ޓެކްނޮލޮޖީ ކިތަންމެ ކުރިއެރިއަސް، ދަރިވަރެއްގެ ކިޔެވުމަށް އަދިވެސް އެންމެ ބޮޑު އަސަރެއް ކުރުވާ ފަރާތަކީ މުދައްރިސުން ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މަތީ ސާނަވީ ނިންމާ އިމްތިޙާންތަކުގެ "މަތީ އަރުތަވެރީންގެ އިނާމު" ދިނުމަށް ރޭ ބޭއްވި ހަފްލާގައި އެކަމަނާ ވިދާޅުވީ ފޮތެއް، ފިލްމެއް އޮތަސް އެދުރެއް ނުވާނެ ކަމަށާއި މުދައްރިސުންގެ މުސާރަ ރަނގަޅު ވުމަކީ، އިނާމުލިބޭ ފަދަ ހިތްއަލި ކުދީން މުދައްރިސްކަމާ ކުރިމަތިލާނެ ސަބަބެއް ކަމަށެވެ. އަދި ވިދާޅުވީ އެކަމަނާގެ ނަޒަރުގައި ދިގުދެމިގެންދާ އެންމެބޮޑު މަންފާއެއް ތަޢުލީމީ ދާއިރާއަށް ކުރާނީ، މުދައްރިސުންގެ މުސާރައަށް ގެނައި ބޮޑު ކުރިއެރުމުގެ ސަބަބުން ކަމަށެވެ.
ހުރިހާ ކުދީން ޝާމިލްކުރުމުގެ ސިޔާސަތު ގެ ސަބަބުން، ކުރިން އޯލެވެލް އިމްތިޙާނު ހެދުމުގެ ފުރުޞަތުން މަޙްރޫމް ކުރެވޭ އެތައް ކުދީންނަކަށް އެ ފުރުޞަތު ފުޅާވެގެން ދިޔަކަން ފާހަގަކުރައްވައި، އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ، އޯ ލެވެލް އިމްތިޙާނުތަކުން ފާސްވި އެތައް ކުދީންނެއް މަތީ ސާނަވީ އިމްތިޙާނުތައް ހެދުމުގެ ފުރުޞަތު ލިބިގެން ދިޔަ ކަމަށެވެ.
" މިކަންކަމުން އެންމެ ބޮޑަށް އެނގެނީ، ކުއްޖެއްގެ މުސްތަޤްބަލް ގްރޭޑް 9 ނުވަތަ 10 އިން ކަނޑައެޅުމަކީ ގޯހެއްކަން. އެކި ގަސްގަހުގައި، އެކި އިރު، މައު އަޅާ ފަދައިން، އެކި ކުދީން ކިޔެވުމަށް ހިތްޖެހި ހިއްމަތް ކުރަނީ އެކި އިރުކަން" މިނިސްޓަރު ވިދާޅުވިއެވެ.

މަތީ ސާނަވީ ނިންމާފައި ދަރިވަރުން ނުކުންނަނީ މައިންބަފައިންނާއި މުދައްރިސުން ރައްކާތެރިކަން ދީފައިވާ މަލާޒެއް ކަމުގައިވި މަދަރުސާއިން ބޭރަށް ކަމަށާއި ކުދީން ފައި އަޅަނީ އެ ކަހަފް އިން ބޭރަށް، ފުޅާކޮށް ފެތުރިފައިވާ ދުނިޔެއަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
" މަދަރުސާގައި ހޭދަކުރި 12 އަހަރުވީ ތަޢުލީމާއި ތަރުބިއްޔަތުގެ މަޤްޞަދަކީ މިއަދަށް ތިޔަ ކުދީން ތައްޔާރުކުރުން. ތަމްރީނުކުރުން. ތިޔަ ކިޔެވި ކިޔެވެލީގެ ބޭނުމަކީ، މިއަދަށް ތިޔަ ކުދީންގެ އުޅުމާއި ވިސްނުން ފަރިތަކުރުން. މި މަސައްކަތް ކާމިޔާބުވި މިންވަރު އެނގޭނީ، ތިޔަ ކުދީންގެ ފަރާތުން ދެން ފެންނަމުންދާ ޢަމަލުތަކުން" ޑރ. އާއިޝަތު އަލީ ވިދާޅުވިއެވެ.
" ބާރަ އަހަރުގެ ތަޢުލީމުން ރަނގަޅު ވަނަތައް ހޯދާ ކުދީންގެ ޒިންމާއަކީ ވަރަށް ބޮޑު ބުރަ ޒިންމާއެއް. ތިޔަ ކުދީންނަކީ، 6000 ވަރަކަށް ދަރިވަރުންގެ ތެރެއިން ފުރޭނިގެން އައި ކުދިބައެއް. ފިނިފެންމާތަކެއްގެ އާވި ދިޔަކުރުމުން އެ ފެންމަތީ ހުރި ފިނިފެންމަލުގެ އަރަގު. ވަރަށް ބޮޑު ނަސީބަކާއި ނިޢުމަތްތަކެއް ލިބިފައިވާ ބައެއް"
މިނިސްޓަރު ވިދާޅުވީ، ޙަޔާތުގެ ދަތުރު ނިމި އެންމެ ފަހުގެ އައްސޭރިއަށް ލެފުމުން ތިބާގެ ހަނދާން ދެމިހުންނާނީ ތިމާ އަމިއްލަ ޒާތަށް، ނަފްސަށް ކުޅަ ކަމަކުން ނޫން ކަމަށެވެ. އެހެން މީހުންނަށްޓަކައި، ރަށަށްޓަކައި، ޤައުމަށްޓަކައި، ކޮށްދިން ޚިދުމަތްތަކަކުން ކަމަށެވެ.
" އިސްޓޭޖްމަތީން ތިޔަފަދަ ކިތަންމެ ކުދީންނެއް ސަނަދު ހިފައިގެން ފައިބައިގެން ގޮސްފައިވޭ. ގިނަ ކުދީންގެ ނަންތައް ވަނީ މާޒީގެ ހިރަފުހުގެ ތެރެއަށް އޮބި، ފޭދި ގެއްލިފައި. ޒަމާންތަކަށް ވިދާނީ، ހީވާގިކަމާއެކު ޤައުމީ ޚިދުމަތުގެ އަތުކުރި ތިޔަ ކުދީން އޮޅައިލުމުން"
advertisment
ހިޔާލު