ގްލޯބަލް ރައުންޑުގައި ބައިވެރިވި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ދަރިވަރުންނާއި އޮނަރަބްލް މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޢަލީ ބައްދަލު ކުރެއްވުމީ ދަރިވަރުންނަށް، ދަރިވަރުންގެ ޢާއިލާތަކަށް އަދި އަޅުގަނޑުމެން ހުރިހާ މުދައްރިސުންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް. ދަރިވަރުން އަދި ޢާއިލާތަކުން އެކަމުން ލިބިވަޑައިގެންނެވި އުފާވެރިކަން އަޅުގަޑުމެންނާ ހިއްސާ ކުރެއްވި" ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް  އިސްމާއީލް ނަޝީދު ވިދާޅުވިއެވެ.

" މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވި ދަރިވަރުންގެ ކާމިޔާބީއަށް ފަޚުރުވެރި ވަޑައިގަންނަވާ ކަމަށް. ދަރިވަރުންގެ ހުނަރާއި ޓެލެންޓް ކުރިއަރާފައިވާ މިންވަރު މިނިސްޓަރ ފާހަގަކުރައްވާ ތައުރީފު ކުރެއްވި. މިބައްދަލު ވުމުގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ދަރިވަރުންގެ ކާމިޔާބީ އާއި ހުނަރު ކުރިއަރާފައިވާ މިންވަރު ފާހަގަކުރެއްވި އަދި ތައުރީފު ކުރައްވާ ހެޔޮބަސް ވިދާޅުވި. މިނިސްޓަރ އަދި ޓީމުގެ ބޭފުޅުންނަށް އަޅުގަޑުމެންގެ އިޚްލާސްތެރި ޝުކުރު ދަންނަވަން."

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *