މަދްރަސަތުލް އިފްތިތާޙްގެ 2021- 2022 ވަނަ ދިރާސީ އަހަރުގެ އެންމެ މޮޅު ދަރިވަރުންނަށް އާއިން ބިން މުޙައްމަދު އިބްރާހިމާއި ޔޫސުފް ނާސިފް ހޮވައިފިއެވެ.
އާއިން އެއްވަނައަށް ދިޔައީ ސާނަވީންނެވެ. ޔޫސުފު އެއްވަނައަށް ދިޔައީ މަތީ ސާނަވީންނެވެ.
އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިޔުކޭޝަން އަޙްމަދު މުޖާހިދެވެ.
40 އަހަރަށްވުރެ ގިނަ ދުވަހު މަދްރަސަތުލް އިފްތިތާޙަށް ޚިދުމަތްކޮށްފައިވާތީ، ޅ. ނައިފަރު އަމާން ޢަލީމޫސާފުޅަށްވަނީ މި ޖަލްސާގައި މަދަދާއި ޚިދުމަތުގެ އެވޯޑް ދެއްވާފައެވެ. މި އެވޯޑް ޢަލީމޫސާފުޅަށް ދެއްވީ ޖަލްސާގެ ޝަރަފުވެރި މެހުމާން، މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިޔުކޭޝަން އަޙްމަދު މުޖާހިދެވެ.
މިއަހަރަކީ، މަދްރަސަތުލް އިފްތިތާޙަށް 90 އަހަރު ފުރޭ މުނާސަބާ ފާހަގަކުރާއަހަރު ކަމަށްވާތީ، 90 އަހަރުގެ ލޯގޯ ވަނީ މި ޖަލްސާގައި އިފްތިތާޙްކޮށްފައެވެ. ލޯގޯ އިފްތިތާޙްކޮށްދެއްވީ، މަދްރަސަތުލް އިފްތިތާޙްގެ ޕްރިންސިޕަލް، ޢާއިޝަތު ފަރްޙަތެވެ. ދަރިވަރުންގެ މެދުގައި ލޯގޯ ފަރުމާކުރުމަށް ހުޅުވައިލި ފުރުޞަތުގައި ހުށަހެޅި ލޯގޯތަކުގެ ތެރެއިން އެންމެ ފުރިހަމަ ލޯގޯއެއް ހުށަހެޅުއްވި މަދްރަަސަތުލް އިފްތިތާޙްގެ ގްރޭޑް 9 ގެ ދަރިވަރު ފާޠިމަތު ހަޔާމް ޢަބްދުﷲ އަށް ވަނީ މި ޖަލްސާގެ އެކަންފާހަގަކޮށް ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވާފައެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަރަފުވެރި މެހުމާން، މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިޔުކޭޝަން އަޙްމަދު މުޖާހިދު ވިދާޅުވީ، ކާމިޔާބު ހޯދުމަށް މަސައްކަތްކުރުމަކީ ކޮންމެ ކުއްޖެއްގެވެސް ޙައްޤެއްކަމާއި، އެއީ ވަކި ފަންތިއަކަށް ގިންތިއަކަށް ނަސަބަކަށްވީތީ އޮންނަކަމެއްނޫން ކަމާއި، އެންމެ ޅައިރުއްސުރެ ވެސް ކޮންމެ ކުއްޖަކުވެސް އަމާޒެއް ކަނޑައަޅަންވާނެ ކަމާއި، އެ އަމާޒަށް ވާޞިލްވުމުގައި މަސައްކަތްކޮށްފިނަމަ އެކުއްޖެއްގެ މަންޒިލް ލިބޭނެކަން ހާމަކުރައްވައި، ދުނިޔޭގެ ތާރީޚުން އެކިއެކި ބޭފުޅުންގެ ޙަޔާތުންވަނީ އެކިއެކި މިސާލުދައްކަވައިފައެވެ.
މަދްރަސަތުލް އިފްތިތާޙަކީ އަތޮޅުތެރޭގައި އެންމެ ފުރަތަމަ ބިނާކުރެވުނު މަދްރަސާއެވެ. 155 ދަރިވަރުންނާއެކު 1932 ޖޫން 22 ، 1352 ޞަފަރު 27 ގައި ނައިފަރުގައި ބިނާކުރެވުނު މި މަދްރަސާއަކީ މިހާރު 1000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ޙާޞިލްކުރަމުން އަންނަ ފައުންޑޭޝަން ސްޓޭޖުން ފެށިގެން މަތީސާނަވީއަށް 3 ސްޓްރީމަށް ކިޔަވައިދޭ މަދްރަސާއެކެވެ.
advertisment
ހިޔާލު