ފުވައްމުލަކުގައި ސްޓޭޓް-އޮފް-ދި-އާރޓް ޓިވެޓް ސެންޓަރެއް ތަރައްޤީކޮށް ހިންގާނެ ބަޔަކު ހޯދަން ބީލަމަށް ލައިފިއެވެ. މިއީ ޓިވެޓް ސެންޓަރެއް ތަރައްޤީކޮށް ހިންގަން ބީލަމަށް ލި ދެވަނަ ފަހަރެވެ. ބީލަމުގެ ސުންގަޑިއަކީ 27 އޭޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ.
މި މަޝްރޫއަކީ ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުން ޕްރޮޖެކްޓް ހިންގާ ފަރާތުން ފަންޑުކޮށްގެން އިމާރާތް ކުރުމާއި ހިންގުމުގެ މަސައްކަތް ކުރާގޮތަށް (ބިލްޑް-ފައިނޭންސް-އޮޕަރޭޓް މޮޑެލްގައި) ކުރުމަށް ހަމަޖެހިފައިވާ މަސައްކަތެއް ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ. ފުވައްމުލަކުގައި ތަރައްޤީ ކުރަން ހަމަޖެހިފައިވާ މި ޓިވެޓް ސެންޓަރުން އެންވަޔަރަންމަންޓަލް ޓެކްނޮލޮޖީ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަކާއި ވޮކޭޝަނަލް ދާއިރާތަކުން ތަފާތު ކޯސްތައް ހިންގުމަށް މަގުފަހިވާނެއެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، މި އިންސްޓިޓިއުޓް ޢިމާރާތް ކުރުމަށްޓަކައި ފުވައްމުލަކުގައި 30،000 އަކަފޫޓްގެ ބިމެއް މިހާރު ވަނީ ހަމަޖައްސާފައެވެ. އަދި ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްގެ އުސޫލުން ދިގުމުއްދަތަކަށް ޕްރޮޖެކްޓް ހިންގުމަށް މި ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ 50 އަހަރުގެ މުއްދަތަކަށެވެ. މި ޕްރޮޖެކްޓްގެ ޑިޒައިން މިނިސްޓްރީން ދޭއިރު، މިނިސްޓްރީގެ ހުއްދައާއެކު ޑިޒައިން ބަދަލު ކުރުމުގެ ފުރުޞަތު މިތަން ތަރައްޤީކުރާ ފަރާތަށް އޮންނާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މިޕްރޮޖެކްޓްގެ ސްކޯޕްގައި ހިމެނޭ ޓިވެޓް އިންސްޓިޓިއުޓްގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް މި ބިމުގައި އިތުރު ވިޔަފާރީ ހަރަކާތްތައް ތަރައްޤީކުރުމުގެ ފުރުޞަތު ވެސް ޕްރޮޖެކްޓް ހިންގާ ފަރާތަށް ލިބިގެންދާނެ ކަމަށް ވެސް ހަޔަރ އެޑިޔުކޭޝަނުން ބުނެފައިވެއެވެ.
ހަޔަރ އެޑިޔުކޭޝަނުން ބުނީ، މި އިންސްޓިޓިއުޓުގައި އެކި ދާއިރާތަކުން ޕްރޮގްރާމްތައް ހިންގުމަށް ޚާއްސަ ވޯކްޝޮޕްތަކުގެ އިތުރުން މަލްޓި-ޕާޕަސް ވޯކްޝޮޕާއި ކިޔަވައިދޭ ކްލާސް ރޫމާއި އައި.ސީ.ޓީ ލެބޯޓަރީ ހުންނާނެ ކަމަށެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީއެއް ހުންނާނެއެވެ.
advertisment
ހިޔާލު