ކުޅުދުއްފުއްޓަށް އިތުރު ސްކޫލެއް

ކުޅުދުއްފުށީ ސީޓީއަށް އިތުރު ސްކޫލެއް ބޭނުންވާ ކަމަށާއި، ސްކޫލެއް އިމާރާތް ކުރާނެ ބަޔަކު ހޯދަން އަންނަ ނޮވެމްބަރު ނޫނީ ޑިސެމްބަރުގައި އިއުލާން ކުރެވޭވަރުވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މިއަދު ވިދާޅުވީ ކުޅުދުއްފުއްޓަށް އިތުރު ސްކޫލެއް ބޭނުންވާ ކަމަށެވެ. އެކަމަކު އެ ސްކޫލާ ގުޅޭ ތަފްޞީލެއް ނުދެއްވައެވެ. މިނިސްޓަރު ވިދާޅުވީ މި އަހަރު އެ މަސައްކަތް ފަށާނެ ވާހަކައެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު ޖަމްޝީދު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ކުޅުދުއްފުށީ އަފީފުއްދީން ސްކޫލް ތަރައްޤީ ކުރަނީ މޮޑެލް ސްކޫލެއްގެ ގޮތުގައި ކަމަށާއި މިހާރު ކުރިއަށް ދަނީ އަށް ކުލާސްރޫމު ހިމެނޭ އިމާރާތެއް އެޅުމުގެ މަސައްކަތް ކަމަށެވެ. އަދި ޖަލާލުއްދީން ސްކޫލުގެ އަށް ކުލާސް ރޫމް އެޅުމަށް ފެންވަޅު ބަދަލު ކުރުމުގެ މަސައްކަތް ނިމި، ދެން ހުރި މަސައްކަތް ފަށައިގަނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ސްކޫލުގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ޖޫން 15 ގައި ބީލަމަށް ލެވޭވަރުވާނެ ކަމަށެވެ.

ޑރ. އައިޝަތު އަލީ ވިދާޅުވީ ކުޅުދުއްފުށީގައި ހުންނަ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބާރަ ކުލާސް ރޫމުގެ މަސައްކަތް ނިމި އެތަން ބޭނުން ކުރަން ފަށާފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ އެ ސްކޫލުގެ އޮފީސް އިމާރާތުގެ މަސައްކަތް ކަމަށެވެ.

އަފީފުއްދީން ސްކޫލް މޮޑެލް ސްކޫލެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ ގޮތުން އެ ސްކޫލުގައި ރީޖަނަލް ދަނާލެއް އިމާރާތް ކުރަން ބޭނުންވާ ބިން 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ސިޓީ ކައުންސިލުން ވަނީ ހަމަޖައްސައިދީފައެވެ. ދަނާލެއް އަޅަން ދިނީ ކުޅުދުއްފުށީ އަތޮޅު ކައުންސިލް އިދާރާގެ ފުރަގަހުން އޮތް ހުސްބިމެވެ.

އޭރު ބުނެފައި ގޮތުގައި ޢަފީފުއްދީން ސްކޫލް ތަރައްގީކުރާނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ އިންސާނީ ވަޞީލަތާއި އުމްރާނީ ވަޞީލަތެވެ. އުމްރާނީ ގޮތުން ބަލާނަމަ ޕްރޮޖެކްޓް ނިމިގެންދާއިރު، އެ ސްކޫލްގައި ޖިމްނާސްޓިކަށް ޚާއްޞަ ރޫމަކާއި، އެކިއެކި ސްކިލްތައް ދަސްކޮށްދޭ ސްކިލް ލެބަކާއި، ސްޕޯޓްސްއަށް ޚާއްޞަ ހޯލަކާއި، މިއުޒިކް ރޫމަކާއި، އާރޓަށް ޚާއްޞަ އެސްތެޓިކް ރޫމެއްގެ އިތުރުން ސްޓެމް ލެބެއް ވެސް ހުންނާނެއެވެ. އޭގެ އިތުރުުން ދަރިވަރުންނާއި ސްޓާފުންނަށް ޚާއްޞަ ޑައިނިންގ ހޯލެއް ވެސް ގާއިމް ކުރާނެއެވެ. އެއާއެކު އެ ސްކޫލަށް ބޭނުންވާ ޓީޗަރުން ވެެސް ތަމްރީނު ކުރާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *