ދަރިވަރުންނަށް ނަފުސާނީ ފުރަތަމަ އެހީ ފޯރުކޮށްދޭން 1484 ތަޢާރަފުކޮށްފި

ދަރިވަރުންނަށް ނަފުސާނީ ފުރަތަމަ އެހީ ފޯރުކޮށްދޭން ޤާއިމް ކުރި ހޮޓްލައިން 1484 ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަޙްމަދު އިފްތިތާޙްކޮށް ދެއްވަނީ: ފޮޓޯ| އެޑިޔުކޭޝަން

ނަފުސާނީ ފުރަތަމަ އެހީ މިހާރު ފޯރުކޮށް ދެވެނީ 27 އިންސައްތަ ސްކޫލަށް- އެޑިޔުކޭޝަން މިނިސްޓަރު

ދަރިވަރުންނަށް ނަފުސާނީ ފުރަތަމަ އެހީ ފޯރުކޮށްދޭން 1484 ހެލްޕް ލައިނެއް ތަޢާރަފުކޮށްފިއެވެ.

މި ހެލްތް ލައިން އިފްތިތާޙް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަޙްމަދެވެ.

ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރުފަހު 3ން ރޭގަނޑު 9އަށް މި ހެލްޕްލައިނުން ޚިދުމަތް ދޭނެއެވެ.

ސައިކޮލޮޖިކަލް ފަސްޓް އެއިޑް ހެލްޕްލައިނެއްގެ ގޮތުގައި ގާއިމް ކުރި މި ހެލްޕްލައިނުން ކޮންމެ ކުއްޖަކަށް ވެސް މެންޓަލް ހެލްތު އެންޑް ސައިކޯ ސޯޝަލް ސަޕޯޓް (އެމްއެޗްޕީއެސްއެސް) ލިބޭނެ އިންތިޒާމު ހަމަޖެއްސައި ދޭނެއެވެ. މަޤްޞަދަކީ:

  • ދަރިވަރުންނަށް އެމްއެޗްޕީއެސްއެސް ހޯދޭނެ ރަސްމީ ނިޒާމެއް ގާއިމުކުރުން.
  • ސްކޫލް ކައުންސެލިންގެ ޚިދުމަތް ހަރުދަނާކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކިޔަވާ ދަރިވަރުންނަށް މެންޓަލް ހެލްތު އެންޑް ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގައި މިހާރު ތިބި ކައުންސެލަރުން ބޭނުންކުރުން.
  • ކްލިނިކަލް އިންޓަވެންޝަން ބޭނުންވާ ކުދިންގެ ޢަދަދު މަދުކޮށް، އެހީތެރިކަން ފޯރުކޮށްދިނުމާއި، އަވަހަށް އިންޓަރވެންޝަނަށް މަގުފަހިކޮށްދިނުން.
  • ސްކޫލް ފެންވަރުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ދަރިވަރުން ދެނެގަނެ އެކުދިން އެހީތެރިކަން ފޯރުކޮށްދިނުން.

މި ހެލްޕްލައިން ޤާއިމް ކުރީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިސްނަގައިގެން ޔުނިސެފާއި ޑަބްލިއުއެޗްއޯގެ އެހީތެރިކަމާ އެކުގައެވެ.

1484 ހެލްޕްލައިން އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ ކޮވިޑްގެ އާލަމީ ވަބާގައި ސްކޫލްތައް ބަންދުވެ ގޭގައި ތިބެންޖެހި އޮންލައިންކޮށް ކިޔަވަން ޖެހުމުން ނަފުސާނީ ގޮތުން ދަރުވަރުން ތަހައްމަލް ކުރަންޖެހުނު ކަންތައްތަކީ ވަކިރަށަކަށް ވަކި އަތޮޅަކަށް ޚާއްޞަވެގެން ދިޔަ ކަންތައްތަކެއް ނޫން ކަމަށެވެ. ނަފުސާނީ ފުރަތަމަ އެހީ ދިނުމަށް އެ ދުވަސްވަރު ވެސް މުދައްރިސުން ތައްޔާރުކޮށް ދަރިވަރުންނަށް ބޭނުންވާ ނަފުސާނީ އެހީ ފޯރުކޮށް ދިނުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް އިޖްތިމާއީ ހާލަތްތަކުގައި މުއާސަލާތް ކުރުމުގައި އިޖްތިމާއީ ގުޅުންތައް ގާއިމް ކުރުމުގައި ދަރިވަރުން ދަތިތަކާ ކުރިމަތިލާން ޖެހުނުކަން ދަނީ ފާހަގަ ކުރެވެމުން ކަމަށާއި ތަފާސް ހިސާބުން ދައްކާ ގޮތުން ބައެއް ދަރިވަރުންނަށް ކުރި ނަފުސާނީ އަސަރު ދާއިމީ ބައްޔަށް ވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު ޤައިމް ކުރި ޚިދުމަތާއެކު ރާއްޖޭގެ ކަންކޮޅުތަކުގައި ދިރިއުޅޭ ދަރިވަރުންނަށް ނަފުސާނީ ފުރުޞަތަކީ ފަސޭހައިން ފޮރުކޮށްދެވޭ ޚިދުމަތަކަށް ވެގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ސްކޫލްތަކަށް ބަލާއިރު ނަފުސާނީ ފުރަތަމަ އެހީ ފޯރުކޮށްދެވެނީ 27 އިންސައްތަ ސްކޫލަށް ކަމަށެވެ.

މި ނިޒާމުގެ ތެރެއިން ދަރިވަރުންނަށް ދިމާވާ ކަންބޮޑުވުންތަކާ ގުޅިގެން ދިމާވެދާނެ ނަފްސާނީ ހާސް ކަމުން އަރައިގަތުމަށް ކައުންސެލަރުން މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށް ދިނުމާއި ދަރިވަރުން ފުރިހަމަ ގޮތެއްގައި އުނގެނުމުގައާއި ކިޔެވުމުގައި ޝާމިލުވުމަށްޓަކައި އެކުދިންނަކީ ނަފުސާނީ ޖިސްމާނީ ގޮތުން ދުޅަހެޔޮ ދަރިވަރުން ތަކަށް ވުން ވަރަށް މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

" ދިމާވާ ކުޑަކުޑަކަމަކުން ވެސް އަރައިގަންނާނެ އުކުޅުތައް ދަރިވަރަށް ނޭނގޭނަމަ ކުއްޖާ މާޔޫސްކޮށްލާ. އަދި އޭގެ ސަބަބުން ކުއްޖާގެ މުޅި ދިރިއުޅުމަށް ބޮޑު އަސަރުތަކެއް ކުރޭ. މި އަސަރުތަކަށް ފަރުވާއެއް ނުލިބިއްޖެނަމަ މުޅި ދިރިއުޅުމަށް އޭގެ ވޭން ތަހައްމަލް ކުރަންޖެހޭ. މިއަދު އިފްތިތާހު ކުރެވުނު ހެލްޕްލައިންގެ ސަބަބުން އަޅުގަނޑުމެންގެ އުއްމީދަކީ ދަރިވަރުންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ބޭނުންވާ ވަގުތު ލިބިގެން ދިއުން" މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *