މިދިޔަ ތިން އަހަރު ސްކޫލްތަކުގެ ނަތީޖާ ރަނގަޅުކުރެވިއްޖެ

ދަރިވަރުންގެ ފެންވަރު ރަނގަޅު ކުރުމަށް ކުރި މަސައްކަތްތަކުން މިދިޔަ ތިން އަހަރު ސްކޫލްތަކުގެ ނަތީޖާ ރަނގަޅުވެފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިއްޔެ ވިދާޅުވި ގޮތުގައި އެ މިނިސްޓްރީގެ އެންމެ ބޮޑު ފޯކަސްއަކީ ދަރިވަރުންގެ ފެންވަރު މަތި ކުރުމެވެ.

މިނިސްޓަރު ވިދާޅުވީ ދިރާސާއެއްގެ ތެރެއިން ފެންވަރު މަތިކުރަންޖެހޭ ސްކޫލްތައް ދެނެގަނެވުނު ކަށާއި އޭގެ ތެރޭގައި 153 ސްކޫލެއް ހިމެނޭ ކަމަށެވެ. އޭގެ ފަހުން ސްކޫލް ވެހި ޕްރޮގްރާމް ފަށައި، އެ ސްކޫލްތަކުގެ ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ މަސައްކަތް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކުރިއަށް ގެންދިޔަކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކޮންމެ މަހަކު ޓީޗަރުންނާއެކު ވެސް ޕާޕޯމަންސް ޑިސްކަޝަންތަކެއް ކުރިއަށް ގެންދާ ކަމަށާއި ފެންވަރު މައްޗައް ގެންދެވޭނީ  ކޮން ކަންތައްތަކެއްތޯ ބަލައި، ކޮންމެ މާއްދާއަކަށް ވަކިވަކިން ފޯކަސްކޮށްގެން އިތުރަށް ރަނގަޅު ކުރެވޭނެ ކަންތައްތައް ބަލައި މަސައްކަތްކޮށްފައިވާނެ ކަމަށެވެ.

" މި ކުރި މަސައްކަތުން އެނގުނު ގޮތުގައި މި ދިޔަ ތިން އަހަރު ސްކޫލްތަކުގެ ނަތީޖާ ރަނގަޅުވެއްޖެ. އަޅުގަނޑުމެންނަށް އެކަން ފެންނަން ފަށައިފި" ޑރ. އާއިޝަތު އަލީ ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުގައި މިނިސްޓަރު ނެންގެވީ ލ. އަތޮޅެވެ.

" މި ޕްރޮގްރާމުގައި ފުރަތަމަ ބައިވެރިވިކުރުވީ ލ. އަތޮޅުގެ ރަށްތައް. ފާއިތުވި ތިން އަހަރު އެރަށްރަށުގެ އޯލެވެލް ނަތީޖާ ވަރަށް ބޮޑުތަނުން ރަނގަޅު ކުރެވިއްޖެ"

މިނިސްޓަރު ވިދާޅުވީ ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމަށް ޕްރިންސިޕަލުންނާއި ސްކޫލްތަކުގެ ސީނިއަރ މެނޭޖްމަންޓްގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެސް ސްކޫލް ހިންގުން ހަރުދަނާ ކުރުމަށް ތަމްރީނުތައް ދެމުން ގެންދާ ކަމަށެވެ. ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށް ދިނުމަށް ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ މަސައްކަތް ފަށައިގަނެ 17 ޕްރިންސިޕަލުން ތަމްރީނު ކުރެވި، އަތޮޅުތެރޭގެ ސްކޫލްތަކުގައި އެ ޕްރިންސިޕަލުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ދެވަނަ ބުރުގައި ދިހަ ޕްރިންސިޕަލުން މެލޭޝިޔާގެ މަލާޔާ ޔުނިވަރސިޓީން މާސްޓާސް ފެންވަރަށް ތަމްރީނު ކުރުމަށް އެމްޑަބްލިއުއެސްސީއާއެކު ވަނީ ދާދި ފަހުން ސޮއިވެސް ކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *