ސްޓޫޑެންޓް ލޯން ލިބޭ ދަރިވަރުންގެ ވަގުތީ ލިސްޓް ނެރެފި

ސްޓޫޑެންޓް ލޯން ލިބޭ ދަރިވަރުންގެ ވަގުތީ ލިސްޓް ނެރެފިއެވެ. މި ލިސްޓް އާންމުކޮށްފައި ވަނީ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ވެބްސައިޓްގައެވެ.

ސްޓޫޑެންޓް ލޯނުގެ ދަށުން 720 ފުރުޞަތަށް ހުޅުވާލުމުން 1507 ފަރާތަކުން ކުރިމަތިލިއެވެ. އޭގެ ތެރެއިން ޝަރުޠު ހަމަވި 1225 ދަރިވަރުންނަށް ލޯން ދޭން ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. އީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ، ލޯނަށް އެދުނު ފަރާތްތަކުގެ ވަގުތީ ލިސްޓް މިއަދު އާންމު ކޮށްފައިވާއިރު، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އަންނަ މަހުގެ 11 ވަނަ ދުވަހާ ހަމައަށް ލިބޭނެ ކަމަށެވެ.

އިދާރީ ފީގެ ގޮތުގައި އެއް އިންސައްތައިގެ ފީއަކާއެކު ދޫކުރާ މި ލޯން ސްކީމްގެ ދަށުން ލޯން ދޫކުރަނީ ޓްރެއިނިންގ ނީޑްސް ރިކުއަމަންޓަށް ފެތޭގޮތަށް ޤައުމަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށް ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

މިދިޔަ އަހަރުގެ ތަޖުރިބާއަށް ބަލައި، ބައެއް ކޯސްތަކުގެ ޖާގަ އިތުރުކުރިއެވެ. ޕައިލެޓްކަން ކިޔަވަން މިދިޔަ އަހަރު ހުޅުވާލި 10 ފުރުޞަތަށް 250 އަށްވުރެ ގިނަ މީހުން ކުރިމަތިލިއެވެ. ޕައިލެޓްކަމަށް މި އަހަރު ކަނޑައަޅާފައި ވަނީ 60 ޖާގައެވެ. ޑޮކްޓަރީކަން ކިޔެވުމަށް މި އަހަރު ވަނީ 55 ޖާގަ ކަނޑައަޅާފައެވެ. މިދިޔަ އަހަރު ކަނޑައެޅީ 25 ޖާގައެވެ. މެޑިސިންއިން މާސްޓަރސްއަށް ކިޔަވަން ޚާއްޞަ ކުރި ޖާގަ ވެސް މިދިޔަ އަހަރަށްވުރެ އިތުރުރެވެ. މި އަހަރު 20 ޖާގަ މެޑިސިން ދާއިރާއިން މާސްޓަރސްއަށް ކިޔަވަން ޚާއްޞަކުރިއިރު، މިދިޔަ އަހަރު ކަނޑައަޅާފައި ވަނީ 10 ޖާގައެވެ.

ޝަރުޠު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯން ދޭގޮތަށް ހަަމަޖެއްސުމުން ކޯސްތަކަށް ކަނޑައެޅި ސްލޮޓްތަކަށް ބަދަލުތަކެއް އަންނާނެއެވެ. އެ ބަދަލު ތަކުގެ ތަފްޞީލެއް އަދި ހާމައެއް ނުކުރެއެވެ.

މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީ ގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިޚްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނު ދޭ ގޮތަށް ވަނީ ނިންމާފައެވެ. ޔުނިވަރސިޓީ، ކޮލެޖް އަދި ޕޮލިޓެކްނިކް ގައި ކިޔަވައިދޭނެ ލެކްޗަރަރއިން ތަމްރީނު ކުރުމަށް ޕީ.އެޗް.ޑީ ލެވަލްއަށް މި ފަހަރު ފުރުޞަތު ދެއެވެ.

ލޯނު އެހީގެ ދަށުން ތަޢުލީމާއި ތަމްރީނު ހޯދުމަށް ކޮންމެ ޤައުމަކަށްވެސް ދިއުމުގެ ފުރުސަތު ފަހި ކޮށްދެވިފައިވެއެވެ. މިގޮތުން ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ޚަރަދެއް އެއްކޮށް ދޭނީ ޢިއުލާންކޮށްފައިވާ ޤައުމުތަކަށެވެ. އެނޫން ޤައުމެއްގައި ކިޔެވުމަށް ލޯނުދޭނީ ޢިއުލާންކޮށްފައިވާ ޤައުމުތަކުގެ ތެރެއިން ދަރިވަރު އިޚްތިޔާރުކުރާ ޤައުމަކަށް ކަނޑައަޅާފައިވާ ރޭޓުންނެވެ.

މި ލޯން ސްކީމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވެސް ޑިޕްލޮމާ ލެވަލްއަށް ކިޔެވުމަށް ފުރުސަތު ދެއެވެ.

ސްޓޫޑެންޓް ލޯނުގެ ދަށުން ކިޔަވަން ފަށަން 18 މަސްދުވަހުގެ މުއްދަތެއް ދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *