އަޙްމަދިއްޔާގެ އާ ސްކޫލަށް ހުޅުމާލެއިން ބިން ހަމަޖައްސައިދީފި

އަޙްމަދިއްޔާގެ އާ ސްކޫލަށް ހުޅުމާލެއިން ބިން ހަމަޖައްސައިދީފިއެވެ.

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމުގެ ގޮތުން އާ ސްކޫލް އަޅަން ހުޅުމާލެއިން 43،000 އަކަފޫޓްގެ ބިމެއް ހަމަޖައްސާ ދީފައި ވަނީ ސެންޓްރަލް ޕާކް ސަރަހައްދުންނެވެ.

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ރޭ ދަރިވަރު ނޫހަށް ވިދާޅުވީ، އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދަން މަސައްކަތް ކުރާތާ 15 އަހަރުވެއްޖެ ކަމަށާއި، ހުޅުމާލެއިން ހަމަޖައްސައި ދިން ބިން ހުޅުމާލެ ބަލަހައްޓާ އާބަންކޯއިން މިދިޔަ ހަފްތާގެ ބުދަދުވަހު އެޑިޔުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ރަޝީދު ވިދާޅުވީ އެ ބިން އަޙްމަދިއްޔާއާ، އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން މި ހަފްތާގައި ހަވާލު ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

ރަޝީދު ވިދާޅުވީ ހުޅުމާލޭގައި އަޅާ އަޙްމަދިއްޔާގެ އާ ސްކޫލް ވެސް ހިންގާނީ މިހާރު އަޙްމަދިއްޔާ ހިންގާ މޮޑަލަށް ކަމަށާއި ނާސަރީން ފެށިގެން ގުރޭޑް 12އާ ހަމައަށް ކިޔަވައިދޭނެ ކަމަށެވެ.

" އަބަދުވެސް އަޙްމަދިއްޔާއަށް ވަންނަން ބޭނުންވާ ކުދިން ގިނަ. އަޅުގަނޑުމެންނަށް ޖާގަ ނުދެވިފައި އޮންނަނީ. އާ ސްކޫލާއެކު އެ ހުރިހާ ކަމެއްގެ ހައްލު ލިބިގެންދާނެ" ރަޝީދު ވިދާޅުވިއެވެ.

ގުރޭޑް 12އާ ހަމައަށް 3000 އާ ކައިރިކުރާ އާބާދީއަކަށް ކިޔަވައިދެމުން ގެންދާ ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވީ ބިން ހަވާލުކުރުމާއެކު އާ ސްކޫލްގެ މަސައްކަތް ފަށާނެ ކަމަށާއި ޕްލޭނިންގ ފެށިގެން އިމާރާތް ކުރުމަށް އެހާ ގިނަ މުއްދަތެއް ހޭދަ ނުވާނެ ކަމަށެވެ.

" އަޅުގަނޑުމެންގެ ވިސްނުން ހުރީ ފިޔަވަހި ތަކަކަށް ބަހާލައިގެން ސްކޫލްގެ މަސައްކަތް ކުރިއަށް ގެންދަން" ރަޝީދު ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *