މިދިޔަ އަހަރު ސީއެޗްއެސްއީގެ އެންމެ މޮޅު ދަރިވަރު ޝާއިންއަކީ އެ ސްކޫލްގެ ތާރީޚުގައި ވެސް އެންމެ މޮޅު ދަރިވަރު

ފާއިތުވި އަހަރު ސީއެޗްއެސްއީގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް ޝާއިން މުޙައްމަދު ރިފްޢަތު ހޯދައިފިއެވެ.

ފާއިތުވި އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ.

ދެވަނަ ހޯދީ ފާތިމަތު އިޢާދާ ޝަރީފު އޭނާ ވަނީ މަތީ ސާނަވީގެ ޤައުމީ ގަދަ ދިހައެއްގެ ތިންވަނަ ހޯދާފައެވެ.

ތިން ވަނަ ދަރިވަރަކަށް ހޮވުނީ އައިޝަތު މާނީ އިސްމާއިލެވެ. އޭނާ ވަނީ މަތީ ސާނަވީން ޤައުމީ ގަދަ ދިހައެއްގެ ދެވަނަ ހޯދާފައެވެ.

އެއްވަނަ ހޯދި ޝާއިން އޭލެވެލްގައި ބައިވެރިވި ހަތަރު މާއްދާގެ ތެރެއިން ތިން މާއްދާއިން މުޅި ދުނިޔެއިން އެއްވަނަ، އަނެއް މާއްދާއިން އެންމެ މާކުހެއް މަދުވެގެން މުޅި ދުނިޔެއިން ދެވަނަ ލިބުން އެއީ އޭލެވެލްގައި ދިވެހި ދަރިވަރަކު މިހާތަނަށް ހޯދި އެންމެ މަތީ ނަތީޖާއެވެ.

ސީއެޗްއެސްއީން އޭނާ ކިޔެވީ އިސްލާމާއި ދިވެއްސާއި މެތްސްއާއި ފިޒިކްސްއާއި ކެމިސްޓްރީއެވެ. އޭގެ ތެރެއިން މެތްސްއާއި ފިޒިކްސްއިން މުޅި ދުނިޔެއިން އެއްވަނަ ހޯދީ ކޮންމެ ޔުނިޓަކުން ސައްތައިން ސައްތަ މާކްސް ހޯދައިގެންނެއެވެ. ކެމިސްޓްރީން ދުނިޔެއިން ދެވަނަ ލިބުނީ އެންމެ މާކުހެއް މަދުވެގެންނެވެ. އޭލެވެލްގައި ދެން ހެދީ ފާދަރ މެތަމެޓިކްސްއެވެ. އަމިއްލަ ގޮތުން އެ މާއްދާގައި ބައިވެރިވެ ހުރިހާ ޔުނިޓަކުން ސައްތައިން ސައްތައާއެކު އެ މާއްދާއިން ވެސް ދުނިޔެއިން އެއްވަނަ ހޯދިއެވެ. އިސްލާމާއި ދިވެހިން ލިބުނީ އޭ ސްޓާރއެކެވެ.

ޝާއިންއަކީ ސީއެޗްއެސްއީގެ ޕްރިފެކްޓެއްގެ އިތުރުން ފާއިތުވި އަހަރުގެ ޑެޕިއުޓީ ކެޕްޓަން ވެސް މެއެވެ.

ޝާއިންއަށް ލިބުނު އާދަޔާ ޚިލާފު ކާމިޔާބީއާއެކު ކޭމްބްރިޖް ޔުނިވަރސިޓީއަށް ވަންނަން އޭޝިޔާއިން ފުރުޞަތު ލިބުނު ހަތަރު ދަރިވަރުންގެ ތެރެއިން އެއް ދަރިވަރަކީ ޝާއިންއެވެ.

ރައީސްގެ ސްކޮލަރޝިޕްގެ ދަށުން އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީއަކުން ކިޔެވުމުގެ ފުރުސަތު ލިބުނަސް ކޭމްބްރިޖަށް ދާން ޝާއިންއަށް އޮތީ ބޮޑު ހުރަހެކެވެ. ކޭމްބްރިޖް ޔުނިވަރސިޓީން ޖާގަ ދެނީ ފަސްޓް ޑިގްރީގެ އިތުރުން މާސްޓާރސްއަށް ވެސް ކިޔަވާ ދަރިވަރުންނަށެވެ.

ރައީސުލްޖުމުހޫރިއްޔާ ދެއްވާ ސްކޮލަރޝިޕްގެ ދަށުން ކިޔެވޭނީ ފަސްޓްޑިގްރީއަށެވެ. މާސްޓާސްއަށް ކިޔަވަން ޖެހޭނީ އަމިއްލަ ޚަރަދުގައެވެ. އެހެންވެ ކޭމްބްރިޖުން ފުރުޞަތު ލިބުނަސް ކިޔަވަން ދެވުމުގެ ފުރުޞަތު އޭނާއަށް ހަންޏެވެ.

ދަރިވަރު ނޫހަށް ޝާއިން މީގެ ކުރިން ބުނެފައި ވަނީ ކޭމްބްރިޖަށް ދާން ބޭނުން ވިޔަސް ފައިސާ އަދި ހަމަނުޖެހޭ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *