2022-2021 ވަނަ އަހަރު ގއ. ދާންދޫ ސްކޫލުގެ އެއްވަނަ ދަރިވަރަކަށް ފާތިމަތު އަނާ ޝަފީޒު ހޮވައިފިއެވެ. އިއްޔެ ބޭއްވި އެ ސްކޫލްގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން އަލްފާޟިލާ ފާޠިމަތު ނަޞީރެވެ.
އެއްވަނައަށް ހޮވުނު އަނާ ވަނީ މިދިޔަ އަހަރު ބޭއްވި ސާނަވީ އިމްތިޙާނުން ޤައުމީ ގަދަ ދިހައެއްގެ ހަތަރުވަނަ ހޯދާފައެވެ. އޭނާގެ އިތުރުން އެ ސްކޫލްގެ ހަތަރު ދަރިވަރުން ގަދަ ދިހައެއްގައި ހިމެނުނެވެ.

ދާންދޫ ސްކޫލުން ބުނީ، އޯލެވެލްގައި މިހާތަނަށް އެ ސްކޫލުން ހޯދި އެންމެ ރަނގަޅު ނަތީޖާ ލިބުނީ މިދިޔަ އަހަރު ކަމަށެވެ.
އަދި އެ ސްކޫލުން ބުނީ، ސާނަވީ އިމްތިޙާނުގައި 34 ދަރިވަރަކު ބައިވެރިވެ 5 މާއްދާއިން 90 އިންސައްތަ ދަރިވަރުން ފާސްވެ، 95 އިންސައްތަ ދަރިވަރުން 3 މާއްދާއިން ފާސްވި ކަމަށެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 40 އިންސައްތަ އިގެ ކުރިއެރުމެއް ކަމަށެވެ.
ދާންދޫ ސްކޫލްގެ ޕްރިންސިޕަލް ފަހީމާ އަޙްމަދު ދަރިވަރު ނޫހަށް ވިދާޅުވީ، ރަނގަޅު ނަތީޖާއެއް ހޯދީ އެ ސްކޫލްގައި ތިބި އެންމެ މޮޅު ދަރިވަރުން އެއްވެސް ޓިއުޝަނެއް ނެގުމެއް ނެތި ކަމަށެވެ.
" ކާމިޔާބީގެ ފޯމިއުލާއަކީ އަވަހަށް ތައްޔާރުވުމާއި، ޓީމް ވޯކާއި ޓީޗަރުން ކޮށްދިން މަސައްކަތް. އަދި ދީނީ ކަންތައްތަކަށް ދަރިވަރުން ބެހެއްޓި ސަމާލުކަމާއި ޒިންމާދާރު ކުދިންތަކަށްވެ ނަތީޖާ ހާޞިލް ކުރުމަށް ފޫހި ކަމެއް ނެތި ހިވްވަރާ އެކު ކުރި ބުރަ މަސައްކަތް" ފަހީމާ ވިދާޅުވިއެވެ.
ޤައުމީ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުން:
1- ފާތިމަތު އަނާ ޝަފީޒު، ހަތަރުވަނަ
2- އައިޝަތު އަލީ، ނުވަވަނަ
3- ފާޠިމަތު އަންޖުން ސޯލިޙް، ދިހަވަނަ
4- އީނަލް އަލީ، ދިހަވަނަ
5- މުޙައްމަދު ހައިޝަމް ހައްސާން

ފާއިތުވި 2022-2021 ވަނަ އަހަރު އެންމެ މޮޅު ގައިޑަކަށް ހޮވުނީ އައިޝަތު އަލީ ( 10އެސް) އެވެ. އެންމެ މޮޅު ސްކައުޓަކަށް ހޮވުނީ އަންޖުން ސޯލިޙް (10ބީ) އެވެ.
advertisment
ހިޔާލު