ބްރައިޓްވޭ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް އިނާން

 

ހުޅުމާލޭގައި ހުންނަ ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލުން، ފާއިތުވި 2022-2021 ވަނައަހަރު އެންމެ މޮޅު ދަރިވަރުގެ މަޤާމް އިނާން މުޙައްމަދު ޝަކީބު ހޯދައިފިއެވެ. އެންމެ މޮޅު ދެވަނަ ދަރިވަރަކީ އައިޝަތު ޒަހާ ތޯހާއެވެ. ތިންވަނަ ދަރިވަރަކީ ލީމް އަޙްމަދެވެ.

އެއްވަނަ ހޯދި އިނާން ވަނީ ސާނަވީ އިމްތިޙާނުގައި ހަ މާއްދާއިން އޭ ސްޓަރ، ހަތަރު މާއްދާއިން އޭ ހޯދާފައެވެ. އޭނާ ހިމެނުނީ ސާނަވީން ޤައުމީ ގަދަ ދިހައެއްގެ ތިން ވަނައިގައެވެ. އިނާންއަކީ 2021-2020 ވަނަ އަހަރު ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލުގެ އަންހެން ޑެޕިއުޓީ ކެޕްޓަނެވެ. އަދި ޖެހިގެން އައި 2022-2021 ވަނަ އަހަރު އަންހެން ކެޕްޓަނެވެ. ކުޅިވަރާއި އިތުރު ހަރަކާތްތަކުގައި ވެސް ރަނގަޅު ނަމޫނާއެއް ދައްކަމުން އައި އިނާން ވަނީ ވޯލްޑް ސްކޮލަރސް ކަޕްގައި ރީޖަނަލް ރައުންޑް އަދި ގްލޯބަލް ރައުންޑްގައި ރަނގަޅު ކާމިޔާބީތަކެއް ހޯދާފައެވެ.

ބްރިޓްވޭ ސްކޫލުގެ އެންމެ މޮޅު ދެވަނަ ދަރިވަރު އައިޝަތު ޒަހާއާއި ޝަރަފުވެރި މެހުމާނު އުރީދޫގެ ސީއީއޯއާއި އެންމެ މޮޅު ދަރިވަރު އިނާން- ފޮޓޯ: ބްރިޓްވޭ

ދެވަނައަށް ދިޔަ ޒަހާ ވަނީ ހަ މާއްދާއިން އޭ ސްޓްރ، ތިން މާއްދާއިން އޭ ހޯދައިގެން ސާނަވީން ޤައުމީ ގަދަ ދިހައެއްގެ ހަތަރުވަނަ ހޯދާފައެވެ. ޒަހާވަނީ އިކޯ ކުލަބުގެ ކެޕްޓަނެއްގެ އިތުރުން ޕްރިފެކްޓްކަމާއި ސީނީއަރ ޕްރިފެކްޓްކަން ކޮށްފައިވެއެވެ.

ޒަހާ ވެސް ވަނީ ވޯލްޑް ސްކޮލަރސް ކަޕްގައި ރީޖަނަލް ރައުންޑް އަދި ގްލޯބަލް ރައުންޑްގައި ރަނގަޅު ކާމިޔާބީތަކެއް ހޯދާފައެވެ.

ތިން ވަނަ ހޯދި ލީމްއަކީ ޖޫނިއަރ ފްރިފެކްޓް ކަމާއި ސީނިއަރ ޕްރިފެކްޓެވެސް މެއެވެ. އަދި 2021-2020 ވަނަ އަހަރުގެ ޕާލް ހައުސްގެ ކެޕްޓަނެވެ. ލީމް ވެސް ދިޔައީ ސާނަވީން ޤައުމީ ގަދަ ދިހައެއްގެ ހަތަރުވަނަ އަށެވެ. އޭނާއަށް ލިބުނީ ފަސް މާއްދާއިން އޭ ސްޓަރއެވެ. ހަތަރު މާއްދާއިން އޭ އެވެ.

ބްރައިޓްވޭ އިންޓަރނޭޝަނަލް  ސްކޫލުން ފާއިތުވި އަހަރު އޯލެވެލް ހެދި 29 ދަރިވަރުންގެ ތެރެއިން ހަ ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ. ވަކިވަކި މާއްދާތަކުން ސީ ގުރޭޑުން މަތިން ހޯދި ދަރިވަރުންގެ ނިސްބަތް 83.12 އިންސައްތައަށް އެރިއިރު، އޭ އާއި އޭ ސްޓަރ ހޯދި ދަރިވަރުންގެ ނިސްބަތަކީ 37.99 އިންސައްތައެވެ.

ބްރައިޓްވޭ އިންޓަރ ނޭޝަނަލް ސްކޫލަކީ ސިންގަޕޫރުގެ ކަރިކިއުލަމަށް ރާއްޖޭގައި ކިޔަވައިދޭ ހަމައެކަނި ސްކޫލެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *