ކާމިޔާބު މީހަކަށް ވުމަށް އެންމެ ފުރަތަމަ ކަނޑައަޅަންވީ ޢަޒުމެއް ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯ އެޑިޔުކޭޝަން އަހުމަދު މުޖާހިދު ވިދާޅުވެއްޖެއެވެ.
ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ފާއިތުވި 2022-2021 ވަނަ އަހަރުގެ އިނާމު ދިނުމަށް ރޭ ބޭއްވި " ޕާރލް ނައިޓް" ޝަރަފުވެރިކޮށް ދެއްވައި މުޖާހިދުގެ ވާހަކަ ފުރަތަމަ ފެއްޓެވީ މައިންބަފައިންނަށް ލޯބިވުމަށާއި އެމީހުންގެ ބަސް އަހާ ދަރިއަކަށް ވުމާބެހޭ ގޮތުންނެވެ.
އޭނާ ވިދާޅުވީ ކުއްޖެއްގެ ކާމިޔާބުގެ ފެށުމަކީ ވެސް ކާމިޔާބުގެ ސިއްރަކީ މައިންބަފައިން ކަމަށެވެ.
" ދިރިއުޅުމުގެ ކާމިޔާބު ހޯދަމުންދާއިރުގައި ދިރިއުޅުމުގައި ކުރިއަށް ދާއިރުގައި އަބަދުވެސް މައިންބަފައިންދެކެ ލޯބިވާންވާނެ. ފުރަތަމަ ހަޤީޤީ ލޯތްބަކީ މަންމައާއި ބައްޕަވި ލޯބި. އެއަށްވުރެ މާތް ރީތި، ހަޤީޤީ ލޯތްބެއް އެހެން މީހަކު ނުވާނެ" މުޖާހިދު ވިދާޅުވިއެވެ.
މުޖާހިދު ވިދާޅުވީ، އެ ކުއްޖެއްގެ މަޤޞަދު، އެ ކުއްޖެއްގެ ލަނޑުދަނޑި ހާޞިލް ކުރުމަށްޓަކައި އެ ކުރާ ދަތުރުގައި، ނާކާމިޔާބީއާއި ދަތިތަކާއި ކުރިމަތި ނުލާ އެކަކުވެސް ނެތް ކަމަށެވެ. ކާމިޔާބު ކޮންމެ މީހެއްގެ ދިރިއުޅުމުގައި ވެސް ހިތްދަތި އެތައް ކަމެއް ދިމާވެފައި ހުންނަންވާނެ ކަމަށާއި. ޤަބޫލުކުރަންޖެހޭ ހަގީގަތަކީ ކާމިޔާބުވީ ކާމިޔާބު ކުރުމަށްޓަކައި ޢަޒުމެއް ކަނޑައަޅާއި އެކަމަށް މަސައްކަތް ކުރީމާ ކަމަށެވެ.
މުޖާހިދު ވިދާޅުވީ އެންމެ ރަނގަޅު ނަތީޖާ ނުހޯދު ކުދިން ވެސް ޢަޒުމް ކަނޑައަޅަންވީ ކާމިބު ހޯދާށެވެ.
" ކާމިޔާބީގެ ސިއްރަކީ ފައިސާއެއް ވެސް ނޫން. ކިޔަވާ ސްކޫލެއް ވެސް ނޫން. އާއިލާގެ ބެކްގްރައުންޑެއް ވެސް ނޫން. އެކުއްޖެއްގެ ތަނަވަސްކަމެއް ވެސް ނޫން. ކާމިޔާބީގެ ފެށުމަކީ ކާމިޔާބު ހޯދުމަށްޓަކައި އެކުއްޖެއްގެ ހިތުގައި ޢަޒުމް ކަނޑައަޅާ ކަނޑައެޅުން"
މީގެ އެއް މިސާލެއްގެ ގޮތުގައި އިންޑިޔާގެ ކުރީގެ ރައީސް އޭޕީޖޭ އަބްދުލް ކަލާމްގެ ދިރިއުޅުއްވުން ނަންގަވައި، ވިދާޅުވީ، އުފަންވެވަޑައިގަތީ އިންޑިޔާގެ ކުޑަ އަވަށެއްގެ އާއިލާއަށް ކަމަށެވެ. އެކަމަކު ޢަޒުމަކާއި ޑްރީމެއް އޮތް ކަމަށާއި، އެއީ ރަނގަޅު މޮޅު ކުއްޖަކަށްވުން ކަމަށެވެ.

" ނަތީޖާއަކަށް ވެގެން ދިޔައީ އިންޑިޔާގެ ރައީސްކަން ވެސް ކުރެއްވުން. އިންޑިޔާގެ އެންމެ ވަރުގަދަ ސައިންޓިސްޓަކަށް ވުން. އެއީ ވަކި ރަށަކުން ވަކި އާއިލާއަކުން ވާކަމެއް ވެސް ނޫން"
މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އެމްބާޕޭ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށް ވުމުގެ ޢަޒުމް ކަނޑައެޅީ، އޭނާގެ ޢުމުރުން ހަތް އަހަރު، ނުނީ އަށް އަހަރުގައިކަން ބަޔާން ކުރައްވައި މުޖާހިދު ވިދާޅުވީ، ކުޑައިރު އެމްބާޕޭގެ ކޮޓަރީގައި ވެސް ތަތްކޮށްފައި ހުންނަނީ ރޮނާލްޑޯމެންގެ ފޮޓޯތައް ކަމަށާއި އެއީ ދާން ބޭނުންވާ ހިސާބު ކަމަށް ވާތީ ކަމަށެވެ.
" ޑްރީމް ވަރަށް ބޮޑަށް ޑިފައިންވެ، ޑްރީމަކީ ކޮބައިކަން ވަރަށް ސާފުވެފައި އޮންނަންޖެހޭ. އެގޮތަށް މަސައްކަތް ވެސް ކުރަންޖެހޭ"
ކިޔަވާކުދިންނާއި ގިނަ ބެލެނިވެރިން ވެސް ބައިވެރިވި އެ ހަޕްލާގައި މުޖާހިދު ވިދާޅުވި ގޮތގުގައި ކާމިޔާބު ހޯދުމަށްޓަކައި، ނަތިޖާ ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތަކީ ވަރަށް ކުރީއްސުރެ ކުރަންޖެހޭ މަސައްކަތެކެވެ. އެއީ ގުރޭޑް ނުވަ އަކަށް، ދިހައަކަށް ދިއުމުން ކުރެވޭނެ މަސައްކަތެއް ނޫން ކަމަށާއި އެ މަސައްކަތް ވަރަށް ކުޑައިރު ފަށަންޖެހޭ ކަމަށް ވިދާޅިވިއެވެ.
" ބެސްޓް އޯލްރައުންޑް ހޯދި ކުދިން އެ މަޤާމް ހޯދުމުގެ ޢަޒުމް ވަރަށް ކުރިން އޮންނާނެ ކަނޑައަޅާފައި. ތިޔަ ކުދިންގެ މައިންބަފައިން ވެސް އޮންނާނެ އެ އަޒުން މާކުރިން ކަނޑައަޅާފައި"
އުއްމީދާއި ހުވަފެން ދެކުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ދުނިޔޭގެ އެންމެ ކާމިޔާބު ބައެއް މީހުން ކާމިޔާބީއާ ހަމައަށް ވާޞިލްވެފައި ވަނީ ވަރަށް މަސައްކަތް ކޮށްގެން ކަމަށް މުޖާހިދު ރޭ ވިދާޅުވިއެވެ. ބައެއް ފަހަރު ކާމިޔާބު ލިބެނީ ނާކާމިޔާބު ވެގެންކަން ކިޔަވާ ކުދިންނަށް މުޖާހިދު ހަނދާންކޮށްދެއްވިއެވެ.
" ތިޔަ ކުދިން އަޑުއަހާނެ ޖޭކޯ ރޯލިން ހެރީޕޮޓާ ފޮތް ލިޔުއްވި ލިޔުންތެރިޔާގެ ވާހަކަ. 12 ފަހަރެއްގެ މަތިން އެ ފޮތް ޗާޕްކުރަން ދިޔައީމާ ރިޖެކްޓްކުރީ. އެހެން ނަމަވެސް ކޮންމެ ފަހަރަކު ހިތްވަރާއެކީ ކުރިމަތިލައިގެން 12 ވަނަ ފަހަރު ކާމިޔާބު ކުރީ"
1876 ވަނަ އަހަރުގައި، އެންމެ ފުރަތަމަ ފޯނެއް އުފެއްދަން ކުރި މަސައްކަތް ކާމިޔާބު ވީ ދިހަ އަހަރު ފަހުން ކަމަށާއި، ލައިޓް އުފެއްދުނީ އެއްހާސް ފަހަރު ފެއިލްވުމަށްފަހު ކަމަށާއި ޑައިސަން ބްރޭންޑްގެ ވެކްއިން ކުލީނަރު އުފެއްދުމަށްޓަކައި 15 އަހަރު ވަންދެން މަސައްކަތްކުރިއިރު 5126 ފަހަރު ފެއިލްވި ކަމަށް މުޖާހިދު ދަރިވަރުންނަށް ކިޔަވައިދެއްވިއެވެ.
" އެމީހުންގެ ތަފާތަކީ ހިތުގައި އޮތް ޢަޒުމް. އިރާދަކުރެއްވިޔާ އެކަން ކުރާނަމޭ. އެ އުއްމީދު އެއީ ކާމިޔާބީގެ ސިއްރަކީ"
ރޭ ބޭއްވި ހަފްލާގައި ރ. އަތޮޅު ތަޢުލީމީ މަރުކަޒުން އެންމެ މޮޅު ދަރިވަރުންނަށް ވަނީ އިނާމްދެއްވީ ވެސް މުޖާހިދެވެ.
advertisment
ހިޔާލު