28 ސްކޫލެއްގައި މަސައްކަތްތެރިކަމުގެ ތަޢުލީމު ފަށަނީ

މާލެއާއި އަތޮޅުތައް ހިމެނޭހެން 28 ސްކޫލެއްގައި މަސައްކަތްތެރިކަން ދަސްކޮށްދޭނެ ވާކްޝިޕްތަކެއް ހެދުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން ޑރ. އާއިޝަތު އަލީ ވިދާޅުވީ، މަސައްކަތްތެރިކަމުގެ ތައުލީމަށް ވަރަށް ބޮޑު ސަމާލުކަމެއް މިހާރު ދޭ ކަމަށާއި، ތަޢުލީމުގެ ޤާނޫނުގެ ދަށުން ރަސްމީ ތައުލީމުގެ ތެރެއަށް މަސައްކަތްތެރިކަން ހިމަނަން ލާޒިމް ވެސް ކޮށްފައިވާ ކަމަށެވެ.

" އެ މަސައްކަތް މިހާރު ފަށައިގަނެފިން. ފުރަތަމަ ބަލަނީ ކޮންމެ އަތޮޅެއްގައި ރަނގަޅު މަސައްކަތް ދަސްކޮށްދޭ ވާރކްޝޮޕެއް ބިނާކުރަން" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މަސައްކަތްތެރިކަން ސްކޫތަކުގެ ތެރެއަށް ފުޅާކުރުމަށް ހުރިހާ އަތޮޅަކުންނާއި މާލެ ސަރަހައްދުން 28 ސްކޫލެއް ފާހަގަކުރެވި އެ ސްކޫލްތަކުގައި މަސައްކަތް ފަށައިގަތުމަށް ވާރލްޑް ބޭންކްގެ އެހީވެސް މިހާރު ލިބިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މަސައްކަތްތެރިކަމުގެ ތަޢުލީމު ފަށައިގަންނައިރު ދެ ކަމަކަށް ފޯކަސްކުރާނެ ކަމަށެވެ.

"ފުރަތަމަ ކަމަކީ ދަށު ގުރޭޑް ތަކުގެ ކުދިންނަށް މަސައްކަތްތެރިކަމަށް އަހުލުވެރިކުރުވުމަށް ޖެނެރަލް ސްކިލްސް ދަސްކޮށްދިނުން. ދެވަނަ އަށް ކުރާ ކަމަކީ އެ ރަށެއްގައި އެންމެ ބޮޑަށް ކުރާ މަސައްކަތެއް ސްކޫލްގެ ތެރެއިން ދަރިވަރުންނަށް ދަސްކޮށްދިނުން" ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްަޓަރު ވިދާޅުވީ މިހާރު ކުރިއަށް ދަނީ ސްކޫލްތަކުގައި ކުރިއަށް ގެންދާނީ ކޮން މަސައްކަތެއްތޯ ދެނެގަނެ ތަކެތި ހޯދުމުގެ މަސައްކަތް ކަމަށެވެ. އަންނަ އޮގަސްޓްގައި މި 28 ސްކޫލުގައި ސްކިލް އެޑިޔުކޭޝަން ފަށައިގަނެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މަސައްކަތްތެރިކަމަށް ދަރިވަރުން ޝަޢުޤުވެރި ކުރުވުމަށް ބައެއް ސްކޫލްތަކުން ދަނީ މިހާރުވެސް މަސައްކަތްތަކެއް ކުރަމުންނެވެ.

ސާނަވީ ނިންމާ ދަރިވަރުންނަށް ހުނަރު ޕްރޮގްރާމެއް މިހާރުވެސް ސްކޫލްތަކުން ހިންގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *