ލިޓެރަސީ އެންޑް ނިއުމެރަސީ އަށް އަމާޒުކޮށް ދިހަ ސްކޫލެއްގައި "އަލްފާ" ޕައިލެޓް ޕްރޮގްރާމެއް ހިންގަނީ

ލިޓެރަސީ އެންޑް ނިއުމެރަސީ އަށް އަމާޒުކޮށް އަންނަ ދިރާސީ އާ އަހަރު، ދިހަ ސްކޫލެއްގައި "އަލްފާ" (އެކްސަލަރޭޓެޑް ލާރނިންގ ފޯރ އޯލް) ޕައިލެޓް ޕްރޮގްރާމެއް ހިންގަން ނިންމައި އެކަމުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.

އަލްފާ ލިޓަރެސީ އެންޑް ނިއުމެރަސީ ޕެޑަގޯޖީ ޕައިލެޓް ޕްރޮގްރާމެއް ހިންގަނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނާއި ޔުނިސެފް މޯލްޑިވްސް އާއި އިންޑިއާގެ ގްލޯބަލް އެޑިއުކޭޝަން އެންޑް ޓްރެއިނިން އިންސްޓިޓިއުޓް ގުޅިގެންނެވެ. އަލްފާ  ޕެޑަގޯޖީ ބޭނުން ކޮށްގެން އިންޑިޔާގެ އުއްތަރަ ޕްރަދޭޝްގެ ވެރިރަށް ލަކްނޫގައި ވަރަށް ކާމިޔާބު ކަމާއެކު ކިޔަވާ ގެންދާ ކަމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ބުނެއެވެ.

މި ޕްރޮގްރާމް ފަށަން ސްކޫލްތަކުގެ މުދައްރިސުންނަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ވަނީ ތަމްރީނު ވެސް ދީފައެވެ. އަދި އިތުރު ޓީޗަރުންނަށް ތަމްރީނާއި ތަޖުރިބާ ހޯދަން 130 މުދައްރިސުން މިހާރުވީ އިންޑިއާގައެވެ.

ލިޓަރެސީ އެންޑް ނިއުމެރަސީއަށް އަމާޒުކޮށްގެން އަލްފާ ޕައިލެޓް ޕްރޮގްރާމް ހިންގާ ސްކޫލްތަކުގެ ތެރޭގައި މާލޭގެ ތިން ސްކޫލަކާއި އަތޮޅުތެރޭގެ ހަތް ސްކޫލެއް ހިމެނެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ޑރ. އަބްދުﷲ ރަޝީދު އަޙްމަދު ދަރިވަރު ނޫހަށް ވިދާޅުވީ ޕައިލެޓް ޕޮރޮޖެކްޓްގެ ދަށުން ލިޓަރެސީ އެންޑް ނިއުމެރަސީގެ ސާމްޕަންތަކެއް ވިހި ސްކޫލަކުން ނަގާނެ ކަމަށާއި، މި ވިހި ސްކޫލްގެ ތެރޭގައި އަލްފާ ޕައިލެޓް ޕްރޮގްރާމް ހިންގާ ދިހަ ސްކޫލް ހިމެނޭނެ ކަމަށެވެ.

" ބޭނުމަކީ އަލްފާ ޕައިލެޓް ޕްރޮގްރާމް ފެށުމުގެ ކުރިންނާއި އޭގެ ފަހުން، އަދި ސާމްޕަލް ނަގާ އެހެން ސްކޫލްތަކާ ހުރި ތަފާތު ވެސް ދެނެގަތުން" ޑރ. އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އަލްފާ ޕައިލެޓް ޕްރޮގްރާމް އިތުރު ސްކޫލްތަކަށް ފުޅާ ކުރާނީ އެ ޕްރޮގްރާމުގެ ނަތީޖާއަށް ބެލުމަށްފަހު ކަމަށެވެ.

ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ، ލިޓަރެސީ އެންޑް ނިއުމެރަސީއަށް އަމާޒުކޮށްގެން "ލޭމްޕް" ޕްރޮޖެކްޓްގެ ދަށުން 130 ސްކޫލެއްގައި ޕްރޮގްރާމްތަކެއް މިހާރުވެސް ހިންގަމުން އަންނަ ކަމަށެވެ. އެ ޕްރޮގްރާމް ހިންގަމުން އަންނަ ކޮންމެ ސްކޫލެއްގައި ލިޓަރެސީ އެމްބަސަޑަރެއް ކަނޑައަޅައި، 2،000 މުދައްރިސުންނަށް ތަމްރީނު ވެސް ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ތަމްރީނު ކުރި ޓީޗަރުން ތައްޔާރުކުރި ރީޑިންގ ކާޑްތައް ޕްރިންޓް ކުރުމަށްފަހު ހުރިހާ ސްކޫލްތަކަށް ފޯރުކޮށްދޭނެ ކަމަށެވެ. އަދި  ލިޓަރެސީ އެންޑް ނިއުމެރަސީއަށް އެޑިޔުކޭޝަން މިނިސްޓަރު ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމަށާއި ސްކޫލްތަކުގެ ލައިބްރަރީއަށް ބޭނުންވާ ފޮތް ހޯދުމުގެ މަސައްކަތްތަކެއް ވެސް ކުރައްވަމުން ގެންދަވާ ކަމަށް ޑރ. އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އެންއައިއީން ބުނީ އޭޝިޔާ ފައުންޑޭޝަނުން ލިބުނު ފޮތްތައް ސްކޫލްތަކުގެ ލައިބްރަރީއަށް ހަދިޔާ ކުރަމުން އަންނައިރު، އިތުރު 35،000 ފޮތް ތަލާލް ޖެރީ ހިއުމެނިޓޭރިއަން ފައުންޑޭޝަނުން މިހާރު ލިބިފައިވާ ކަމަށެވެ.

" ލިޓަރެސީ އެންޑް ނިއުމެރަސީއަށް މަސައްކަތް ކުރާއިރު، ސްކޫލްތަކުގެ ލައިބްރައީ ވެސް ބަދަލުތަކެއް އަންނަންޖެހޭ. ކުދިން ކިޔާނެ މެޓީރިއަލް ހުންނަންޖެހޭ. އެ މަސައްކަތުގެ ދަށުން ލައިބްރަރީއަށް ފޮތް ހޯދުމާއި ރީޑިންގ މެޓީރިއަލް ޕްރިންޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަންދާނެ" ޑރ. އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ޖީޕީއީ ގްލޯބަލް ޕާޓިނަރޝިޕް އެޑިޔުކޭޝަން ފަންޑުން ލިބޭ ފައިސާ ޚަރަދު ކުރަނީ ވެސް ލިޓަރެސީ އެންޑް ނިއުމެރަސީއަށް އަމާޒުކޮށްގެން "ލޭންޕް"ގެ ނަމުގައި ހިންގާ ޕްރޮޖެކްޓަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *