ސްކޫލްތަކުގައި މަސައްކަތް ކުރާ ހެލްތު އެސިސްޓަންޓުންނާއި ކައުންސެލަރުންގެ މުސާރައަށް %12އާއި 43%ގެ ކުރިއެރުމެއް

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަށް އައި ކުރިއެރުމާއެކު، ސްކޫލްތަކުގައި މަސައްކަތްކުރައްވާ ހެލްތު އެސިސްޓަންޓުންނާއި ކައުންސެލަރުންގެ މުސާރައަށް ވެސް %12 އާއި %43 ގެ ކުރިއެރުމެއް ގެނެސްފިއެވެ.

އެޑިޔުކޭޝަން މިނިސްޓަރުގެ ފޭސްބުކުގައި ވިދާޅުވީ، ސްކޫލުތަކުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވާ މުވައްޒަފުންގެ ތެރޭ ހިމެނޭ މި ދެ ދާއިރާގެ މުވައްޒަފުންނަށް، ފަންނީ އޮނިގަނޑެއްގެ ދަށުން އިރާދަ ކުރެއްވިއްޔާ މި މޭ މަހުން ފެށިގެން މުސާރަ ދެވިގެންދާނެ ކަމަށެވެ.

މުސާރަ އެންމެ ބޮޑުވީ ސްކޫލް ކައުންސެލަރުންނަށެވެ. ސްކޫލް ކައުންސެލަރުންގެ އަސާސީ މުސާރަ  6،233 ރުފިޔާއިން 10،664ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ. އަދި ވަޒީފާގެ އެލަވަންސްގެ ގޮތުގައި 4،977 ރުފިޔާއާއި ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކު ލިބޭ 135 ރުފިޔާއާއެކު އިތުރުގަޑީގެ ފައިސާ ނުހިމަނައި މަހަކު 17،959 ރުފިޔާ މިހާރު ލިބޭނެއެވެ. މިއީ 43 އިންސައްތައިގެ ކުރިއެރުމެކެވެ. އެއީ މަހަށް ބަލާނަމަ 5355 ރުފިޔާގެ އިތުރުވުމެކެވެ.

5،586 އަސާސީ މުސާރައެއް މިހާރު ލިބޭ އެސިސްޓަންޓް ސްކޫލް ކައުންސިލަރެއް (ރޭކްން 5)ގެ އަސާސީ މުސާރަ ވަނީ 9،214 އަށް ވަނީ ބޮޑުކޮށްފައެވެ. ވަޒީފާގެ އެލަވަންސްގެ ގޮތުގައި މަހަކު 2،764 ރުފިޔާއާއި ނުކުންނަ ދުވަހަށް 75 ރުފިޔާގެ އެލަވަންސަކާއެކު އިތުރުގަޑީގެ ފައިސާ ނުލައި 13،266 ރުފިޔާ މަހަކު ޖެހެއެވެ. މިއީ 2،586 ރުފިޔާގެ ބޮޑުވުމެވެ. އެއީ 24 އިންސައްތައިގެ ކުރިއެރުމެކެކެވެ.

އެސިސްޓަންޓް ކައުންސިލަރ (ރޭންކުގައި 4 ) ގެ އަސާސީ މުސާރަ ބޮޑުވީ 5،020 ރުފިޔާއިން 8،333 ރުފިޔާއަށެވެ. ވަޒީފާގެ އެލަވަންސްގެ ގޮތުގައި 2،500 އާއި ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކު ލިބޭ 68 ރުފިޔާއާ އެކު މަހަކު އެވްރެޖްކޮށް އިތުރުގަޑީގެ އެލަވަންސް ނުލައި 12000 ރުފިޔާ ލިބޭނެއެވެ. އެއީ 20 އިންސައްތަ، މަހަކަށް 2000 ރުފިޔާގެ ބޮޑުވުމެކެވެ.

މުސާރައިގެ އާ އޮނިގަނޑު އެކުލަވާލިއިރު ކައުންސެލަރުންގެ އެންމެ މަތީ ތިން މަގާމުގައި ވެސް މި ވަގުތު އެއް ވެސް މުވައްޒަފަކު ނެތެވެ. އެ ތިން މަގާމުގެ މުސާރަ ކަނޑައަޅާފައި ވާއިރު ޑިރެކްޓަރ އެޑިޔުކޭޝަނަލް ކައުންސެލަރުގެ މަގާމުގެ އަސާސީ މުސާރައަކީ 16،060 ރުފިޔާއެވެ. އެލަވަންސްގެ ގޮތުގައި 7،495 ކަނޑައަޅާފައިވާ ހާޒިރީ އެލަވަންސަކަށް 203 ރުފިޔާ އާއެކު ޖުމްލަ މުސާރައަކީ މަހަކު 27،040 ރުފިޔާއެވެ. އެޑިޔުކޭޝަން ކައުންސެލަރ ކޯޑިނޭޓަރުގެ މަގާމުގެ މުސާރައަކީ 14،062 ރުފިޔާއެވެ. އެލަވަންސްއަކީ 6،563 ރުފިޔާއެވެ. ހާޒިރީ އެލަވަންސަށް ދުވާލަކު 178 ލިބޭއިރު ޖުމްލަ މުސާރައަކީ 23،681 ރުފިޔާއެވެ. ސީނިއަރ ސްކޫލް ކައުންސެލަރއެއްގެ އަސާސީ މުސާރައަކީ 12،229 ރުފިޔާއެވެ. އެލަވަންސަށް މަހަކު 5،707 ރުފިޔާއާއި ހާޒިރީ އެލަވަންސަށް ދުވާލަކަށް 154 ރުފިޔާއާއެކު މަހު މުސާރައަކީ 20،580 ރުފިޔާއެވެ.

ކައުންސެލަރުންގެ ގޮތުގައި 59 މީހުން ތިބިއިރު އެންމެ ގިނަ ބަޔަކު ތިބީ އެސިސްޓަންޓް ސްކޫލް ކައުންސިލަރ (ރޭކްން 5) ގެ މަގާމުގައެވެ. އެ މަގާމުގައި 42 މީހުން މަސައްކަތް ކުރެއެވެ.

ހެލްތް އޮފިސަރުންގެ މުސާރައަށް ގެނައި ކުރިއެރުމަށް ބަލާއިރު، ސްކޫލް ހެލްތް އެންޑް ސޭފްޓީ އޮފިސަރަކަށް މިހާރު ލިބޭ 6،417 އަސާސީ މުސާރަ 10،888 ރުފިޔާއަށް ބޮޑުވެފައިވެއެވެ. އަދި ވަޒީފާގެ އެލަވަންސްގެ ގޮތުގައި 5،081 ރުފިޔާ ލިބޭއިރު ހާޒިރީ އެލަވަންސްގެ ގޮތުގައި 138 ރުފިޔާ ދުވާލަކަށް ލިބެއެވެ. ޖުމްލަ މުސާރައިގެ ގޮތުގައި 18،338 ލިބޭއިރު، ބޮޑުވީ 5،175 ރުފިޔާއެވެ. އެއީ 39 އިންސައްތައިގެ ކުރިއެރުމެކެވެ.

އެސިސްޓެންޓް ސްކޫލް ހެލްތް އެންޑް ސޭފްޓީ އޮފިސަރެއްގެ އަސާސީ މުސާރަ 5،780ން 9،825 ބޮޑުވެފައިވެއެވެ. އަދި އެލަވަންސްގެ ގޮތުގައި ދޭ 2،947 ރުފިޔާއާއި ހާޒިރީ އެލަވަންސަށް ދުވާލަކު ދޭ 80 ރުފިޔާއާ އެކު މަހު މުސާރައަކީ 14،145 ރުފިޔާއެވެ. އެއީ 2،415 ރުފިޔާ، 21 އިންސައްތައިގެ ކުރިއެރުމެކެވެ.

އެސޯސިއޭޓް ސްކޫލް ހެލްތް އެންޑް ސޭފްޓީ އޮފިސަރަކަށް 5،020 ލިބޭ މުސާރަ 8،384 ރުފިޔާއަށް ބޮޑުވެފައިވާއިރު، އެލަވަންސްގެ ގޮތުގައި ދޭ 2،515 ރުފިޔާއާއި ހާޒިރީ އެލަވަންސަށް ދޭ 68 ރުފިޔާ އާ އެކު ޖުމްލަ ލިބޭ އަދަދު 12،066 އަރައެވެ. އެއީ މަހަށް ބަލާނަމަ 1،304 ރުފިޔާގެ އިތުރުވުމެކެވެ. އެއީ 12 އިންސައްތައެވެ.

ސްކޫލް ހެލްތް އޮފިސަރުންގެ ގޮތުގައި ތިން ގިންތިއަކުން 37 މީހުން މިހާރު މަސައްކަތް ކުރަމުން ގެންދެއެވެ.

ހެލްތް އޮފިސަރުންގެ ކެޓަގަރީގައި ދެ މަގާމެއްގައި މީހަކު ނޫޅެއެވެ. އެއީ ޑައިރެކްޓަރ ސްކޫލް ހެލްތް އެންޑް ސޭފްޓީ އާއި ސީނިއަރ ސްކޫލް ހެލްތް އެންޑް ސޭފްޓީ އޮފިސަރެވެ.

ޑައިރެކްޓަރ ސްކޫލް ހެލްތް އެންޑް ސޭފްޓީގެ މުސާރައަކީ 16104 އެވެ. އެލަވަންސަކީ 7515ރުފިޔާއެވެ. ހާޒިރީ އެލަވަންސަކީ ދުވާލަކަށް 203 ރުފިޔާއެވެ. އެމާގަމުގެ ޖުމްލަ މުސާރައަކީ 27،104 އެވެ.

ސީނިއަރ ސްކޫލް ހެލްތް އެންޑް ސޭފްޓީ އޮފިސަރުގެ އަސާސީ މުސާރައަކީ  12،273 ރުފިޔާއެވެ. އެލަވަންސަކީ 5،727 ހާޒިރީ އެލަވަންސަށް ދުވާލަކު ލިބޭ 155 ރުފިޔާއެކު ޖުމްލަ މުސާރައަކީ 20،661 ރުފިޔާއެވެ.

ހެލްތު އެސިސްޓަންޓުންނާއި ކައުންސެލަރުންގެ ގޮތުގައި 96 މީހަކު މަސައްކަތް ކުރަމުން ގެންދާއިރު، މުސާރައަށް ގެނައި ބަދަލާއެކު މަހަކު 356،524 ރުފިޔާ އިތުރަށް ޚަރަދުވާނެއެވެ. އެއީ އަހަރަކަށް 4.3 މިލިއަން ރުފިޔާއެވެ. ކޮންމެ ދެ އަހަރަކުން ވަޒީފާގެ އެލަވަންސް ބޮޑުވާ ގޮތަށް ވެސް އަލަށް ގެނައި ބަދަލުތަކުގެ ތެރޭގައި ހިމަނާފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *