ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަނުން ބޭއްވި މަދަހައާއި ޤުރުއާން މުބާރާތުން އެއްވަނަ ފެކަލްޓީ އޮފް އެޑިޔުކޭޝަނަށް

ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮފިތަކާ ގުޅިގެން ކުރިއަށް ގެންދިޔަ މުބާރާތްތަކުގެ ނަތީޖާ ރޭ ފާޅުކޮށްފިއެވެ.

ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ (އެސްއެސްއެލް) އާ ގުޅިގެން  ބޭއްވި ޤުރުއާން މުބާރާތާއި، ސްޓޫޑެންޓްސް އިނީޝިއޭޓިވް އޮފް އާރޓްސް (ސިއާ) ގުޅިގެން ބޭއްވި މަދަހަ މުބާރާތުން އެއްވަނަ ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ހޯދައިފިއެވެ.

81 ދަރިވަރުން ބައިވެރިވިއިރު، ޤުރުއާން މުބާރާތުން ދެވަނަ ފެކަލްޓީ އޮފް ހެލްތު ސައިންސަސްއަށް ލިބުނުއިރު، ތިން ވަނަ ހޯދި ސްކޫލް އޮފް މެޑިސިން އެވެ.

މަދަހަ މުބާރާތުން ދެވަނައަށް ދިޔައީ ސްކޫލް އޮފް ނާރސިންއެވެ. ތިންވަނައަށް ދިޔައީ ސްކޫލް އޮފް މެޑިސިންއެވެ.

މި މުބާރާތްތަކުގެ ވަނަތަކަށް އިނާމް ދެއްވީ ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފެވެ.

ދެ ގޮއްޕަކަށް ބަހާލައިގެން ގެންދިޔަ ޤުރުއާން މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ދަރިވަރަކީ ސްކޫލް އޮފް މެޑިސިންގެ ފާޠިމަތު ޝައުރާ މުޙައްމަދު ޝަފީގެވެ. ދެވަނަ ދަރިވަރަކީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ސަމްޙާ ޢަލީ ރިޒާއެވެ. ތިންވަނަ އަށް ދިޔަ ދެ ދަރިވަރުންނަކީ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒްގެ ލަސާން މުޙައްމަދާއި ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ އާމިނަތު ނަދާ އެވެ.

ނުބަލައި ކިޔެވުމުގެ ގޮފިން އެއްވަނަ ހޯދީ ސްކޫލް އޮފް މެޑިސިންގެ މުޙައްމަދު އަޔާޝް ޢަލީއެވެ. ދެވަނަ ހޯދީ ސްކޫލް އޮފް މެޑިސިންގެ އަޒްލީލާ އިބްރާހީމް ރަޝީދެވެ. ތިންވަނަ އަކީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޙުސައިން ޝިފާއުއެވެ.

މިއީ މި މުބާރާތް ބާއްވާ ދިހަ ވަނަ ފަހަރެވެ.

ޤައުމީ ޔުނވަރސިޓީގެ ސްޓޫޑެންޓްސް އިނީޝިއޭޓިވް އޮފް އާރޓްސް (ސިއާ)އާ ގުޅިގެން  ބޭއްވި މަދަހަ މުބާރާތުގެ އެންމެ މޮޅު ދަރިވަރަކީ  ސްކޫލް އޮފް ނާރސިންގެ ޢާއިޝަތު ނަދާއެވެ. ދެވަނަ ދަރިވަރަކީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ ޙުސައިން ސަމްޙާނެވެ. ތިންވަނަ ދަރިވަރަކީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ މުޙައްމަދު ނާބިތު އަޙްމަދެވެ.

މިއީ މި މުބާރާތް ބާއްވާތާ ފަސް ވަނަ އަހަރެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *