ތަރައްޤީއާ މެދު އޮތް ދުރު ރާސްތާގެ ތަޞައްވުރަކީ، ޒަމާނީ ތަޢުލީމުން ރޯފިލާފައި ތިބި، ހުނަރުވެރި އަދި މަސައްކަތްތެރި ހީވާގި ޖީލެއް

ތަރައްޤީއާ މެދު އޮތް ދުރު ރާސްތާގެ ތަޞައްވުރަކީ، ޒަމާނީ ތަޢުލީމުން ރޯފިލާފައި ތިބި، ހުނަރުވެރި އަދި މަސައްކަތްތެރި ހީވާގި ޖީލެއް ބިނާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.

އޭލެވެލް ގަދަ 10ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑް ދިނުމަށް ދަރުބާރުގޭގައި މިހާރު  ކުރިއަށްދާ ޖަލްސާގައި ރައީސް ޞާލިޙް ވިދާޅުވީ، ދަރިންނަށް ތަޢުލީމާއި ތަމްރީން ދޭއިރު، އެ ދަރިން އަދާކުރާނެ ވަޒީފާތައް އުފެއްދުމަކީ ވެސް އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.

އިނާމް ލިބުނު ދަރިވަރުންނަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ އެ ދަރިވަރުން މަތީ ތަޢުލީމް ޙާޞިލުކުރުމަށް ތައްޔާރުވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ އެތައް މަޝްރޫޢެއް މިހާރުވެސް ހިނގަމުން އަދި ނިމެމުން އެބަދާ ކަމަށެވެ.

ފަތުރުވެރިކަން މުޅި ރާއްޖެއަށް ފުޅާވެ، އިތުރު ރިޒޯޓްތަކާއި ގެސްޓްހައުސްތައް އެ އަންނަނީ ހުޅުވަމުން ކަމަށާއި އެއީ ވެސް ހަމަ ދިވެހި ޒުވާނުންނަށްޓަކައި އުފެދޭ އިތުރު ވަޒީފާތައް ކަމަށް ރައީސް ވިދާޅުވިއެވެ. " އައިސް ޕްލާންޓްތަކާއި މަސްކިރާ ބޯޓުތައް އެބަ އިތުރުކުރެވޭ. ފިޝަރީޒް ސެކްޓަރއަށް ޑޮކްޓަރ ޙުސައިން ރަޝީދު ބޮޑު ބަދަލެއް އެބަ ގެންނަވާ. އެއީ ވެސް ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އުފެދޭ ވަޒީފާތައް. މި ވަޒީފާތަކަށް ދިވެހި ޒުވާނުން އުފައްދަންޖެހޭނީ ތަޢުލީމާއި ތަމްރީނު ދީގެން" ރައީސް ޞާލިޙް ވިދާޅުވިއެވެ.

" އެއަރޕޯޓެއް އެޅިޔަސް އެއީ ތިޔަ ކުދިންނަށް ހުރި ވަޒީފާތައް. ޞިއްޙީ މަރުކަޒެއްގެ ފެންވަރު މަތިކުރިޔަސް، އެއީ އުފެދޭ އިތުރު ވަޒީފާ. ޓަރޝަރީ ފެންވަރަށް ތަރައްޤީކުރާ ފަސް ހޮސްޕިޓަލަކީވެސް، ޑޮކްޓަރުންނާއި ނަރުހުންނާއި ލެބް ޓެކްނީޝަނުންނަށްޓަކައި ރަށްރަށުގައި އުފެދޭ އެތައް ވަޒީފާއެއް. ފެނާއި ނަރުދަމާ ޤާއިމުކުރިޔަސް، އެއީ ވެސް ހަމަ ތިޔަ ކުދިންނަށްޓަކައި އުފެދޭ ވަޒީފާތަކެއް"

ރައީސް ވިދާޅުވީ، މީހުން މީހުންނަށް ވާނީ މީހުން މީހުންނަށް ހެދީމައޭ ބޮޑުތަކުރުފާނުގެ މުޙާވަރާއެއްގައި އޮންނަ ކަމަށާއި އަޅުގަނޑުމެން މަސައްކަތް މި ކުރަނީ، އެފަދަ މީހުންތަކެއް އުފައްދަން ކަމަށެވެ. ރާއްޖޭގެ ތަރައްޤީއާ މެދު އަޅުގަނޑުމެންގެ އޮތް ދުރު ރާސްތާގެ ތަޞައްވުރަކީ، ޒަމާނީ ތަޢުލީމުން ރޯފިލާފައި ތިބި، ހުނަރުވެރި އަދި މަސައްކަތްތެރި ހީވާގި ޖީލެއް ބިނާކުރަން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ބެލެނިވެރިންނަށް ރައީސް އިލްތިމާސް ކުރެއްވީ ލޯބިވާ ދަރިންގެ ކިބައިގައި ހުރި ހުނަރާއި ޤާބިލުކަން އިތުރަށް ތަރައްޤީކުރުމުގައި އެ ކުދިންނަށް ރަނގަޅު މަގު ދައްކަވައި ފުރުޞަތު ދެއްވުމަށެވެ. އަދި އެ ކުދިން ޝައުޤުވެރިވާ ދާއިރާތަކުން ކުރިއަށް ދިއުމަށް ހިތްވަރު ދެއްވައި، އެހީތެރިވެދެއްވުމަށެވެ.

ދިވެހި ޒުވާނުންގެ އެހީތެރިކަމާއި ބައިވެރިވުމަށް ދިވެހި ޤައުމު މިއަދު އޮތީ އެދިއެދި ކަމަށާއި އެއީ ޒަމާނީ ފެންވަރަށް ޤައުމު ތަރައްޤީކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. ކުރިމަގުގެ ޖީލުތަކަށް ޤައުމު ގެންގޮސްދޭން ތިބީ މިއަދުގެ ޒުވާނުން ކަމަށާއި ތަހުޒީބީ އަދި ތަރައްޤީ ޤައުމެއްގެ ގޮތުގައި، ކުރިމަގުގެ ޖީލުތަކާ ހަމައަށް ރާއްޖެ ގެންގޮސްދިނުމަކީ، ތިޔަ ޒުވާނުންގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެއް ކަމަށް ވެސް ރައީސް ޞޯލިޙް ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *