ޤުރުއާން ހިތުދަސްކުރާ ނޮޅިވަރަމުގެ ކޮންމެ ކުއްޖަކަށް 50،000 ރުފިޔާގެ ހަދިޔާއެއް

ޤުރުއާން ހިތުދަސްކުރާ ހދ. ނޮޅިވަރަމުގެ ކޮންމެ ކުއްޖަކަށް 50،000 ރުފިޔާގެ ހަދިޔާއެއް ދޭން އެރަށުގެ ޤުރުއާން ކުލާހަކުން ނިންމައިފިއެވެ.

އޭއާރުޔޫ ޤުރުއާން ކުލާހުގެ މަސްއޫލުވެރިޔާ މަރިޔަމް ރާޝިދާ ދަރިވަރު ނޫހަށް ވިދާޅުވީ އެޔޮއެދޭ ފަރާތެއްގެ އެހީތެރިކަމާއެކު މިފަދަ ޕްރޮގްރާމެއް އެ ޤުރުއާން ކުލާހުން ހުޅުވާލީ ނޮޅިވަރަމުގައި ހާފިޒުން އުފެއްދުމުގެ ބޭނުމުގައި ކަމަށެވެ.

އޭނާ ވިދާޅުވީ އެ ޕްރޮގްރާމުގެ ސަބަބުން ހާފިޒުން އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށާއި، މިހާތަނަށް ފަސް ދަރިވަރުން އެ ޕްރޮގްރާމުގައި ބައިވެރިވާން އެދި ނަންނޯޓް ކޮށްފައިވާ ކަމަށެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަން ވަކި ދުވަހެއް ކަނޑައަޅާފައެއް ނެތެވެ.

" ނަންނޯޓް ކޮށްފައި ދަސްކުރާ ވަރަކުން ޤުރުއާން ކުލާހުގެ ޓީޗަރުންނަށް ކިޔައިދެމުން ދާންވީ. އެއްކޮށް ކިޔައިދެވި ޤުރުއާނާބެހޭ މަރުކަޒުން ސެޓްފިކެޓް ދޫކުރާ މިރަށު{ ނޮޅިވަރަމު}ގެ ކޮންމެ ކުއްޖަކަށް ހަދިޔާގެ ގޮތުގައި 50،000 ރުފިޔާގެ ހަދިޔާއެއް ދޭނަން. އޭގައި ނެތް ލިމިޓެއް ވެސް. ހާފިޒަކަށްވާ ކޮންމެ ކުއްޖަކަށް ލިބޭނެ" ރާޝިދާ ވިދާޅުވިއެވެ.

އޭއާރުޔޫ ޤުރުއާން ކުލާހުގައި މިހާރުވެސް 260 ދަރިވަރުން ކިޔަވަމުން ގެންދެއެވެ. ހިފްޒް ކުލާހެއް އެތަނުން ވެސް އަންނަނީ ހިންގަމުންނެވެ.

" އަޅުގަނޑުމެން ބޭނުންވަނީ ރަމަޟާންމަހު ތަރާވީޙް ނަމާދުގައި ހިފްޒުކޮށް ޤުރުއާން ކިޔަވާނެ ކުދިން އުފެއްދުން. އެފަދަ ކުދިންނަށް ހިތްވަރެއް ދިނުން"  ރާޝިދާ ވިދާޅުވިއެވެ.

ހިފްޒު ޕްރޮގްރާމުގައި ބައިވެރިވެވެނީ ޢުމުރުން ފަސް އަހަރާއި ފަންސަވީސް އަހަރާ ދެމެދުގެ ކުދިންނަށެވެ. އަދި އެ ފަރާތްތަކުން މި މަސް ނިމުގެ ކުރިން ނަންނޯޓް ކުރަންޖެހެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *