ކޮލެޖްތަކާއި އިންސްޓިއުޓްތައް ރީ ރަޖިސްޓްރީ ކުރަން ދިން މުއްދަތު މާދަމާއަށް ހަމަވާނެ

ކޮލެޖްތަކާއި، އިންސްޓިޓިއުޓްތަކާއި، އެފަދަ ތަންތަނުގެ ކެމްޕަސްތަކާއި އައުޓްރީޗް ސެންޓަރުތައް ރަޖިސްޓްރީ ކުރަން އިތގުރަށް ދިން ހަ މަސްދުވަހުގެ މުއްދަތު މާދަމާއަށް ހަމަވާނެއެވެ. މުއްދަތު އިތުރުކޮށްފައި ވަނީ ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވާއިދަށް ގެނައި އިސްލާހާއެކު ގައެވެ. މި ގަވާއިދަށް ގެނައި ފުރަތަމަ އިސްލާހު ގެޒެޓް ކޮށްފައި ވަނީ މިދިޔަ އަހރުގެ ޖުލައި މަހުގެ ހަ ވަނަ ދުވަހުއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ރަޖިސްޓްރީ ކުރުމަށް ހަނދާވެސް ކޮށްދީފައެވެ. އެ މިނިސްޓްރީން ބުނެފައި ވަނީ 2 ޑިސެމްބަރު 2021 ގެ ކުރިން ރަޖިސްޓްރީ ކޮށްފައިވާ މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް R-160 -2021 ގެ މިންގަނޑުތަކަށް ފައްތައި މާދަމާގެ ލިޔަލަށް ރީ ރަޖިސްޓްރީ ކުރަން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވާއިދަށް އިތުރު އިސްލާހުތަކެއް ވެސް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އޭރު ގެނެސްފައެވެ.

ގަވާއިދަށް ގެނައި އިތުރު ބަދަލުތަކުގެ ތެރޭގައި، ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުން ކިޔަވާ ދަރިވަރުންގެ ރެކޯޑް ބަލަހައްޓަންޖެހޭ މުއްދަތު، ދިހަ އަހަރުން ހަ އަހަރަށް ކުޑަކުރުމާއި، އެ ގަވާއިދަށް ޢަމަލު ކުރަން ފަށާއިރު، ގަވާއިދަށް ނުފެތި އެއް ވެސް އިންސްޓިޓިއުޓެއް ނުވަތަ ކޮލެޖެއް ހުރިނަމަ، އެ ގަވާއިދަށް ޢަމަލުކުރަން ފަށާތާ 12 މަސްދުވަހުގެ ތެރޭގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފައްތައި ރަޖިސްޓަރީ އައު ކުރަންވާނެ ކަމަށް ބުނެފައި ވެއެވެ. އަދި އެއްވެސް ސަބަބަކާހުރެ އެ ގަވާއިދާ އެއްގޮތަށް އިންސްޓިޓިއުޓެއް ނުވަތަ ކޮލެޖެއް ރަޖިސްޓަރީ ނުކުރެވޭނެ ހާލަތެއް ދިމާވެއްޖެނަމަ، ސަބަބު ބަޔާންކޮށް މިނިސްޓްރީއަށް އެކަން ލިޔުމުން އަންގަންވާނެ ކަމަށާއި، މިގޮތަށް ޢަމަލު ނުކޮށްފިނަމަ އެ އިންސްޓިޓިއުޓެއް ނުވަތަ ކޮލެޖެއް އުވައިލައި، ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުގެ ދަފުތަރުން އުނިކުރާނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *