ކެޔޮދޫ ސްކޫލުގެ ބެލެނިވެރިން މަހަކު ތިން ކިލޯ ލުއިކުރަނީ

"ކިރަމާ ލުއިކޮށްލަމާ" ނަމުގައި ޕްރޮގްރާމެއް ފަށައި ކެޔޮދޫ ސްކޫލުގެ ބެލެނިވެރިން މަހަކު ތިން ކިލޯ ލުއިކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި ޕްރޮގްރާމުގައި އެ ސްކޫލުގެ 70އަށްވުރެ ގިނަ ބެލެނިވެރިން ބައިވެރިފެފައިވެއެވެ.

ބެލެނިވެރިންގެ އިތުރުން އެ ސްކޫލުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން " ކަސްރަތުން އުފާވެރިކަން" ހޯދުމަށް މޫދު ކަސްރަތު ޕްރޮގްރާމެއް ވެސް ހަފްތާއަކު އެއް ދުވަހު ދަނީ ހިންގަމުންނެވެ.

ކެޔޮދޫ ސްކޫލްގެ ޕްރިންސިޕަލް ޒައިމާ ހުސައިން ދަރިވަރު ނޫހަށް ވިދާޅުވީ ސްކޫލްގެ ހެލްތް ކުލަބުގެ ފަރާތުން މި ދެ ޕްރޮގްރާމް ހިންގަނީ ކެޔޮދޫ ސްކޫލްގެ މުވައްޒަފުންނާއި ބެލެނިވެރިންނަކީ ދުޅަހެޔޮ ސިއްޙަތެއްގައި ތިބޭ ބަޔަކަށް ހެދުމަށް ބާރުއެޅުމުގެ ގޮތުންނެވެ.

ޒައީމާ ވިދާޅުވީ މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި މިިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެސްކިޑުން ހިންގި ޕްރޮގްރާމެއްގެ ތެރެއިން، އެ ސްކޫލުގެ ގިނަ ބެލެނިވެރިންގެ ބަރުދަން ހަށިގަނޑުގެ ބީއެމްއައިއަށްވުރެ މަތި ކަމަށް ފާހަގަ ކުރެވުނު ކަމަށެވެ.

" ގިނަ ބެލެނިވެރިންގެ ބީއެމްއައި އާ އަޅާބަލާއިރު ބަރުދަން މާ މަތި. އެކަމުގެ ކަންބޮޑުވުން އަޅުގަނޑުމެންގެ އޮތުމާއެކު ބެލެނިވެރިންގެ ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި ޚާއްޞަ ޕްރޮގްރާމެއް ފެށީ" ޒައީމާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދާއިމީ ގޮތެއްގައި ކުރިއަށް ގެންދަން ނިންމާފައިވާ އެ ޕްރޮގްރާމުން ހިތުގެބަލި ފަދަ އެތައް ބައްޔަކުން ސަލާމަތްވެވި ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ބާރަކަށް ވާނެ ކަމަށެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާ ބެލެނިވެރިން މަހަކު އެއްފަހަރު ކިރާނެއެވެ. ކޮންމެ މަހަކު ވެސް މަދުވެގެން ތިން ކިލޯ ލުއިކުރަން ޖެހެއެވެ. ތިން ކިލޯ ލުއިކުރާ ބެލެނިވެރިންނަށް ޚާއްޞަ އިނާމެއް ދޭން ވަނީ ނިންމާފައެވެ.

" މިހާރު ވެސް ބެލެނިވެރިން އެއްގަމުގައާއި މޫދުގައި ވެސް ކަސްރަތު އެބަކުރޭ. ވަރަށް ފޯރިއާއި ޖޯޝާއެކު ކުރިއަށް ގެންދަނީ ވެސް " ޒައީމާ ވިދާޅުވިއެވެ.

މި ޕްރޮގްރާމުގެ ތެރެއިން ބެލެނިވެރިންގެ ބަރުދަން ޗެކް ކުރާ ފުރަތަމަ ތާރީޚަކީ މި މަހުގެ އަށް ވަނަ ދުވަހެވެ.

" މި މަހު އަށެއްގައި، މަހެއް ފުރި ފުރަތަމަ ފަހަރަށް ބަރުދަން ބަލާނީ" ޒައީމާ ވިދާޅުވިއެވެ.

ޒައީމާ ވިދާޅުވީ، ބަރުދަން ހުންނަންޖެހޭ މިންވަރަށް ގެނެސް، އެ މިންވަރުގައި ދާއިމީ ގޮތެއްގައި ބަރުދަން ބަހައްޓާތޯ ވެސް ބަލާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ބެލެނިވެރިންގެ ދުޅަހެޔޮ ކަމަށް އެ ސްކޫލުން ފެށި ޕްރޮގްރާމުގެ ފައިދާ ދަރިވަރުންނަށް ގޭތެރެއިން ކުރަން ފަށާނެ ކަމަށެވެ.

" ކަސްރަތު ކުރާއިރު ކެއުމަށް ވެސް ހެޔޮ ބަދަލެއް އަންނާނެ. އޭގެ އަސަރު ދަރިންނަށް ވެސް ކުރާނެ"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *