ޑަބްލިއުއެސްސީ ގްލޯބަލް ރައުންޑް: ސީނިއަރ ޑިވިޝަންގެ ޗެމްޕިއަންކަން ވިލާ ހައި ސްކޫލަށް

އެ ސްކޫލުން ބައިވެރިވި 12 ދަރިވަރުން ޗެމްޕިއަންސް ރައުންޑަށް ވަނީ ކޮލިފައިވެފައި

ޤަތަރުގެ ތޯހާގައި ބޭއްވި ދަ ވަރލްޑް ސްކޮލަރސް ކަޕްގެ ގްލޯބަލް ރައުންޑް ސީނިއަރ ޑިވިޝަންގެ ޗެމްޕިއަންކަން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން ހޯދައިފިއެވެ.

ޤަތަރުގެ ނޭޝަނަލް ކޮންވެންޝަން ސެންޓަރުގައި މިމަހުގެ 22 އިން 27 އަށް ކުރިއަށް ގެންދިޔަ މުބާރާތުގައި ދުނިޔޭގެ އެކި ޤައުމުތަކުން 1800 ދަރިވަރުން ބައިވެރިވިއެވެ. ޑަބްލިއުއެސްސީ ގްލޯބަލް ރައުންޑްގައި ކުރިއަށް ގެންދިޔަ އެކިއެކި ދިރާސީ މުބާރާތަކުން މުބާރާތުން 74 މެޑަލް ވިލާ ހައި ސްކޫލުން ވަނީ ހޯދާފައެވެ. އެއީ 26 ރަން މެޑަލާއި 48 ރިހިމެޑަލެވެ.

ގްލޯބަލް ރައުންޑްގައި ވިލާ ހައި ސްކޫލްގެ 12 ދަރިވަރުން ބައިވެރިވިއެވެ. އެމެރިކާގެ ޔޭލް ޔުނިވަރސިޓީގައި އޮންނަ ޓޯރަނަމެންޓްސް އޮފް ޗެމްޕިއަން އަށް މި ހުރިހާ ދަރިވަރުން ވަނީ ކޮލިފައިވެފައެވެ.

ފަހުގެ ވިސްނުންތަކާއެކު ފަރުމާކޮށްފައިވާ ތަފާތު ވައްތަރުގެ ދިރާސީ ޙަރަކާތްތައް ހިމެނިގެން ހިންގި ޙަރަކާތްތަކުން ސީނިއަރ ޑިވިޝަނުގެ އޯވަރޯލް ޗެމްޕިއަންކަން ހޯދީ ވިލާ ހައި ސްކޫލްގެ ގުރޭޑް 12ގައި ކިޔަވަމުންދާ އައިޝަތު ރާޔާ ނިމާދާއި ޢާއިޝަތު ކާޔާ ރިފާއީއާއި ފާތިމަތު ރައުމު މުޙުތާރެވެ. އަދި އިންޑިވިޖުއަލް އޯވަރޯލް 13 ވަނަ އެ ސްކޫލްގެ ނާއިފު މުޙައްމަދަށް ލިބުނެވެ. ސްކޮލަރސް ބޮވްލް ޓީމު އިވެންޓުން ދެވަނައާއި ޗެލެންޖް ޓީމް އިވެންޓުން ފަސްވަނަ އައިޝަތު ރާޔާ ނިމާދާއި ޢާއިޝަތު ކާޔާ ރިފާއީއާއި ފާތިމަތު ރައުމު މުޙުތާރުގެ ޓީމަށް ލިބުނެވެ.

ވިލާ ހައި ސްކޫލްގެ ޕްރިންސިޕަލް ސައީދު އަހުމަދު މިއަދު ވިދާޅުވީ، ވަރލްޑް ސްކޮލަރސް ކަޕްގެ ގްލޯބަލް ރައުންޑް ސީނިއަރ ޑިވިޝަންގެ ޗެމްޕިއަންކަން އެ ސްކޫލަށް ލިބުމަކީ ބޮޑު ކާމިޔާބެއް ކަމަށާއި ރާއްޖެއަށް ވެސް ލިބުނު ބޮޑު ފަޚުރެއް ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެއީ ސްކޫލްގެ ޓީޗަރުންނާއި ބެލެނިވެރިންގެ ވެސް މަސައްކަތް ކަމަށާއި ވިލާ ހައި ސްކޫލުން ދަރިވަރުންނަށް އެފަދަ ފުރުޞަތުތައް ކުރިއަށް އޮތްތަނުގައި ވެސް ހޯދައި ދެއްވާނެ ކަމަށެވެ. އަންނަ އަހަރު ބާއްވާ މުބާރާތުގައި ވެސް ބައިވެރިވާނެ ކަމުގެ ޔަޤީންކަން ޕްރިންސިޕްލަ ވަނީ ދެއްވާފައެވެ.

ސްކޮލަރސް ކަޕަށް ދަރިވަރުން ތައްޔާރުވުމުގެ ތެރެއިން ދަރިވަރުންގެ އުފެއްދުންތެރި ލިއުމުގެ ހުނަރާއި، ޓީމު ބަހުސް ކުރުމުގެ ހުނަރު ފަދަ ހުނަރު ކުރިއެރުވުމަށާއި ވާދަކޮށް ކުރިހޯދުމުގެ ރޫޙު ދަރިވަރުންގެ މެދުގައި އުފައްދައިދޭ ކަމަށާއި އަދި ގުޅިގެން މަސައްކަތް ކުރުމުގެ ވައްޓަފާޅިއާއި ކެތްތެރިކަން އަށަގެންނުމަށް ވެސް މީގެ ޙަރަކާތްތައް ފަރުމާކޮށްފައިވާ ގޮތުން އެހީތެރިވެދޭނެ ކަމަށް ވިލާ ހައި ސްކޫލުން ފާހަގަކުރެއެވެ.

ދުނިޔެއަށް ދަރިވަރުން ލޯހުޅުވުމާއި އެކި ބައްރުތަކުގެ ކުދިންނާ ބައްދަލުވެ ޅަފަތުގައި ރަޙުމަތްތެރިންގެ ބައިނަލް އަގުވާމީ ގުޅުމެއް ޤާއިމުކުރުމަށް ގްލޯބަލް ރައުންޑްގެ ތެރެއިން ދަރިވަރުންނަށް ފުރުޞަތު ލިބިގެންދިޔަ ކަމަށް ވެސް އެ ސްކޫލުން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *