ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލުގެ މޮޑެލް ޔޫއެން ކޮންފަރެންސުން މޫސުމީ ބަދަލުތަކުގެ ސަބަބުން ޤައުމުތަކަށް ކުރިމަތިވާ މައްސަލަތަކާއި އޭގެ ހައްލު ދަރިވަރުން ހުށަހަޅައިފިއެވެ.
މިއީ އދ. ޢާންމު މަޖިލިސް އަޞްލަކަށްބަލައިގެން އެ ސްކޫލްގެ ދަރިވަރުން ބޭއްވި މިފަދަ ފުރަތަމަ ބައްދަލުވުމެވެ. އިއްޔެ ކުރިއަށް ގެންދިޔަ މޮޑެލް ޔޫއެން ކޮންފަރެންސުގައި 74 ޤައުމެއް ތަމްސީލުކޮށް އެ ޤައުމުތަކަށް މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ކޮންމެ ޤައުމެއް ތަމްސީލު ކުރި ދަރިވަރުން ވާހަކަ ދެއްކިއެވެ. މި ބައްދަލުވުމުގެ މި ފަހަރު ކަނޑައެޅި ތީމަކީ ވެސް މޫސުމީ ބަދަލުތަކެވެ.

މި ބައްދަލުވުމުގައި ޤައުމުތައް ތަމްސީލު ކުރި ދަރިވަރުންނާއި ރިޔާސަތުގެ އިތުރުން ވޮލަންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވި ދަރިވަރުންނާއެކު ޖުމްލަ 90 ދަރިވަރުން ބައިވެރިވިއެވެ.
އިއްޔެ ހެނދުނު ފެށި މޮޑެލް ޔޫއެން ކޮންފަރެންސް ހަވީރާ ހަމައަށް ކުރިއަށް ގެންދިޔައެވެ. ޝަރަފުވެރި މެހުމާނާއެއްގެ ގޮތުން މި ބައްދަލުވުން ޝަރަފުވެރިކޮށް ދެއްވީ ފޮރިން މިނިސްޓްރީގެ ޖޮންޓް ސެކެރެޓަރީ މަރިޔަމް މިދުފާ ނަޢީމެވެ.

ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު ދަރިވަރު ނޫހަށް ވިދާޅުވީ، މޮޑެލް ޔޫއެން ކޮންފަރެންސަކީ ދަރިވަރުންގެ އިސްނެގުމުގެ މަތިން ފެށިގެން އައި މުހިންމު ހަރަކާތެއް ކަމަށާއި ދާއިމީކޮށް އެ ހަރަކާތް ކުރިއަށް ގެންދާނެ ކަމަށެވެ.
އެނާ ވިދާޅުވީ ދޭދޭ ޤައުމުތަކުގައި އޮންނަ ގުޅުން ބަދަހިވެގެންދާއިރު ފޮރިންސާވިސް ދާއިރާއަކީ ވަރަށް މުހިންމު ދާއިރާއެއް ކަމަށާއި ބޭރު ޤައުމުތަކުގައި ރާއްޖޭގެ އެމްބަސީތަކާއި މިޝަންތައް ހުޅުވަމުންދާއިރު، ދޭދޭ ޤައުމުތަކުގައި ހިނގަމުންދާ ކަންތައްތަކާ ގުޅޭ ގޮތުން ދަރިވަރުންނަށް މައުލޫތު އެނގި ހޭލުންތެރިވާންޖެހޭ ކަމަށެވެ.

ސަޢީދު ވިދާޅުވީ މޮޑެލް ޔޫއެން ކޮންފަރެންސް ދަރިވަރުން ކުރިއަށް ގެންދިޔަ ގޮތާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
" މިފަހަރުގެ ބައްދަލުވުމުގެ މައިގަނޑު ތީމެއްގެ ގޮތުގައި ނަގާފައިވާ މޫސުމަށް އަންނަ ބަދަލުތަކަށް އަމާޒުކޮށް ކޮންމެ ދަރިވަރަކު ވެސް އެ ދަރިވަރަކު ތަމްސީލު ކުރި ޤައުމުގައި ހުރި މައްސަލަތައް ދިރާސާކޮށްފައި ހުރި މައްސަލަތަކާއި އޭގެ ހައްލު ވެސް ހުށަހަޅައިދިން. ޓީޗަރުން ލިޔެފަ ދީފައި ހުންނަ އެއްޗެއްނޫން އެކުދިން ހުށަހެޅީކީ. ދަރުވަރުން އަމިއްލައަށް ދިރާސާކޮށްގެން އެއްކުރާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަރުދާސް ހުށަހެޅީ" ސައީދު ވިދާޅުވިއެވެ.

" އަޅުގަނޑުމެންނަށް ފެނުނީ ވަރަށް ރަނގަޅު މައުލޫމާތު ތަކެއް ޤައުމުތަކާ ބޭހޭގޮތުން ހޯދާ ހުށަހެޅިތަން. މީގެ ސަބަބުން ދަރިވަރުންނަށް ކުރިން ނޭނގޭ އެތައް މައުލޫމާތެއް ދިރާސާކޮށް ހޯދި"
މޮޑެލް ޔޫއެން ކޮންފަރެންސަށް ޤައުމުތައް ތަމްސީލުކުރި ދަރިވަރުން ހުށަހެޅި ކަރުދާސްތަކަށް ބެލުމަށްފަހު ރަނގަޅު ހުށަހެޅުންތައް ފާހަގަކޮށް އެ ދަރިވަރުންނަށް އެވޯޑް ވެސް ވަނީ ދީފައެވެ.
advertisment
ހިޔާލު