އައިޔޫއެމްގެ ބައިނަލްއަގްވާމީ ރިސާޗް ކޮންފަރެންސްގައި 200 އަށް ވުރެ ގިނަ ރިސާޗަރުން

ރާއްޖެ އާއި ރާއްޖޭން ބޭރުގެ 200 އަށް ވުރެ ގިނަ ރިސާޗަރުން ބައިވެރިކޮށްގެން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) އިން އިންތިޒާމުކުރި އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް (އައި.ސީ.އައި.އޭ) ގެ މި އަހަރުގެ ކޮންފަރެންސް މިއަދު ހެނދުނު ފަށައިފިއެވެ.
ދެ ދުވަހުގެ މުއްދަތަކަށް އެ ޔުނިވާސިޓީގައި ކުރިއަށް ގެންދާ މި ކޮންފަރެންސްގެ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދިނީ މިނިސްޓަރ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަން އެވެ.
ކޮންފަރެންސް ހުޅުވުމުގެ ގޮތުން ޑރ. އިބްރާހީމް ހަސަން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ދިރާސާކުރުމާއި ކަންކަން ހޯދައި ބަލައި ތަހުގީގުކުރުމަކީ ހަމައެކަނި ކޮލެޖްތަކާއި ޔުނިވާސިޓީތަކަށް ހާއްސަ ކަމެއް ނޫން ކަމަށާއި މިއީ މުޅި މުޖުތަމައު އެކަމެއްގައި ބައިވެރިވާން ޖެހޭ ކަމެއް ކަމަށެވެ.

އެގޮތުން ގައުމެއްގެ އިގުތިސާދާއި ތިމާވެށްޓާއި ޑިމޮކްރަސީ އާއި އާއްމު ދިރިއުޅުމުގެ ކަންކަން ހަރުދަނާކޮށް ފުރިހަމަކުރުމަށްޓަކައި، ދިރާސާތައް ހެދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޑރ. އިބްރާހީމް ހަސަން ވަނީ ފަސޭހަ މަގުގައި އަބަދު ނުތިބެ، މުޖުތަމައު އަށް ބޭނުން ހިފޭނެ އަދި އާއްމު ފަރުދުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރެވޭނެ ތަފާތު ދާއިރާތަކުން ދިރާސާތައް ހެދުމަށް ވެސް އިލްތިމާސް ކުރައްވައިފައެވެ.
އެމަނިކުފާނު ވިދާޅުވީ ޓެކްނޮލޮޖީގެ ފަސޭހަތައް ލިބި އެތައް ގޮތަކުން ކުރިއެރުން ލިބިފައިވާ ކަމަށާއި އެކަމަކު ޓެކްނޮލޮޖީ އަކީ ގޯސް މައުލޫމާތު ފެތުރުމަށް ވެސް ބޭނުންކުރާ ހަތިޔާރަކަށް ވާތީ އެކަމަށް ސަމާލުވާން ޖެހޭ ކަމަށެވެ.
ޑރ. އިބްރާހީމް ހަސަން ވިދާޅުވީ ދިރާސާއެއްގެ ފެންވަރަކީ އެއްވެސް ހާލެއްގައި ކޮމްޕްރޮމައިޒްކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި އެގޮތުން ދޮގު މައުލޫމާތުން އިންޓަނެޓް ފުރިފައިވާ މި ޒަމާނުގައި، ދިރާސާއެއްގައި ތެދު މައުލޫމާތު ހިމެނުމަށް ކުރިއަށް ވުރެ ސަމާލުވާން ޖެހޭ ކަމަށެވެ.
އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވީ ރިސާޗަރުން މި ކޮންފަރެންސަށް ވަޑައިގަންނަވަނީ އަގުހުރި ތަޖުރިބާތަކާއި މައުލޫމާތުތަކާއި ހިކުމަތްތަކާ އެކު ކަމަށާއި އެ ބޭފުޅުންގެ ދިރާސާތަކާއި މަޝްވަރާތަކުން، ބައިވެރިންނަށް ނުހަނު ފައިދާތައް ކުރާ ކަމަށެވެ.

