ތަޢުލީމުން އެ މީހެއްގެ ސިކުނޑި މުއްސަނދިވާ ވަރަކަށް، އެ މީހެއްގެ ފަރާތުން ޤައުމަށް ކުރާ މަންފާ އިތުރުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.
ސާނަވީގެ ގަދަ ދިހައެއްގެ ދަރިވަރުންނަށް މަތީ އަރުތަ ދިނުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިޙް ވިދާޅުވީ ޤައުމީ ތަރައްޤީގެ ވާހަކަ އަޅުގަނޑުމެން ވަރަށް ގިނައިން އެބަ ދައްކާ ކަމަށާއި އެއީ އޭގެ ޒާތުގައި ޤައުމަށް މެދުވެރިވާ ކަމެއް ނޫން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ތަރައްޤީއަކީ، ޤައުމުގެ ފަރުދުންގެ އަމިއްލަ ޒާތަށް އަންނަ ޢިލްމީ ހޭލުންތެރިކަމާއި، ތަހުޒީބީ ކުރިއެރުމުގެ ޒަރީޢާއިން ޤައުމަށް ގެނެވޭ ބަދަލުތަކެއް. މި ވަގުތު ޤައުމު އޮތް ޙާލަތަށް ވިސްނައި، މާދަމާ ޤައުމު އޮންނަން ބޭނުންވާ ގޮތް، ސިކުނޑިއަށް ތަޞައްވަރުކޮށްދެނީ، އެ މީހެއްގެ ކިބައިގައި ހުންނަ ޢިލްމީ ޤާބިލުކަމަކުން ކަމަށެވެ.
" ތިޔައިން ކޮންމެ ދަރިވަރަކު މަސައްކަތް ކުރަންވީ، މި ދެންނެވި ޢިލްމީ ޤާބިލުކަން ހޯދުމަށް. ތަޢުލީމީ ގޮތުން ކިތަންމެ މައްޗަށް ދަތުރުކުރަން ބޭނުންވިޔަސް، އެ ފުރުޞަތު ދިވެހި ކޮންމެ ދަރިއަކަށް މި ވަގުތު އެބައޮތް. ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް، އެ ފުރުޞަތު މިއަދު އޮތީ ތަނަވަސްވެފައި. ތަޢުލީމުން އެ މީހެއްގެ ސިކުނޑި މުއްސަނދިވާ ވަރަކަށް، އެ މީހެއްގެ ފަރާތުން ޤައުމަށް ކުރާ މަންފާ އިތުރުވާނެ" ރައީސް ވިދާޅުވިއެވެ.
ރައީސް އިލްތިމާސް ކުރެއްވީ، ތަޢުލީމީ ރޮނގުން ކުރިއަށް ދިއުމަށް ފަހިވެފައިވާ ފުރުޞަތުތަކުގެ ބޭނުން، ވީ އެންމެ ފުރިހަމައަކަށް ހިފުމަށެވެ. އަދި ދިވެހި ޤައުމާއި، ތިޔަ ދަރިވަރުންގެ ޢާއިލާތައްވެސް ފަޚުރުވެރިވާނެ ފަދަ، ޢިލްމީ އަދި ހެޔޮލަފާ ކުދިންތަކަކަށްވުމަށެވެ.

" ތިޔަ ދަރިވަރުން ދެން ކުރިމަތިލާނީ މަތީ ސާނަވީ މަރުޙަލާއާ. އެއީ ތިޔަ ދަރިވަރުންގެ ކުރިމަގު ބިނާކުރުމަށް ބޭނުންވާ ބިންގާ އަޅައިދޭނެ މަރުޙަލާ. މަތީ ސާނަވީ ފުރިހަމަކުރާ ދަރިވަރުންނަށް ވެސް އަދި މަތީ ތަޢުލީމަށް ކުރިމަތިލާ ދަރިވަރުންނަށްވެސް، އަޅުގަނޑު ދަންނަވަން އޮތީ، އެ ކުއްޖެއްގެ ޤާބިލުކަމާ އެންމެ އެކަށޭނަ ރޮނގަކުން ދެވެން އޮތް އެންމެ މައްޗަކަށް ދިއުމަށް އަމާޒު ހިފާށޭ"
މިއީ ދަރިވަރުން ކުރިއަށް ދާނެ ރޮނގަކާ މެދު ވިސްނައި، ކުރިމަގަށް އަމާޒު ހިފަންވީ ދުވަސްވަރު ކަމަށާއި ތިޔައިގެ ތެރޭގައި ތަފާތު ފަންނުތަކުން ކުރިއަށް ދެވޭނެ ހުނަރުވެރި އެތައް ދަރިވަރުންނެއް ތިބޭނެކަން ޔަޤީން ކަމަށާއި އެ ކުއްޖެއްގެ ކިބައިގައި ހުރި ހުނަރުވެރިކަން އިތުރަށް ތަރައްޤީކޮށް، ޤައުމީ ޚިދުމަތަށް ނުކުތުމަކީ، ތިޔައިން ކޮންމެ ދަރިވަރެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
" އަޅުގަނޑުމެން މި އެދޭ ތަރައްޤީގެ މަންޒިލަށް ޤައުމު ގެންގޮސްދޭނެ ހެޔޮލަފާ ރަނގަޅު ޖީލެއް ބިނާކުރެވޭނީ، ޒަމާނީ ތަޢުލީމާއި، ތަރުބަވީ އަޚްލާޤުގެ މާޙައުލަކަށް ސްކޫލްތައް ހަދައިގެން. ސްކޫލްތަކުގައި އެފަދަ މާޙައުލެއް ޤާއިމުވާނީ، އެ ތަނެއް ހިންގަން ތިބޭ ވެރިންނާއި، ދަރިވަރުންނަށް ކިޔަވައިދީ ތަރުބިއްޔަތު ކުރަން ތިބޭ ޓީޗަރުންގެ ކިބައިގައި ޢިލްމީ ޤާބިލްކަމާއި ހުނަރު އިތުރުވެގެން. ޖުމްލަކޮށް ދަންނަވާނަމަ، ތަޢުލީމީ ދާއިރާގެ އިންސާނީ ވަސީލަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް" ރައީސް ވިދާޅުވިއެވެ.
advertisment
ހިޔާލު