ފ. އަތޮޅު ތަޢުލީމީ މަރުކަޒުން އޭލެވެލްގެ ގަދަ ދިހައެއްގައި މީގެ ކުރިން ހިމެނެނީ ތިނެއް ނޫނީ ހަތަރު ކުދިންނެވެ. ފާއިތުވި އަހަރުތަކުގެ ތަފާސް ހިސާބު ބުރަވަނީ ވެސް އެގޮތަށެވެ. އެކަމަކު އެކަން ބަދަލުވެގެން ދިޔައީ މިދިޔަ އަހަރުއެވެ. މަތީ ސާނަވީން ޤައުމީ ގަދަ ދިހައެއްގައި ނުވަ ދަރިވަރުން ހިމެނިދާނެ ކަމަށް އެއްގޮތަކަށް ވެސް އެ ސްކޫލުން އުއްމީދެއް ނުކުރެއެވެ. އެކަމަކު ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށް އެ ސްކޫލަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ދަރިވަރުންނަށް އައީ ކޮށްދެމުންނެވެ.
ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަބްދުﷲ އަހުމަދު ވިދާޅުވީ މަތީ ސާނަވީން ގަދަ ދިހައެއްގައި ނުވަ ދަރިވަރުން ހިމެނުން އެއީ އެ ސްކޫލަށް ލިބުނު ސަޕްރައިޒެއް ކަމަށެވެ.
" އާންމުކޮށް ތިނެއް ނޫނީ ހަތަރު ކުދިން ހިމެނެމުން އަންނާތީ އެއަށްވުރެ އިތުރުވާން މަސައްކަތް ކުރި ނަމަވެސް ދެގުނަ އިތުރު ވުމަކީ އެއީ ސަޕްރައިޒެއް" އަބްދުﷲ އަހުމަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ 25 ދަރިވަރުން މިދިޔަ އަހަރު އޭލެވެލް ނިންމާލިއިރު އޭގެ ތެރެއިން 9 ދަރިވަރުން ގަދަ ދިހައެއްގައި ހިމެނުމަކީ އެއީ އެ ސްކޫލުގެ ޙަޔާތުގައި ވެސް ލިބުނު އެންމެ ބޮޑު ކަމީޔާބީއެވެ. އެ ސްކޫލުގެ ދެ ދަރިވަރުން ދެވަނަ އަދި ތިން ވަނައިގައި ވެސް ހިމެނިފައެވެ. ދެވަނައިގައި ހިމެނުނު އީމާން މުޙައްމަދު ވަނީ ހަތަރު މާއްދާއިން އޭ ސްޓަރ އަދި ދެ މާއްދާއިން އޭ އެއް ހޯދައި، ބިޒްނަސްއިން ދުނިޔެއިން ފަސްވަނަ ހޯދާފައެވެ.
މަތީ ސާނަވީގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުން
1- އީމާން މުޙައްމަދު، ދެވަނަ
2- ޔަޒްދާ އަޙްމަދު، ތިންވަނަ
3- ޝާޙް އިސްމާއިލް، ހަތްވަނަ
4- އައިޝަތު ރައުޝާން، އަށްވަނަ
5-ޖީލާން އަހުމަދު، ޤައުމީ، އަށްވަނަ
6- ސައިފުﷲ އަލީ، ނުވަވަނަ
7- ސަމާހާ އަހުމަދު، ނުވަވަނަ
8- މުހައްމަދު ޔާނިއު އަބްދުﷲ، ދިހަވަނަ
9- ރާޔާ އަބްދުލް ކަރީމް، ދިހަވަނަ
ސާނަވީން ގަދަ ދިހައެއްގައި ހިމެނުނީ އެ ސްކޫލުގެ ތިން ދަރިވަރުންނެވެ.
އެއީ ތިން ވަނައިގައި ހިމެނުނު ލުހާމް އަބްދުއްލަތީފު އާއި ދިހަ ވަނައިގައި ހިމެނުނު ދެ ދަރިވަރުން ކަމުގައިވާ ކައުސަރު އަބްދުލް ޣަނީއާއި ނަޖާހަތު އަލީއެވެ.
އަބްދުﷲ އަހުމަދު ވިދާޅުވީ އެ ސްކޫލަށް ލިބުނު ކާމިޔާބީ ދަމަހައްޓަން ވަރަށް ބޮޑަށް މަސައްކައް ކުރަންޖެހޭ ކަމަށެވެ.
" ކާމިޔާބެއް ލިބުނީމާ އެކަން ދަމަހައްޓަން ބުރަކޮށް މަސައްކަތް ކުރަންޖެހޭ. އިރާދަކުރެއްވިޔާ އެމަގަށް އަޅުގަނޑުމެން އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާނަން" އަބްދުﷲ އަހުމަދު ވިދާޅުވިއެވެ.
ފ. ނިލަންދޫގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒުގައި 600 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު