ރ. އޭއީސީގެ އެންމެ މޮޅު ދަރިވަރުންނަށް ޝައުފާއާއި ޝަދާ

2021-2022 ވަނަ އަހަރު ރ. އޭއީސީގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް ޝައުފާ އަލީ އާއި ޝަދާ މުޙައްމަދު ރަމީޒު ހޯދައިފިއެވެ. އެންމެ މޮޅު ދަރިވަރުގެ މަޤާމް ޝައުފާ ހޯދީ ސާނަވީ ބައިންނެވެ. ޝަދާ ހޯދީ މަތީ ސާނަވީ ބައިންނެވެ.

ރޭ އެ ސްކޫލުގައި ބޭއްވި "ޕާރލް ނައިޓް" ޝަރަފުވެރިކޮށް ދެއްވައި މި ދަރިވަރުންނަށް އިނާމާއި ޝީލްޑް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓްފޯރ އެޑިޔުކޭޝަން އަހުމަދު މުޖާހިދެވެ.

ސާނަވީން އެއްވަނަ ހޯދި ޝައުފާއަށް ސްޓޭޓް މިނިސްޓަރު މުޖާހިދު، ހަނދާނީ ފިލާ ހަވާލުކޮށްދެއްވަނީ:- ޝައުފާ ވަނީ ސާނަވީން ޤައުމީ ގަދަ ދިހައެއްގެ ހަތަރު ވަނަ ހޯދާފައި- ފޮޓޯ: ރ. އޭއީސީ

ސާނަވީން އެއްވަނަ ހޯދި ޝައުފާ ވަނީ ސާނަވީ އިމްތިޙާނުގައި ފަސް މާއްދާއިން އޭ ސްޓަރ އާއި ތިން މާއްދާއިން އޭ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ ހަތަރުވަނަ ހޯދާފައެވެ. ޝައުފާ ދަނީ އެ ސްކޫލުން މަތީ ސާނަވީއަށް ކިޔަވަމުންނެވެ.

މަތީ ސާނަވީން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ޝަދާ ވަނީ މަތީ ސާނަވީން ތިން މާއްދާއިން އޭ ސްޓަރ ދެ މާއްދާއިން އޭ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ ތިން ވަނަ ހޯދާފައެވެ. އަދި އޭނާ ވަނީ ބައިލޮޖީން ދުނިޔެއިން އެއްވަނަ ހޯދާފައެވެ.

މަތީ ސާނަވީން އެއްވަނަ ހޯދި ޝަދާއަށް ސްޓޭޓް މިނިސްޓަރު މުޖާހިދު، ހަނދާނީ ފިލާ ހަވާލުކޮށް ދެއްވަނީ:- ޝަދާ ވަނީ މަތީ ސާނަވީން ޤައުމީ ގަދަ ދިހައެއްގެ ތިން ވަނަ ހޯދާފައި- ފޮޓޯ: ރ. އޭއީސީ

ސާނަވީ އިމްތިޙާން ޝަދާ ނިންމާލީ، ހަތް މާއްދާއިން އޭ ސްޓަރ އާއި އެއް މާއްދާއިން އޭ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ ދެވަނަ ވެސް ހޯދާ އެ އަހަރު ރ. އޭއީސީގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް ވެސް ހޯދާފައެވެ.

ރޭގެ ޖަލްސާގައި ވަނީ ސްކޫލު ނިންމާ އިމްތިހާނުތަކުން ޑިސްޓިންކްޝަން އެވޯޑު އަދި ޓޮޕް އެޗީވަރސް އެވޯޑު ހޯދި ދަރިވަރުންނަށް ވެސް އިނާމު ހަވާލުކޮށްފައެވެ. އަދި އޮނަރލިސްޓެޑް އެވޯޑާއި ކުލާސް ޕައިޒް އަދި ސަބްޖެކްޓް ޕްރައިޒް ލިބުނު ދަރިވަރުންނަށް ވެސް ރޭގެ ޖަލްސާގައި ޓްރޮފީ ދީފައިވެއެވެ.

ރ. އަތޮޅު ތައުލީމީ މަރުކަޒަކީ މިހާރު 500 ދަރިވަރުން ތައުލީމު ހާސިލުކުރަމުން އަންނަ ސްކޫލެކެވެ 2004 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އެ ސްކޫލުގައި އޭ ލެވެލްއާ ހަމައަށް ކިޔަވައިދެމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *