ސްކޮލަރޝިޕް ލިބުނު ދަރިވަރުންނަށް: ތިޔަ ދަރިވަރުން އެނބުރި ގައުމަށް އައިސް ޚިދުމަތް ކޮށްދެއްވާ!

2022 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕާއި ހައި އެޗީވަރސް ސްކޮލަރޝިޕްގެ ޑިޕާޗަރ ބްރީފިން ދީފި އެވެ.

އުމަރު ޒާހިރު އޮފީސް ބިލްޑިންގައި މިއަދު ބޭއްވި ބްރީފިން ސެޝަންގައި ވާހަކަ ދައްކަވަމުން ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވަނީ ދަރިވަރުން ކިޔެވުން ފުރިހަމަ ކުރުމަށްފަހު އަނބުރާ ގައުމަށް އައިސް ޚިދުމަތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. މިނިސްޓަރ ވަނީ ކިޔެވުމަށް ސަރުކާރުން ބޮޑު އިންވެސްޓްމެންޓެއް ކުރައްވަމުން ގެންދަވާ ކަމަށާއި އެހެންކަމުން ކިޔަވައި ނިންމުމަށްފަހު ގައުމަށް އެނބުރިއައިސް ގައުމަށް ޚިދުމަތް ކުރުމަށް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.

"ތިޔަ ދަރިވަރުން އެނބުރި ގައުމަށް އައިސް ޚިދުމަތް ކޮށްދެއްވާ" މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވަނީ ރާއްޖެއިން ބޭރުން ކިޔަވަމުންދާއިރު އަބަދުވެސް ތިމާއަކީ މުސްލިމެއް ކަމަށާއި ދިވެހިރާއްޖެ ތަމްސީލު ކުރުމަށް އެދިލައްވާފަ އެވެ.

ޕްރެޒިޑެންޓްސް އެވޯޑް އެންޑް ހައި އެޗީވާސްސްކޮލަޝިޕް ލިޔުން ހަވާލުކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެކަމަށް ބޭއްވި ޚާއްސަ ޖަލްސާއެއްގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަސްކޮލަރޝިޕް ދެއްވުމުގެ ބޭނުމަކީ މަތީ ސާނަވީ މަރުޙަލާގައި ކިޔަވާ ދަރިވަރުންނަށް ކިޔެވުމަށް ބާރުއެޅުއްވުމާއި، ރަނގަޅު ނަތީޖާ ހޯދުމަށް ހިތްވަރުދެއްވުމެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަރޝިޕް ދެއްވަނީ ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް ނުވަތަ ފުރަތަމަ ޑިގްރީއަށްވުރެ ދަށުގެ ސަނަދަކަށް ކިޔެވުމަށެވެ. މި ސްކޮލަރޝިޕްގައި ދަރިވަރު ބޭނުންވާ ކޮންމެ ދާއިރާއަކުން ބޭނުން ޤައުމެއްގައި ކިޔެވުމުގެ ފުރުސަތު ލިބޭނެއެވެ.

މި ސްކޮލަރޝިޕްތައް ދީފައިވަނީ އިސްލާމާއި ދިވެހި ހިމެނޭގޮތަށް 5 މާއްދާއިން އޭ.ސްޓަރ ޙާޞިލްކޮށްފައިވާ ނުވަތަ ޝަހާދާ ސާނަވީ އިމްތިޙާނުގައި ބައިވެރިވެ ހުރިހާ މާއްދާއަކުން އޭ.ސްޓަރ ހާސިލްކޮށްފައިވާ ދަރިވަރުންނަށެވެ. އަދި ޖީސީއީ އޯލެވެލް / އައިޖީސީއެސްސީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީ ގްރޭޑް ލިބިފައިވާ ދަރިވަރުންވެސް މީގެތެރޭގައި ހިމެނެއެވެ.

މި ސްކޮލަރޝިޕްގެ އުސޫލުގައި އޮންނަ ގޮތުން، ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި މި ފުރުސަތުގެ ބޭނުން ހިފައި ކިޔަވަން ފަށަންޖެހެއެވެ.

2022 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަރޝިޕް 17 ދަރިވަރަކަށް އަދި ހައި އެޗީވަރސް ސްކޮލަރޝިޕް 138 ދަރިވަރަކަށް ވަނީ ލިބިފަ އެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *