ދިރާސީ އާ އަހަރާއެކު އިތުރު ތިން ސްކޫލެއްގައި ކިޔަވައިދޭން ފަށާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ. އެ މިނިސްޓްރީން މިއަދު ބުނީ ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތާއި ހުޅުމާލޭގައި އިމާރާތް ކުރާ ޞަލާހުއްދީން ސްކޫލާއި ސީއެޗްއެސްއީގެ އާ އިމާރާތުގައި އަންނަ ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމުގެ ތެރޭގައި ކިޔަވައިދޭނެ ކަމަށެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ އަޙްމަދު އަލީ ވިދާޅުވީ ދަރުމަވަންތައާއި ޞަލާހުއްދީނުގެ ގުރޭޑް އެކަކަށް ދަރިވަރުން ވައްދަން މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު ދަރުމަވަންތަ ސްކޫލް ހުރި އިމާރާތް ދެން ބޭނުން ކުރާނީ އަރަބިއްޔާ ސްކޫލުންނެވެ. އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް ނިމެންދެން އެ ސްކޫލްގެ ދަރިވަރުން ދެން ކިޔަވާނީ އެ އިމާރާތުގައެވެ.
ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތާއެކު އެ ސްކޫލުގައި ކިޔަވައިދޭނީ އެއް ދަންފަޅިއަށެވެ. އެ ސްކޫލުގެ ފޭސްބުކް ޕޭޖުގައި ބުނެފައިވާ ގޮތުން އެއް ދަންފަޅިއަށް ކިޔަވައި ދޭނީ ހެނދުނު 7:45ން 14:30 އަށެވެ.
advertisment
ހިޔާލު