ހިތަދޫ ސްކޫލުގެ އެއްވަނަ ދަރިވަރުގެ މަޤާމް މިނާލްއަށް

ފާއިތުވި 2022-2021 ވަނަ އަހަރު އައްޑޫ ސިޓީ ހިތަދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް އާމިނަތު މިނާލް އަހުމަދު ހޯދައިފިއެވެ. މިނާލް ވަނީ ސާނަވީގައި އަށް މާއްދާއިން އޭ ސްޓާ ހޯދައިގެން ގަދަ ދިހައެއްގެ އެއްވަނަ ވެސް ހޯދާފައެވެ. 2021-2022 ވަނަ އަހަރުގެ ސާނަވީން އެއްވަނައިގައި އައްޑޫ ސިޓީން ހިމެނުނު ހަމައެކަނި ދަރިވަރަކީ ވެސް އޭނާއެވެ.

ދެވަނަ ދަރިވަރަކަށް ހޮވުނީ ފާތިމަތު ޒަރާ މޫސާއެވެ. ތިން ވަނަ ހޯދީ އަހުމަދު ދީދާތު ރަޝީދެވެ.

ވަނަވަނައަށް ދިޔަ ދަރިވަރުންނަށް އިނާމްތައް ދެއްވީ، ހިތަދޫ ސްކޫލްގައި ބޭއްވި އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވި އެޑިޔުކޭޝަން މިނިސްޓްރީގެ ފައިނޭންސް އެގްޒެކެޓިވް ނިއުޝާދު އިބްރާހިމެވެ.

މިނާލްގެ އިތުރުން 17 ދަރިވަރަކު ސާނަވީން ގަދަ ދިހައެއްގައި ހިތަދޫ ސްކޫލުން ހިމެނުނެވެ.

މިނާލް ދަރިވަރު ނޫހަށް ކުރިން ބުނެފައި ވަނީ، ސާނަވީ އިމްތިޙާނުން އޭނާ އުއްމީދު ކުރީ ދެވަނަ ނޫނީ ތިން ވަނަ ލިބޭނެ ކަމަށެވެ.

" މަސައްކަތް ކުރިން، އެކަމަކުވެސް އެއްވަނަ ލިބިދާނެ ކަމަށް އުއްމީދެއް ނުކުރަން" ސާނަވީން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ލިބުމުން އުފަލުން ހުރި މިނާލް ބުންޏެވެ.

މިނާލް ދަރިވަރު ނޫހަށް ބުނީ، ރަނގަޅު ނަތީޖާއަކަށް އެދިގެން މަސައްކަތް ކުރެވުނު ކަމަށާއި، ކާމިޔާބީގައި ހިތަދޫ ސްކޫލާއި ކިޔަވާ ދެއްވި ހުރިހާ މުދައްރިސުން ބައިވެރިވާ ކަމަށެވެ. އަދި ބުނީ އެންމެ ބޮޑު އެހީތެރިކަމެއް ދިނީ މަންމަ ކަމަށާއި މަންމައަށް ނުހަނު ލޯތްބާއެކު ޝުކުރު އަދާކުރާ ކަމަށެވެ.

ބިޒްނަސް ސްޓްރީމުގައި ކިޔަވަމުންދާ މިނާލް ބުނީ އޭނާ ކުރިއަށް ދާން ބޭނުން ވަނީ އެކައުންޓިންގ ދާއިރާއިންނެވެ.

" އެކައުންޓިންގ އާ ގުޅުން ހުރި ދާއިރާއަކުން ކުރިއަށް ދާނީ" އައްޑޫ ހައި ސްކޫލުން އޭލެވެލް ހަދަމުންދާ މިނާލް ބުންޏެވެ.

މިނާލްއަށް ކިޔަވަން ފެސޭހައީ ރޭގަނޑުގެ ވަގުތު ތަކުގައެވެ. އެހެންވެ ފިލާވަޅުތައް ދަސްކުރަން އިސްކަންދެނީ ވެސް ރޭގަނޑުގެ ވަގުތު ތަކުގައި ކިޔެވުމަށެވެ.

އޭނާއަށް އެންމެ އުނދަގޫ މާއްދާއަކީ ހިސާބެއެވެ. އެ މާއްދާއާއެކު ގިނަ މާއްދާތަކުން ޓިއުޝަން ވެސް ނެގިއެވެ.

" މިހާރު މަސައްކަތް ކުރަނީ މަތީ ސާނަވީން ވެސް ރަނގަޅު ވަނައަކާ ދިމާލަށް ދެވޭތޯ. އަދި ދަނީ އުއްމީދު ކުރިގޮތަށް. އިރާދަކުރެއްވިއްޔާ ކާމިޔާބު ހޯދޭނެ"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *