މަދްރަސަތުލް އިފްތިތާޙުގެ 90 ވަނަ އަހަރީ ޙަރަކާތްތައް ފެށީ ހިނގާލުމަކުން

މަދްރަސަތުލް އިފްތިތާޙުގެ 90ވަނައަހަރީ (ޢުލޫމީ 90)ގެ ޙަރަކާތްތައް ފެށީ ޚާއްޞަ ހިނގައިލުމަކުންނެވެ.

މި ހިނގައިލުން ބޭއްވުނީ 2023 ޖޫން 22 ވީ ބުރާސްފަތި ދުވަހު ހެނދުނުއެވެ. ހިނގައިލުމުގައި މަދްރަސަތުލް އިފްތިތާޙުގެ ދަރިވަރުންނާއި މުވައްޒަފުންނާއި ބެލެނިވެރިން، އަދި ނައިފަރުގައި ޤާއިމްކުރެވިފައިވާ ސަރުކާރުގެ މުއައްސަސާ ތަކުގެ މުއައްޒަފުންގެ އިތުރުން އިފްތިތާޙުގެ އިސްދަރިވަރުން ބައިވެރި ވިއެވެ.

ހިނގައިލުން އިންތިޒާމު ކުރެވިފައި ވަނީ، ހެނދުނު 6:45ގައި ނައިފަރުގެ ފުޓުބޯޅަ ދަނޑަށް ބައިވެރިން ޙާޟިރުވެ، އެހިސާބުން ފަށައިގެން  ސަރާސަރުމަގުން ގޮސް އިފްތިތާޙީ މަގުން ބަނދަރު ސަރަޙައްދުންގޮސް ޖަލާލުއްދީނު މަގުން އައިސް ސަރާސަރުމަގަށް ނިންމައިލާ ގޮތަށެވެ.

 

އިފްތިތާޙީ ދަނބުކުލައިން އެއްކުލަވެފައިވާ މި ހިނގައިލުން ފެށީ ކީރިތި ޤުރުއާނުގެ ބަރަކާތުންނެވެ. އޭގެ ފަހުގައި ދުވަހާގުޅޭ ކުރު ވާހަކަކޮޅަކަށްފަހު ދުޢާއެއް ކުރެވުނެވެ. ހިނގައިލުމުގައި ދުވަހަށް ޚާއްސަކުރެވިފައިވާ ލަވަޔަކާއި މަދްރަސީ ލަވަ އަޑުގަދަކުރާއިން ފޮނުވަމުން ދިޔައިރު ހިނގައިލުމުގެ ބައިވެރިންވެސް ޖޯޝާއި ފޯރީގައި ލަވައިގެ އަޑު އުފުލަމުން ގެންދިޔައެވެ. ހަމައެއާއެކު މަދްރަސާގެ އެކި އެކި ޙަރަކާތްތަކާއި ޖަމާޢަތްތަކާއި ، އެޖަމާޢަތްތަކުން ހިންގުނު ޙަރަކާތްތަކާ ގުޅޭ އުސްއަލިތަކުގެ ކުރު ޚުލާސާއެއް ގެ އަޑުވެސް ހިނގައިލުމުގައި އުފުލަމުން ގެންދިޔައެވެ.

ޢުލޫމީ 90ގެ ބެނާ ހިފައިގެން ކުރިޔަށް ގެންދިޔަ މި ހިނގައިލުން ނިންމައިލީ މަދްރަސީ ލަވަ ކިޔުމަށް ފަހު ޕްރިންސިޕަލްގެ ވާހަކަ ދެއްކެވިއެވެ.

ހިނގައިލުމުގައި ބައިވެރިވި ހުރިހައި ފަރާތްތަކަށް މަދްރަސާގެ ފަރާތުން ޝުކުރު އަދާކުރިއެވެ. ކުރިޔަށް ހުރި ޙަރަކާތް ތަކަށްވެސް މިފަދަ ހޫނު ތަރުޙީބު ދެއްވާނެކަމަށް އުއްމީދުކުރަމެވެ.

ޢުލޫމީ 90 ގެ ތަފާތު ގިނަ ހަރަކާތްތައް ދިރާސީ އާ އަހަރާއެކު ކުރިއަށް ގެންދާނެ ކަމަށް އިފްތިތާހުން ބުނެއެވެ.

މަދްރަސަތުލް އިފްތިތާޙަކީ، ރާއްޖެތެރޭގައި ރަސްމީ ތަޢުލީމު ދިނުމަށް ބިނާކުރެވުނު އެންމެ ފުރަތަމަ މަދްރަސާއެވެ. 155 ދަރިވަރުންނާއެކު އެ މަދްރަސާ އިފްތިތާޙް ކުރެވުނީ، މީލާދީ ސަނަތުން 1933 ޖޫން 22، ހިޖުރީ ސަނަތުން 1352 ޞަފަރު 27 ގައެވެ. މިއަދު މަދްރަސަތުލް އިފްތިތާޙަކީ، ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީސްޓޭޖް 5 އާ ހަމައަށް 3 ސްޓްރީމަށް ކިޔަވައިދޭ އެއްހާހަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު އުނގެނެމުންދާ ރާއްޖޭގެ ނިސްބަތުން ދަރިވަރުންގެ އާބާދީ ބޮޑު މަދްރަސާ އެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *