"ވޯލްޑް ކަލިނަރީ އެވޯޑްސް"ގައި މޮރިޝަސްއާ ރާއްޖެ ވާދަކުރަނީ

އާންމުންގެ ވޯޓަށް ހުޅުވާލާފައިވާއިރު، ވީހާވެސް ގިނަ ބަޔަކު ވޯޓް ދިނުމަށް ޤައުމީ ޔުނިވަރސިޓީން އެދޭ

"ވޯލްޑް ކަލިނަރީ އެވޯޑްސް" ގެ އިންޑިއަން އޯޝަން "ބެސްޓް ކަލިނަރީ ޓްރެއިނިން އިންސްޓިޓިއުޓް" ގެ ކެޓަގަރީން ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް ( އެފްއެޗްޓީއެސް) ނޮމިނޭޓް ވެއްޖެއެވެ. މި އެވޯޑަށް ދެން ނޮމިނޭޓް ވެފައި ވަނީ މޮރިޝަސްގެ އޮލިވިއާ ކަލިނަރީ ސްކޫލާއި ކަލިނަރީ މާސްޓަރސްއެވެ.

ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒުން ވަނީ އިންޑިއަން އޯޝަން "ބެސްޓް ކަލިނަރީ ޓްރެއިނިން އިންސްޓިޓިއުޓްގެ އެވޯޑް 2021 ވަނަ އަހަރު ހޯދާފައެވެ. މިއީ ކެއްކުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ގޮތުން ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ.

ނޮމިނޭޓް ވި ތިން އިންސްޓިއުޝަންގެ ތެރެއިން އެވޯޑް ދޭނީ އާއްމުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ވޯޓްލުން ކުރިއަށް ދާނެއެވެ.

ޤައުމީ ޔުނިވަރސިޓީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި  އެފްއެޗްޓީއެސްގެ ޑީން ޒީނަތް ސާލިހް ވިދާޅުވީ މި އެވޯޑަކީ ރާއްޖެއަށް ވެސް ލިބޭ ބޮޑު ޝަރަފެއް ކަމަށާއި މި އެވޯޑް ހޯދައި ދިނުމަށް ވީހާވެސް ގިނަބަޔަކު ވޯޓްގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

" މިއީ ޤައުމަށް ލިބޭ ރީތި ނަމެއް އަދި ޝަރަފެއް. ވީހާވެސް ގިނަ ބަޔަކު ވޯޓްގައި ބައިވެރިވެ ވޯޓް ލުމަކީ ޔުނިވަރސިޓީގެ ވެސް އެދުމެއް" ޒީނަތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 2021 ވަނަ އަހަރު އެވޯޑް ހޯދުމުގައި ވެސް ޔުނިވަރސިޓީގެ ދަރިވަރުންނާއި ދަސްވެނީންގެ ދައުރު ބޮޑު ކަމަށާއި މި ފަހަރުވެސް އެ ފަރާތްތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

ޤައުމީ ޔުނިވަރސިޓީން އަންނަނީ "ވޯލްޑް ކަލިނަރީ އެވޯޑްސް"ގައި ވޯޓް ލުމަށް ހިތްވަރުދީ އެ މައުލޫމާތު ދިނުމަށް މިމަހުގެ 17 ވަނަ ދުވަހު މާލޭ ރަސްފަންނުގައި ހާއްސަ ހަރަކާތެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. އަދި ސޯޝަލް މީޑިއާގައި ވެސް ކެމްޕޭން ތަކެއް ދަނީ ހިންގަމުންނެވެ.

ތިރީގައިމިވާ ލިންކުން ވޯޓްލެވޭނެއެވެ.

https://worldculinaryawards.com/award/indian-ocean-best-culinary-training-institution/2023

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *