ނައިފަރުގައި ހުންނަ މަދަރަސަތުލް އިފްތިތާހުން ވާރޭފެން ހުސްވެ ބޯފެނަށް ޖެހުމުން، ފެން ފިލްޓަރ ކޮށްގެން ބޭނުން ކުރެވޭނެ ގޮތް އެ ރަށު ކައުންސިލުން ހަދައިދީފިއެވެ.
އިފްތިތާހުން ބުނީ ދަރިވަރުންނާއި ސްޓާފުން ބޯން ބޭނުން ކުރަމުންއައީ ވާރޭފެން ކަމަށާއި ވާރޭ ނުވެހި ގިނަ ދުވަސް ވުމުގެ ސަބަބުން އެ ސްކޫލުން ފެން ހުސްވެފައިވާތާ މަހެއްހާ ދުވަސްވެއްޖެ ކަމަށެވެ.
މަދަރަސަތުލް އިފްތިތާހުގެ ޕްރިންސިޕަލް އައިޝަތު ފަރުހަތު ދަރިވަރު ނޫހަށް ވިދާޅުވީ ވާރޭ ފެނުގެ ބަދަލުގައި ބުއިމަށް، ފެނަކައިން ފޯރުކޮށްދެމުން އަންނަ ފެނުގައި ވަހެއް ހުންނާތީ އެ ފެން ބޭނުން ނުކުރެވޭ ކަމަށެވެ.
އެނާ ވިދާޅުވީ ފެނަކައިން ފޯރުކޮށްދޭ ފެން ފިލްޓަރ ކޮށްގެން ބޭނުންކުރެވޭނެ ދެ ސިސްޓަމް ނައިފަރު ކައުންސިލުން މިއަދު ފޯރުކޮށްދީފައިވާ ކަމަށާއި އޭގެ ސަބަބުން ބޯފެނުގެ މައްސަލައަށް މިހާރު ހައްލެއް ލިބިފައިވާ ކަމަށެވެ.
" ސްޓާފުންނާއި ދަރިވަރުން ބުއިމަށް ބޭނުން ކުރަމުން އައީ ވާރޭފެން. ވާރޭ ނުވެހި ގިނަ ދުވަސްވުމުގެ ސަބަބުން ސްކޫލުން ބޯފެން ހުސްވީ" 1100 އެއްހާ ދަރިވަރުން ކިޔަވަމުންދާ އިފްތިތާޙުގެ ޕްރިންސިޕަލް ފަރުހަތު ވިދާޅުވިއެވެ.
" އެންމެ ހޫނުގަދަ ދުވަސްވަރާ މި ދިމާވީ ބޯފެން ހުސްވި ވަގުތާ. ފާއިތުވި މަހެއްހާ ދުވަހު ދަރިވަރުންނާއި ސްޓާފުން ވަރަށް ދަތި ހާލުގައި މި އުޅުނީ"
ފަރުހަތު ވިދާޅުވީ ފެންފިލްޓަރ ކޮށްގެން ބޭނުންކުރެވޭ ދެ ސިސްޓަމް ބަހައްޓައި އެ ބޭނުން ކުރެވޭނެ ކައުންސިލުން ހަމަޖައްސާދީފައިވާ ކަމަށާއި، އެ ސްކޫލުގެ ކުރިއެރުމާއި ދަރިވަރުންގެ ކުރިމަގަށް ކައުންސިލުން ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތަކަށް ބެލެނިވެރިންނާއި ދަރިވަރުންނާއި އަދި އެ ސްކޫލުގެ މެނޭޖްމަންޓުން ޝުކުރު ދަންނަވާ ކަމަށެވެ.
advertisment
ހިޔާލު