ފާއިތުވި 2022-2021 ވަނަ އަހަރު އިސްކަންދަރު ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް އާމިނަތު ޒާރާ އިބްރާހިމް ހޮވައިފިއެވެ. ފާއިތުވި އަހަރު އެ ސްކޫލްގެ ކެޕްޓަންކަން ވެސް ކުރި ޒާރާ ވަނީ ސާނަވީ އިމްތިޙާނުން ޤައުމީ ގަދަ ދިހައެއްގެ ތިން ވަނަ ހޯދާފައެވެ.
އެންމެ މޮޅު ދެވަނަ ދަރިވަރަކީ މުޙައްމަދު ޖިބްރީލް އަލީއެވެ. ޖިބްރީލް ވަނީ ގަދަ ދިހައެއްގެ ތިންވަނަ ހޯދާފައެވެ. އެންމެ މޮޅު ތިންވަނަ ދަރިވަރަކީ މަރިޔަމް މަލީޝާ މުޖްތަބާއެވެ. އޭނާ ވަނީ ގަދަ ދިހައެއްގެ ފަސްވަނަ ހޯދާފައެވެ.
އެންމެ މޮޅު ދަރިވަރުންނަށް ޢިނާމް ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ.
އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސައިން ސައީދަށް ދިމާވި ސިއްޚީ ކުއްލި މައްސަލައަކާހުރެ އެ ޖަލްސާގައި ބައިވެރިވެ ވަޑައި ނުގެންނެވޭތީ، އެއްވަނަ ލިބުނު ދަރިވަރުގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުން ޒާރާ ބުނީ ރޭގެ ޖަލްސާ އޭނައަށް އުފާވެރި ނޫން ކަމަށެވެ. އޭނާގެ ޟަމީރު ބުނެދެނީ ތިބާގެ މަސައްކަތުގެ އެންމެ ދުރުން އެހެން ނަމަވެސް އެންމެ ގާތުން މަދަދާއި އެހީތެރިކަން ފޯރުކޮށްދޭ މަދަދުގާރު ތިބާއާއެކު ނެތް ކަމަށެވެ.
" އަޅުގަނޑު މި ސްކޫލަށް ފުރަތަމަ ވަދެގެން އައި ދުވަހެކޭ އެއްގޮތައް ދިހަ އަހަރު ދުވަސް ވެގެން ދިޔައިރު ވެސް ފެށޭގަޑީގައި އަދި ނިމޭ ގަޑީގައި އަޅުގަނޑުމެންގެ ފާރަވެރިއެއްގެ ގޮތުގައި ހުންނެވި ލޮބުވެތި ޕްރިންސިޕަލް ނެތް ކަމުގެ އިހުސާސް މިއަދު އަޅުގަނޑަށް އެބަކުރެވޭ" ޒާރާ ބުންޏެވެ.
ދުނިޔެވީ އެކިކަހަލަ މިސާލުތަކާއި ކީރިތި ޤުރުއާނުގެ އިލްމީ މުއުޖިޒާތްތަކާއި ދުނިޔޭގެ އެންމެ މަޝްހޫރު މީހުންގެ ވާހަކަތަކުން މިސާލު ނަންގަވައިގެން ކިޔެވުމަށް އަޅުގަނޑުމެން ޝަޢުޤުވެރި ކުރުވި ބޭފުޅަކީ ޕްރިންސިޕަލް ފިޔަވައި ދެވަނަ ފަރާތެއް ނޫން ކަމަށް ޒާރާ ބުންޏެވެ. އަދި ބުނީ އޭނާއެކޭ އެއްފަދައިން މި ޝަރަފުވެރި ސްކޫލަށް ނިސްބަތްވާ ކޮންމެ ބޭފުޅެއްގެ ދުޢާއަކަށް ވާނީ ލޮބުވެތި ޕްރިންސިޕަލަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން ކަމަށެވެ.
" އަޅުގަނޑަށް މި ލިބުނު ތާރީޚީ ވަނަ އަޅުގަނޑުގެ ހިތުގެ ލޯތްބާއެކު ތަޙްސީސް ކުރާ އެއްބޭފުޅަކީ ލޮބުވެތި ޕްރިންސިޕަލް. ހިތުގެ ވިޔަ ނުވާހާ ލޯތްބާއެކު ޕްރިންސިޕަލަށް ޝުކުރު ދަންނަވަން"
ޒާރާ ބުނީ ރޭ އަޅުގަނޑުގެ ހިތުގައި އުފެދޭ ޝުޢޫރުތަކަށްވުރެ މަތިވެރި ޝުޢޫރުތަކެއް އުފެދޭނީ އޭނާގެ މަންމައާއި ބައްޕަގެ ހިތުގައި ކަމަށާއި އެކަމަށް އޮތީ އިހްތިރާމާއި ލޯބި ކަމަށެވެ. ޒައްރެއްގެ މިންވަރު ވެސް އުނި ނުވާ އެ ލޯބި ކަމަށެވެ.
" ތާރީޚީ ވަނަ ތަޙްސީސް ކުރާ ދެވަނަ ފަރާތަކީ މަންމައާއި ބައްޕަ"
ޒާރާ ބުނީ، ދޮންތައަކީ ވެސް އޭނާގެ ކާމިޔާބީގައި ވަރަށް ޚާއްޞަ ފަރާތެއް ކަމަށާއި އެއީ ރީތި ނަމޫނާއެއް ކަމަށެވެ. ދޮންތަ ދިން އެހީތެރިކަމާއި ހިތްވަރު އެއީ މިސާލެއް ކަމުގައި ބަލައިގަންނަ ކަމަށް ވެސް ޒާރާ ބުންޏެވެ. އާއިލާގެ ކޮންމެ މީހަކު ވެސް އެމީހެއްގެ ފެންވަރުން ދިޔާއި އެހީތެރިކަން ފޯރުކޮށްދެމުންކަން ވެސް ޒާރާ ބުންޏެވެ.
ޒާރާގެ ކާމިޔާބީގެ ސިއްރުވެސް ރޭ ވަނީ އެންމެހައި ކިޔަވާ ކުދިންނަށް ކިޔައިދިނެއެވެ.
ޒާރާ ބުނި ގޮތުގައި އޭނާގެ ކާމިޔާބީގެ ސިއްރަކީ ނަމާދާއި ދުޢާއިން ހޯދި ވާގިވެރިކަމެވެ. މައިންބަފައިންގެ ބަސްއެހުމާއި ކިޔެވުމަށް އޮތް ޝަޢުޤުވެރިކަމެވެ. ވަކި ހަމަތަކެއްގެ މަތިން ކަންކަން ރާވާލައިގެން ކަންތައްތައް ކުރިއަށް ގެންދިއުމެވެ. ކާމިޔާބީއަކީ ބުރަ މަސައްކަތުން ހޯދޭ އެއްޗެއްކަން ޤަބޫލުކޮށްގެން ކުރި މަސައްކަތެވެ.
" އަޅުގަނޑުގެ މި ތަޖުރިބާއަކީ އެހެން ކުދިންނަށް ބޭނުން ހިފޭނެ އެއްޗެއް ކަމުގައި އުއްމީދުކުރަން"
ޒާރާ ވަނީ އޭނައަށް ކިޔަވައިދިން ހުރިހާ ޓީޗަރުންނަށާއި އިސްކަންދަރު ސްކޫލްގެ ހުރިހާ ސްޓާފުންނަށް ޝުކުރުއަދާކޮށްފައެވެ.
އިސްކަންދަރު ސްކޫލަކީ ސާނަވީ އިމްތިޙާނުގައި އެންމެ ކާމިޔާބު ސަރުކާރު ސްކޫލެވެ. 153 ދަރިވަރުން އެ ސްކޫލުން ސާނަވީ އިމްތިޙާން ނިންމާލިއިރު، 52 ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނުނެވެ. އަށް މާއްދާއިން 63 އިންސައްތަ ދަރިވަރުން ފާސްވިއިރު، ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު ވަނީ 81 އިންސައްތައަށް އަރާފައެވެ.
އިސްކަންދަރުގައި 2100އަށްވުރެ ގިނަ ކުދިން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު