ފާއިތުވި 2021-2022 ވަނައަހަރު ގާފަރު ސްކޫލުން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ކ. ގާފަރު ސޯސަންވިލާ، ޢާއިޝަތު އުނޫޝާ އަޙްމަދު ހޮވައިފިއެވެ.
ހުކުރު ދުވަހުގެ ރޭ ބޭއްވި އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ ނޭޝަނަލް އިންސްޓިޓިއުޓް ފޮރ އެޑިޔުކޭޝަން (އެން.އައި.އީ) ގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު ޝަކީބެވެ.

2022-2021ވަނަ އަހަރުގެ ގާފަރު ސްކޫލުން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ހޮވުނު އުނޫޝާ ވަނީ ސާނަގެ ގަދަ ދިހައެއްގެ ތިން ވަނަ ހޯދާފައެވެ. އަދި ފާއިތުވި އަހަރު ހުރިހާ ގޮތަކުން އެންމެ ރަނގަޅު ސްކައުޓަކީވެސް އުނޫޝާއެވެ.
ވަނަވަނައަށް އައި ދަރިވަރުންނަށް އިނާމުތައް ބައްސަވައި ދެއްވީ ޝަރަފްވެރި މެހްމާން ނޭޝަނަލް އިންސްޓިޓިއުޓް ފޮރ އެޑިޔުކޭޝަން (އެންއައިއީ) ގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު ޝަކީބާއި، ގާފަރު ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލް ޢަބްދުﷲ ޚަލީލާއި، ގާފަރު ކައުންސިލް މެމްބަރުންގެ އިތުރުން ރަށުގައި ހުރި ސަރުކާރު ބައެއް މުއައްސަސާތަކުގެ ވެރިންނެވެ.
މި ޖަލްސާގައި ޝަރަފްވެރި މެޙްމާން ދެއްކެވި ވާހަކަފުޅުގައި ކިޔެވުމުގެ މުހިންމު ކަމުގެ މައްޗައް އަލި އަޅުވާލެއްވިއެވެ. ކިޔަންވަން ޖެހެނީ ހަމައެކި ވަޒީފާއެއް ހޯދުމުގެ ނިޔަތުގައި ނޫން ކަމާއި ، ކިޔަންވަންޖެހެނީ ހައްޤާއި ބާތިލު ވަކިކުރަން އެނގުމައި، ދިރިއުޅުމަށް ތައްޔާރުވެފައިވާ ދަރިވަރެއް ކަމުގައި ވުމަށެއެވެ. ދިމާވާ ކަންކަމާއި ކުރިމަތިލައި ހައްލު ކުރަން އެނގޭ ދަރިވަރެއް ކަމުގައި ވުމަށެއެވެ. އަދި މުދައްރިސުންގެ އުނގަންނައި ދިނުމުގައި ދަރިވަރުންނާމެދު ޢަމަލުކުރަންވީ މުޙިންމު ކަންކަން ފާހަގަ ކުރެއްވިއެވެ.

މި ޖަލްސާގައި ސްކޫލްގެ ޕްރިންސިޕަލް ދެއްކެވި ވާހަކަފުޅުގައި އެންމެން ގުޅިގެން ސްކޫލްގެ ނަތީޖާ ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތް ފާހަގަކޮށް، ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް މިގޮތުގައި ސާބިތުވެ ތިބުމަށް ގޮވާލައްވާފައިވެއެވެ.
މި ޖަލްސާގައި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ ވެރިންނާއި ސްކޫލްގެ މުއައްޒަފުން އަދި ބެލެނިވެރިންނާއި ދަރިވަރުން ބައިވެރިވިއެވެ.
advertisment
ހިޔާލު