އެގޮތުން މި އަހަރުގެ ކޮންފަރެންސުން ވެސް ބައިވެރިންނަށް، މުޖުތަމައު އަށް ފައިދާކުރުވަނިވި ކަންކަން ދަސްވާނެ ފަދަ ތަޖުތިބާއެއް ކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
މިއީ ދިވެހިރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ އެންމެ ބޮޑު އެއް ރިސާޗް ކޮންފަރެންސެވެ. މި ކޮންފަރެންސްގައި މައިގަނޑުކޮށް އޮންނާނީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިލްމީ ބޭފުޅުން ދިރާސާ ކަރުދާސް ހުށަހެޅުއްވުމާއި، ޕެނަލް ޑިސްކަޝަންއެވެ.
މީގެ އިތުރުން ކޮންމެ ދުވަހެއްގެ ވެސް ފެށުމުގެ ރަސްމިއްޔާތުގައި ކީނޯޓު ތަގުރީރު އޮންނާނެއެވެ. މި ފަހަރު ކީނޯޓު ދެއްވާ އެއް މައުލޫއަކީ މަތީ ތައުލީމުގެ މަރުހަލާގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރެވޭނެ ގޮތްތަކާއި އެކަމަށް ހުރި ގޮންޖެހުންތަކެވެ. އަނެއް މައުލޫއަކީ ރާއްޖެ ދުށް އެންމެ ކުޅަދާނަ އެއް އަދީބު ކަމަށްވާ ފަޟީލަތުއްޝައިހުލް އުސްތާޒް ހުސެއިން ސަލާހުއްދީނުގެ ލިޔުއްވުންތަކުގައި ހުރި ބަހަވީ އަދި އިޖުތިމާއީ ކުރިއެރުންތަކެވެ.
ޖުމްލަ 223 ރިސާޗަރުން ބައިވެރިވާ މި ކޮންފަރެންސުގައި 52 ކަރުދާސް ހުށަހަޅާނެ އެވެ. ކަރުދާސް ހުށަހަޅާ މައުލޫތަކުގެ ތެރޭގައި ހަލާލް ޓޫރިޒަމް، އިސްލާމިކް ފައިނޭންސް، އަންހެނުންގެ ސިއްހަތު، ނަފްސާނީ އިލްމު، އަދަބިއްޔާތު، މާލީ ނިޒާމު އަދު ޒުވާނުންގެ ދާއިރާ ހިމެނެއެވެ. ޖުމްލަ ތިން ބަހަކުން ކަރުދާސްތައް ހުށަހަޅާނެއެވެ. އެއީ ދިވެހި، އަރަބި އަދި އިނގިރޭސިއެވެ.
މި އަހަރުގެ ކޮންފަރެންސްގެ ސްޕޮންސަރުންނަކީ މޯލްޑިވްސް ޕެންޝަން އޮފީސް، ސްޓެލްކޯ، އުރީދޫ، ދިރާގު، އައި.އައި.އައި.ޓީ، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި އަމާނާ ތަކާފުލް އެވެ.
އިލްމު ހިއްސާކޮށް އުނގެނުމަށް ލޯބިކުރާ މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި އައިޔޫއެމް އިން މި ކޮންފަރެންސް ބާއްވަން ފެށީ 2016 ގައެވެ. ކޮވިޑުގެ ސަބަބުން 2020 އަދި 2021 ގައި ބޭއްވީ ހައިބްރިޑްކޮށެވެ. އޭގެ ފަހުން މިދިޔަ 2022 ގައި ވަނީ ކުރިއެކޭ އެއްގޮތަށް ފިޒިކަލްކޮށް ބާއްވައިފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *