އަމީނިއްޔާ ސްކޫލަށް 75 އަހަރު ފުރިގެން ދިޔައިރު، އެ ސްކޫލްގެ ކެޕްޓަންކަން ކޮށްފައިވަނީ އަންހެން ދަރިވަރުންނެވެ. އަންހެން ކުދިންނަށް ޚާއްޞަކޮށްގެން ކިޔަވައި ދެމުން އައި ސްކޫލްގައި، ދެ ޖިންސަށް ކިޔެވުން ހުޅުވާލިތާ މި އަހަރަށް ދިހަ އަހަރު ފުރުނީއެވެ. ދިހަ އަހަރު ފުރޭއިރު، އެ ސްކޫލްގެ ފުރަތަމަ ފިރިހެން ކެޕްޓަނަކަށް ވުމުގެ ޝަރަފު ހޯދީ ގްރޭޑް 10 ގެ ދަރިވަރު މުޙަންމަދު ޖޫދު ޖާވިޒުއެވެ.
އަމީނިއްޔާ ސްކޫލްގެ ކެޕްޓަނަކަށް ވުމުގެ ހުވަފެން އޭޏާ ދުށީ މިއަދަކު ނޫނެވެ. މީގެ ދިހަ އަހަރު ކުރިންނެވެ. އެ ސްކޫލްގެ ހަތަރުފާރުން އެތެރެއަށް ފުރަތަމަ ވަން ދުވަހުއެވެ. އެދުވަހު ޖޫދު ކަނޑައެޅި އަޒުމަކީ އެއީއެވެ. މިއަދު އޭނާ ހުރީ އުފަލުންނެވެ. ވާދަވެރި އިންތިޚާބަކަށްފަހު ފަޚުރިވެރި މަގާމުގެ ތާޖު އަންނަ މަހުގެ ތެރޭގައި އެޅުވޭނެތީއެވެ.
" ވަރަށް ވާދަވެރި އިންތިޚާބަކަށްފަހު، ބޮޑު ޑްރީމެއް ހަޤީޤަތަކަށް މި ވީ" ޖޫދުގެ މޫނުމަތިން ފެނުނީ ހިތްހަމަ ޖެހުމެވެ. ކުރެވުނީ އުފާވެރިކަމުގެ އިހުސާސެވެ.
ޖޫދަކީ މަޑުމައިތިރި، ދަރިވަރުންނާއި މުދައްރިސުންނަށް އިޚްތިރާމްކުރާ ހުނަރުވެރި ދަރިވަރެކެވެ. މައިންބަފައިންގެ ބަސްއަހާ ކިޔަމަންތެރި ދަރިވަރެކެވެ. ފަސްވަގުތު ނަމާދުކުރެވެ. ކޮންމެ ދުވަހަކު ޤުރްޢާން ކިޔަވައެވެ.
ޖޫދު ބުނީ ކެޕްޓަނެއްގެ ޒިއްމާ ކުޑަ ނޫން ކަމަށާއި، މި އަހަރަކީ އަމީނިއްޔާއަށް ފަހި އަހަރަކަށް ހެދުމަށް ބަރަށް ބުރަކޮށް މަސައްކަތް ކުރާނެކަމަށެވެ.
" މިއީ ކުޑަ ޒިއްމާއެއްނޫން. ކުދިން ގޮވައިގެން ރަނގަޅު ލީޑަރަޝިޕެއް ދައްކާނަން" ޖޫދުގެ އަޒުމް ވަރުގަދައެވެ.
ޖޫދަކީ ކިޔެވުމުގެ އިތުރުން ކުޅިވަރުގައިވެސް މުހިންމު ތަރިއެކެވެ. ގިނަ ކުޅިވަރުތައް ކުޅުނަސް، މި އަހަރުގެ އަމާޒަކީ އޯލެވެލްއެވެ. ރަނގަޅު ނަޓީޖާއެއް ހޯދައިގެން ގައުމީ ގަދަ ދިހައެއްގެ އެއްވަނައެވެ.
ކުރިމަގުގައި ޖޫދު ފެންނާނީ އެއަރކްރާފްޓް އިންޖިނިއަރެއްގެ ގޮތުގައެވެ. އެކަމަށް އޭނާ ދަނީ މިހާރުއްސުރެ ތައްޔާރުވަމުންނެވެ.
advertisment
ހިޔާލު