ރ. އަތޮޅުގެ ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ފޯރަމުގައި، އެ އަތޮޅުގެ ތަޢުލީމަށް މުހިންމު ކަންތައްތަކެއް ކުރަން ނިންމައި އެކަންތައް ކުރިއަށް ގެންދާނެ ގޮތްތަކާމެދު މަޝްވަރާ ކުރައްވައިފިއެވެ.
މިއީ މިފަދަ ފޯރަމެއް މި އަހަރުގެ ތެރޭގައި ބޭއްވި ދެވަނަ ފަހަރެވެ. މި ފަހަރުގެ ފޯރަމް އިމްތިޒާމް ކުރީ ރ. އަތޮޅު ކައުންސިލުންނެވެ. ބޭއްވީ ފުރަވެރީ އައިލެންޑް ރިސޯޓް އެންޑް ސްޕާގެ އެހީތެރިކަމާއެކު އެ ރިސޯޓްގައެވެ. ރ. އަތޮޅުގެ 16 ސްކޫލުގެ ތެރެއިން 14 ސްކޫލެއްގެ ޕްރިންސިޕަލުން މި ފޯރަމުގައި ބައިވެރިވިއެވެ.

މި ފޯރަމުގައި ބައިވެރިވެ ވަޑައިގެންނެވި ހުޅުދުއްފާރު ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ފަޔާޒު ދަރިވަރު ނޫހަށް ވިދާޅުވީ، ކުރީ ބައްދަލުވުންތަކުގައި ބެލީ ސްކޫލްތަކުގެ ތެރޭގައި އިންޓަރނަލް ޕޮލިސީސްތައް އެކުލަވާލުމާ ގުޅޭ ގޮތުން ކަމަށާއި އެއް ސްކޫލެއްގައި ބޭނުން ކުރާ ޕޮލިސީސްތައް އެހެން ސްކޫލަކާ ހިއްސާކޮށް އެ ބޭނުން ކުރުމާ ގުޅޭ ގޮތުން ކަމަށެވެ. އޭގެ ސަބަބުން ޕޮލިސީތަކާއި ޕްރޮސީޖަރތައް އެކުލަވާލުގައި ގިނަ ސްކޫލްތަކަށް ފަސޭހަވެގެން ދިޔަކަމަށް އޭނާ ވިދާޅުވިއެވެ.
ފަޔާޒު ވިދާޅުވި ގޮތުގައި މި ފަހަރުގެ ފޯރަމުގެ މައިގަނޑު މަސައްކަތަކީ އަންނަ އަހަރަށް ޕްލޭންތައް އެކުލަވާލާއިރު ހިމަނާނެ ކަންތައް ކަނޑައެޅުމާއި އަތޮޅުގެ ތަޢުލީމީ ފެންވަރު މަތިކުރުމަށް ކުރެވޭނެ ކަންތައްތަކާ ބެހޭ ގޮތުން ގޮތް ތަކެއް ކަނޑައެޅުމެވެ.
" ހުރިހާ ކަމެއް ވެސް ފޯކަސް ކުރީ ވަކި ސްކޫލްތަކަށްވުރެ ބޮޑަށް އަތޮޅުގެ ތަޢުލީމީ ފެންވަރު މަތިކުރުމަށް" ފަޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފޯރަމުގައި ހަތަރު ސެޝަނެއްގައި މައިގަނޑު ހަތަރު ކަމަކަށް އަމާޒުކޮށްގެން މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށެވެ. ފުރަތަމަ ކަމަކަށް ކުރިއަށް ގެންދިޔައީ މިއަހަރު ސްކޫލްތަކުގައި ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމްތައް ސްކޫލްތަކާ ހިއްސާކޮށް ކުރުމެވެ. ދެވަނަ ބައިގައި ގެންދިޔައީ ސްކޫލްތަކުގައި މިވަގުތު ހުރި ކަންބޮޑުވުންތަކާއި މައްސަލަތަކަށް ގުޅިގެން މަޝްވަރާކޮށްގެން ހައްލު ހޯދިދާނެ ކަންތައްތައް ދެނެގަނެ ގަތުމެވެ. ތިން ވަނަ ކަމެއްގެ ގޮތުގައި ކުރިއަށް ގެންދިޔައީ އަތޮޅު ކައުންސިލުގެ އެދުމުގެ މަތިން އަތޮޅުގެ ތަޢުލީމީ ހާލަތު ދެނެގަނެ އޭގެ މައްޗަށް ޕޭޕަރެއް ތައްޔާރު ކުރުމެވެ. އެއީ ވިޔަވަތި ކޮންފަރެންސަށް ކައުންސިލުން ހުށަހަޅަން ބޭނުންވާ ކަރުދާހެކެވެ.

" އޭގައި އަޅުގަނޑުމެން ބެނީ އަތޮޅުގެ ތަޢުލީމަށް ހުރި ހުރަސްތަކާއި އެކަންތައް ރަނގަޅު ކުރަން ސްކޫލްތަކާއި ކައުންސިލްތަކާއި އަތޮޅު ކައުންސިލް ގުޅިގެން ކުރެވިދާނެ ކަންތައްތަކަށް. އަޅުގަނޑުމެން ވާނެ ޕޭޕަރެއް ވެސް މިހާރު ޑްރާފްޓް ކޮށްފައި" ފަޔާޒު ވިދާޅުވިއެވެ.
ހަތަރުވަނަ ކަމެއްގެ ގޮތުގައި ކުރިއަށް ގެންދިޔައީ ރިސޯޓްތަކުން ސްކޫލްތަކަށް ހުރި ފުރުޞަތު ތަކާ ގުޅޭ ގޮތުންނެވެ. އެކަން ކުރިއަށް ގެންދިޔައީ ފޯރަމް ބޭއްވި ފުރަވެރީ އައިލެންޑް ރިސޯޓް އެންޑް ސްޕާއިންނެވެ.
ފަޔާޒު ވިދާޅުވީ ޕްރިންސިޕަލުން އެއްތަނަކަށް އެއްވެ ބާއްވާ މި ފޯރަމްތަކުގެ ފައިދާ މިހާރުވެސް ސްކޫލްތަކުން ފެންނަމުންދާ ކަމަށާއި އަންނަ އަހަރުވެސް މިފަދަ އެތައް ފޯރަމެއް ބާއްވާނެ ކަމަށެވެ.
ޕްރިންސިޕަލުންގެ ފޯރަން ބޭއްވުމަށް ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށް ދީފައި ވަނީ ކޯރާކޯރާ ރިސޯޓާއި ޔޫއެންޑްމީގެ ފަރާތުންނެވެ.
advertisment
ހިޔާލު