މުހިންމީ ހަމައެކަނި ތަޢުލީމީ ގޮތުން މޮޅު ނަތީޖާ ނެރޭ ދަރިވަރެއް ނޫން. ބޭނުން ވަނީ ހަރުދަނާ ރިވެތި ޝަޙްސިއްޔަތަކުން ޖަރީވެފައިވާ ދަރިވަރެއް
ހިންޏަކީ އަޖައިބުން ފުރިގެންވާ މަޚްލޫގެއް ކަމަށާއި އަޅުގަނޑުމެން މިސާލު ނަގަންވީ ހިނީގެ އަޚުލާޤުން ގަދަފަދަ ފަންވަރާއި ފައްސި ވިސްނުމުން ކަމަށް ތާޖުއްދީން ސްކޫލުގެ ޕްރިންސިޕަލް ފާތިމަތު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ރޭ އެ ސްކޫލުގައި ބޭއްވި ފާއިތުވި 2022-2021 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި، ބެލެނިވެރިންނާއި ދަރިވަރުންނަށް ދިން ނަޞޭހަތެއްގެ ގޮތުގައި ޕްރިންސިޕަލް ނެންގެވީ އެ ޖަލްސާގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހިންޏެވެ.
"ހިނީގެ އަޚުލާގުގައި އޮތް އެންމެ ގަދަފަދަ ފަންވަރަކީ ފައްސި ވިސްނުން. ދަރިވަރުންނަށް ދިމާވާ ދަތި އުނދަގޫ ކޮންމެ ވަގުތެއްގައި ކޮންމެ ކަމެއްގައި ވެސް ފައްސި ވިސްނުން ގެންގުޅުމަކީ ވަރަށް މުހިންމު ކަމެއް. ސްކޫލުން ރާވާ ހިންގާ ކޮންމެ ކަމެއްގައި ވެސް މި ވިސްނުން ގެންގުޅުމަކީ ވަރަށް މުހިންމު ކަމެއް." ޕްރިންސިޕަލް ފާޠިމަތު މުޙައްމަދު ވިދާޅުވިއެވެ.
ޕްރިންސިޕަލް ވިދާޅުވީ ކަންކަމުގައި ދިމާވާ ދަތިތަކާއި އުނދަގޫތަކަށް ކުރިމަތިލުމުގައި އެކަންކަން ޙައްލުކުރުމުގައި އޮންނަ ރިވެތި ގޮތްތައް ދަރިންނަށް ދަސްކޮށްދޭން މިއަދު މިވަނީ ޖެހިފައި ކަމަށެވެ. ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު މީހުންނަށް އަދަބު ކުޑަކުރުމާއި ކަންކަން ހައްލު ކުރުމަށް ރުޅި އިސްކުރުމުގެ ސިފަ މިވަނީ ބޮޑެތި މީހުންނާއި ކުޑަކުދިންގެ ވެސް އާދައަކަށް ވެފައި ކަމަށް ޕްރިންސިޕަލް ފާތުން ވިދާޅުވިއެވެ.
ޕްރިންސިޕަލް ވިދާޅުވި ގޮތުގައި މިފަދަ ކަންކަމަކީ އަނގަބަހުން ދެވޭ ނަޞޭހަތަކުން އަސަރު ކުރާނެ ކަންތައްތަކެއް ނޫން ކަމަށާއި ޢިލްމީ ދިރާސާތަކުންނާއި ދިރިއުޅުމުގެ މާޒީން ދައްކާ ގޮތުގައި މީހުންނަށް އިޙްތިރާމް ކުރަން ބުނުމަށްފަހު، މައިންބަފައިންނާއި މުދައްރިސުންގެ ޢަމަލުތަކުން އެހެން މީހުންނާ ދޭތެރޭ އަދަބު ކުޑަކުރާތަން ފެންނަނަމަ އެ ބޭނުންވާ ސިފަ ކުދިންގެ ކިބައިގައި ހަރުލައްވަން ވަރަށް އުނދަގޫ ވާނެއެވެ. ދަރިން ތަރުބިއްޔަތު ކުރުމުގައި އަޅުގަނޑުމެން ދެ ފަރާތުން، ބުއްދީގެ ބޭނުން ހިފައިގެން މަސައްކަތް ކުރަން ޕްރިންސިޕަލް ފާތުން ރޭ ގޮވާލެއްވިއެވެ.
" މުހިންމީ ހަމައެކަނި ތަޢުލީމީ ގޮތުން މޮޅު ނަތީޖާ ނެރޭ ދަރިވަރެއް ނޫން. ބޭނުންވަނީ ހަރުދަނާ ރިވެތި ޝަޙްސިއްޔަތަކުން ޖަރީވެފައިވާ ދަރިވަރެއް. ދިރިއުޅުމުގައި ކާމިޔާބު ބަޔަކަށް ދަރިން ހެދޭނީ މިފަދަ ގޮތަކަށް ދަރިން ތަރުބިއްޔަތު ކުރުމުގައި އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކޮށްގެން"
ޕްރިންސިޕަލް ވިދާޅުވީ ތާޖުއްދީނުން މަސައްކަތް ކުރާނީ ހިނިތުންވުމާއި އުފާވެރިކަމާއި ހިތްހަމަޖެހޭ މާހައުލެއް ދަރިވަރުންނަށް ގާއިމްކޮށް ދިނުމަށް ކަނޑައަޅާފައިވާ ޝިޔާރާ އެއްގޮތަށް ކަމަށެވެ.
ފާއިތުވި 2022-2021 ވަނަ އަހަރަކީ އެ ސްކޫލުގެ އެންމެ ގިނަ ދަރިވަރުން ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގައި ހިމެނުނު އަހަރުކަން ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ. ފާއިތުވި އަހަރު އެ ސްކޫލުގެ 38 ދަރިވަރުން ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ.
advertisment
ހިޔާލު